ސިންގަޕޫރުން ރާއްޖެއަށް ޓްރެވަލް އަޑްވައިޒަރީއެއް ނެތް: ފޮރިން މިނިސްޓްރީ

ރާއްޖެއަށް ދަތުރުކުރާއިރު ސަމާލުވާން އެދި ސިންގަޕޫރުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާ ކަމަށް ބުނާ ހަބަރުތައް އެ ގައުމުގެ ސަރުކާރާ ހަވާލާދީ ފޮރިން މިނިސްޓްރީން ދޮގުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރުނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އަންގާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ތަފްސީލު - އެ ހަބަރުތައް ދޮގުކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސްއެއް ފަހުގެ ތާރީހެއްގައި ނުނެރޭ ކަމަށް ސިންގަޕޫރު ސަރުކާރުން މިނިސްޓްރީއަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މިފަހުގެ ތާރީހެއްގައި ނެރެފައިވާ އިލްތިމާސްއެއް ނޫން ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.
"ރާއްޖެއާ އެކުވެރި ގާތްގުޅުމެއް ދަމަހައްޓަމުންދާ ގައުމުތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނާއި ރާއްޖޭޭގެ އިގްތިސާދަށް ކުރުމަކީ އެކަށީގެންވާ ކަމެކެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެއާ އެކު ފޮރިން މިނިސްޓްރީން ވަނީ ޒިންމާދާރުކަމާ އެކު ހަބަރު ގެނެސްދިނުމަށާއި އެކުވެރި ގައުމުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުވުމަށް އިލްތިމާސްކޮށްފަ އެވެ.
އެނގުން މުހިންމު - ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުން ފެންނަ ގޮތުގައި އެންމެ ފަހުން ޓްރެވަލް އެޑްވަައިޒަރީއެއް ނެރުނީ ޖައްމު އާއި ކަޝްމީރު އަދި ޕާކިސްތާނަށެވެ.
އޭގެ ކުރިން މިދިޔަ މަހު ޓްރެވަލް އެޑްވައިޒަރީއެއް ނެރުނީ ނައިޖީރިއާ، ބަންގްލަދޭޝް، އަދި ނޭޕާލް އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ