ލޯބިވެރިޔާ މަލައިކާ މާބަނޑުވިކަމަށް ބުނެ ފަތުރަމުންދާ ޚަބަރު އަރުޖުން ކަޕޫރު ދޮގުކޮށްފި

އަމިއްލަ ދިރިއުޅުމާބެހޭގޮތުން ނޫސްތަކުގައި ލިޔުމުގެކުރިން އެލިޔާ ޚަބަރުތަކުގެ ތެދު ދޮގު އޮޅުންފިލުވުމަށް އެކްޓަރު އަރުޖުން ކަޕޫރު އިންޑިއާގެ ނޫސްވެރިންގެ ފަރާތުން އެދެފިއެވެ. އަރުޖުން ކަޕޫރު މިފަދަގޮތަކަށް ނޫސްވެރިންނާ މުހާތަބުކޮށް ވާހަކަދައްކާފައިވަނީ ލޯބިވެރިޔާ މަލައިކާ މާބަނޑުވެއިންކަމަށް ބުނެ އިންޑިއާގެ މީޑިއާތަކުން ޚަބަރު ފެތުރުމާ ގުޅިގެންނެވެ. އަރުޖުންއާއި މަލައިކާއަކީ އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަން އަބަދުވެސް ހޯދަމުން އަންނަ ދެ ސެލެބްރިޓީންނެވެ. އަރުޖުންއާއި މަލައިކާގެ ދިރިއުޅުމާބެހޭގޮތުން ސޯޝަލް މީޑިއާގައިކުރެވޭ ޓްރޯލްތަކަކީ ދެ ތަރިންނަށް ވެސް އާކަމެއް ނޫނެވެ. އިންޑިއާގެ މީޑިއާތަކުން ފަތުރާ ދޮގު ޚަބަރުތަކާބެހޭގޮތުން ވާހަކަދައްކަމުން އެކްޓަރު އަރުޖުން ކަޕޫރު ބުނީ ބައެއްގެ ދިރިއުޅުމާބެހޭގޮތުން ދޮގު މަޢުލޫމާތުތަކެއް ފެތުރުމަކީ ވަރަށް ފަސޭހަކަމެއް ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެކަމާ ގުޅިގެން އެ ވާހަކަތައް ނިސްބަތްވާ ބައެއްގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ބަޔަކަށް އަންދާޒާކުރަން ވެސް ދަތިވާނެކަމަށް އަރުޖުން ވަނީ ބުނެފައެވެ. އަރުޖުން ބުނެފައިވަނީ މިހާތަނަށްވެސް އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް މީޑިއާއަށް ސިއްރުކޮށްފައި ނުވާއިރު ހަގީގަތެއްނެތް ވާހަކަތަކެއް ފަތުރައިގެން ބަޔަކަށް ކުރާނެ ފައިދާއެއް ނުވިސްނޭ ކަމަށެވެ. ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ދިރިއުޅުމަކީ ފޮރުވޭނެ އެއްޗެއް ނޫން ކަމަށާއި ފިލްމު ކުޅުމުގެ މައިދާނަށް ނުކުންނަ ހިސާބުން އެބައެއްގެ ދިރިއުޅުމުގައި ހިނގާ ކަންތައްތަކަށް ފާރަލާނޭ ބަޔަކު އަބަދުވެސް ތިބޭނެ ކަމަށް ގަބޫލުކުރާކަމަށް އޭބާ ބުންޏެވެ. މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަކީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުން އާއްމުންނާ ހަމައަށް ވާސިލުވުމަށް ބޭނުންކުރާ އެއް ވަސީލަތްކަމަށްވާއިރު ތެދު ޚަބަރުތައް ލިޔުމުގެ ޒިންމާ އެ ފަރާތްތަކުން ނަގަންޖެހޭކަމަށް އަރުޖުން ވަނީ ބުނެފައެވެ. އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ ލޯބީގެގޮތުން ގުޅިގެން އުޅޭތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ދެ ތަރިންގެ ޢުމުރުގެ ތަފާތުކަމާހުރެ ގިނަ ބައެއްގެ ފާޑުކިޔުން ދެ މީހުންނަށް ވެސް ލިބެއެވެ. މަލައިކާއާއެކު ދިރިއުޅުން ވޭތުކުރުމުގެ ނިންމުމަކީ، އަރުޖުންގެ އަމިއްލަ ނިންމުމެއް ކަމަށާއި އެ ނިންމުން އެހެން މީހުން ބަލައިގަންނާނެކަމަށް އަރުޖުން ނުދެކޭކަމަށް ވެސް އެކްޓަރު ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ