ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓް ރިޒާގެ ކޮއްކޮއަށް

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުސައިން ރިޒާއަށް ދީފިއެވެ.
ހުސައިން ރިޒާ އަކީ، އެ ދާއިރާ ތަމްސީލްކުރައްވަނިކޮށް އަވަހާރަވި މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ޕީޕީއެމްގެ މެމްބަރުންނަށް ހުޅުވައިލުމުން އެކަމަށް ކުރިމަތިލައްވާފައިވަނީ ވެސް ހުސައިން ރިޒާ އެކަންޏެވެ.
ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެޕާޓީގެ އާންމު މެމްބަރެއްގެ ގޮތުގައި މިހައިތަނަށް ހުންނެވި ހުސައިން ރިޒާއަށް އެ ޕާޓީގެ ޓިކެޓް ލިބިވަޑައިގަތީ މުއްދަތު ހަމަވިއިރު، އެހެން އެއްވެސް މީހަކު ކުރިމަތިލާފައި ނުވާތީ ކަމަށެވެ. އަދި ހުސައިން ރިޒާގެ ކެމްޕޭން ވަރަށް އަވަހަށް އެ ޕާޓީން ފަށާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި ފާއިތުވި ތިން ދައުރުގައި ހުންނެވި ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް މި ފެބްރުއަރީ މަހުގެ 23 ގަ އެވެ.
ޕީޕީއެމްގެ އިތުރުން އެމްޑީޕީ އާއި އެމްއެންޕީ އިން ވެސް ވަނީ އެ ދާއިރާއަށް ކުރުމަތިލުމަށް ނިންމާފައެވެ.
އެގޮތުން އެމްއެންޕީ އިން އެ ދާއިރާއަށް ވާދަކުރައްވަނީ އަލީ އަރީފެވެ.
އެމްޑީޕީން ބައި އިލެކްޝަނަށް ހުޅުވާލާފައި އޮތް އިރު، އެމްޑީޕީގެ ޓިކެޓަށް އެދި ހަތަރު މީހަކު ކުރިމަތިލާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިއީ މި ދައުރުގެ މަޖިލީހުގައި ބައި އިލެކްޝަން ބާއްވާ، ދެވަނަ ދާއިރާ އެވެ. މިދިޔަ އަހަރު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވީ، ކުރިން އެ ދާއިރާގައި މެންބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ