އެއްވެސް މީހަކީ ހަލާކުވެގެންވާ މީހަކު ކަމުގައި ﷲ ތަޢާލާ ލައްވަވައިފިނަމަ އެމީހެއްގެ ޙާލާއިމެދު ވިސްނައިލާށެވެ! އެހެންވެ ބުނެދޭން މިއުޅެނީ ނަމާދުކުރިނަމަވެސް ހަލާކުހުރި މީހުންގެ ވާހަކައެވެ.
ފުރަތަމަވެސް ބަލައިލަންވީ ﷲ ތަޢާލާގެ ވަޙީބަސްފުޅަށެވެ!
"ފަހެ، އެއިރެންގެ ނަމާދަށް ޣާފިލުވެ ތިބެ ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކުހުއްޓެވެ." (އަލްމާޢޫން: 4،5)
މީސްތަކުންގެ ތެރޭގައި ނަމާދުކުރާ، އެހަނަސް "ހަލާކު ހުރި" މީހުން ގިނަވެއްޖެއެވެ. އެމީހުން ނަމާދުކުރެއެވެ. ނަމަވެސް އެކަމުގެ ފައިދާއެއް އެމީހުންނަކަށް ނުކުރެއެވެ. އެމީހުންނަށް ލިބެނީ ގެއްލުމާއި ހަލާކެވެ.
މީސްތަކުންނޭވެ! ވަޙީ ބަސްފުޅު ކިތަންމެ ކުރު ނަމަވެސް މިއީ ވަރަށް މުހިންމު ވަޙީ ބަސްފުޅެކެވެ. އެނގިގެން މިދަނީ ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދީ ނަމާދުކުރާ މީހުންނަށް އެކަމުން ކުރާނެ ފައިދާއެއް ނެތްކަމާއި ހުރީ ގެއްލުމާއި ހަލާކުކަމެވެ.
މިއާޔަތުގައި އެވަނީ ޙަރަކާތްތަކެއް ކުރުމަކުން ނަމާދަކަށް ނުވާނެކަމެވެ. ނަމާދުގެ ފައިދާކުރާނީ ގުނަވަންތަކުން ޙަރަކާތްކުރުމުގެ އިތުރުން ހިތުގެ ސަމާލުކަން ނަމާދަށްދީގެންކަމެވެ. ވީމާ ނަމާދުކުރަންޖެހޭނީ ގުނަވަންތަކުން އެކަންޏެއް ނޫނެވެ. ހިތާއި ގުނަވަންތަކުންނެވެ.
ހިތުން ނަމާދުކުރުމަކީ ނަމާދަށް ދޭންޖެހޭ ސަމާލުކަންދީގެން ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމެވެ. ނަމާދުން ބޭރު ކަންކަމަށް ވިސްނަމުން ގުނަވަންތަކުން ޙަރަކާތްތަކެއް ކުރިނަމަވެސް އެކުރެވެނީ ނަމާދެއްނޫނެވެ. އަދި ޣާފިލުވެހުރެގެން ނަމާދުކުރުމުން އެމީހަކަށް ލިބޭނީ ގެއްލުމާއި ހަލާކެވެ.
ވީމާ ކުރާ ނަމާދަކީ ނަމާދަކަށް ހަދަން ސަމާލުކަން އިތުރުކުރާށެވެ! ކުރާ ކޮންމެ ނަމާދަކީވެސް ތިމާއަށް ކުރެވޭ އެންމެ ފަހު ނަމާދުކަމަށް ވެދާނެކަމަށް ވިސްނައި ވީހައި ބޮޑަށް ސަމާލުކަންދީގެން ނަމާދުކުރަން ޙަދީޘްފުޅުކުރައްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
މީސްތަކުންގެ ތެރޭގައި ނަމާދުކުރާ، އެހަނަސް "ހަލާކު ހުރި" މީހުން ގިނަވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ