ހުޅުމާލޭގައި އަޅާ ދުނިޔޭގެ ފެންވަރުގެ ޓެނިސް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި މިހާތަނަށް ކުރާ އެންމެ އަގުބޮޑު ޕްރޮޖެކްޓް ކަމަށްވާ ހުޅުމާލޭ ޓެނިސް ކޮމްޕްލެކްސްގެ ބިންގާ އަޅައިފިއެވެ.
ހުޅުމާލޭ ސިންތެޓިކް އެތްލެޓިކްސް ޓްރެކް ކައިރީގައި މި ކޮމްޕްލެކްސް އެޅުމުގެ މަސައްކަތުގެ ހަރަދުކުރައްވަނީ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮނަނަރީ ޕްރެޒިޑެންޓް އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނަޒީރު (ކްރައުން ނަޒީރު) އެވެ.
ޓެނިސް ކޮމްޕްލެކްސްގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިހާރުވެސް ހުޅުމާލޭގައި ކާމިޔާބު ޕްރޮޖެކްޓްތަކެއް ނިންމާފައިވާ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާއެވެ. ހުޅުމާލޭގެ އިންޑޯ ސްވިމިން ކޮމްޕްލެކްސްގެ މަސައްކަތް ނިންމާފައިވަނީ މި ކުންފުނިންނެވެ.
ބިންގާ އެޅުމުގެ މި ރަސްމިއްޔާތުގައި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ހަފީޒް އާއި ކުޅިވަރު ވަޒީރު އަހުމަދު މަހްލޫފުގެ އިތުރުން ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް އާއި ރޮޓައިމް ކުންފުނީގެ ވެރިޔާ ޒާއޮ ބައިވެރިވެވަޑައިގެންނެވި އެވެ.
ދުނިިޔޭގެ ފެންވަރުގެ ފެސިލިޓީތަކާއެކު އަޅާ މި ޓެނިސް ކޮމްޕްލެކްސްގައި 5 ޓެނިސް ކޯޓު ހިމެނޭނެއެވެ. އިންޑޯ ތިން ކޯޓު އަދި އައުޓްޑޯ ދެ ކޯޓު މި ޓެނިސް ކޮމްޕްލެކްސްގައި ހިމެނޭނެއެވެ. މި ޓެނިސް ކޯޓުތައް ހަދާނީ ފުރަތަމަ ފަންގިފިލާގައެވެ. މީގެއިތުރުން މި ފެސިލިޓީގައި ޒަމާނީ ފެންވަރުގެ ޖިމަކާއި ސައުނާ ޖަކޫޒީގެ އިތުރުން ކޮންފަރެންސް ބާއްވާ ހޯލަކާއި ރީޓެއިލް ފިހާރަތައް ހުންނާނެއެވެ.
މި ބިޔަބޮޑު މަސައްކަތް ކުރުމަށް ރޮޓައިމް ކުންފުންޏަށް ހަވާލުކޮށްފައިވަނީ 250 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ނިންމަން އެ ކުންފުނިން ނިންމާފައިވަނީ އެއް އަހަރުދުވަހުގެ ތެރޭގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓެނިސް އެސޯސިއޭޝަނުގެ ރައީސް ހަފީޒް ވިދާޅުވީ މިއީ މުޅި ޓެނިސް އާއިލާގެ ބޮޑު ހުވަފެނެއް ހަގީގަތަކަށްވުމުގެ މަސައްކަތުގެ ފެށުން ކަމަށެވެ. އެކަމަށްޓަކާ މި ސަރުކާރާއި ކުޅިވަރު ވަޒީރު މަހްލޫފްގެ ޓެނިސް ކުރިއަރުވަން ކުރައްވާ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކުރެއްވި އެވެ.
ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވީ މި ޓެނިސް ކޮމްޕްލެކްސް އަކީ މި ސަރުކާރުގައި ހޭދަވި ހަތަރު އަހަރުދުވަހުގެ ތެރޭގައި އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު މަސައްކަތް ކަމަށެވެ. އަދި މިއީ ކުޅިވަރަށް މިހާތަނަށް ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓްކަން ފާހަގަކޮށް މަހްލޫފް ވިދާޅުވީ އުއްމީދަކީ މި ފެސިލިޓީއާއެކު ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކެއް ހޯސްޓުކުރުމުގެ ފުރުސަތު ލިބޭނެ ދުވަހަކަށް ކަމަށެވެ.
ޓެނިސް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްދިނުމަށް ވަނީ އެހީތެރިވެދީފައެވެ. އެގޮތުން މާލޭގައި ހުންނަ ޓެނިސް ކޯޓުތަކުގެ އަދަދު ހަތަރަކަށް އިތުރުކޮށްދިނުމާއި ޓެނިހަށް ގިނަ ފުރުސަތުތައް މި ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ