ސުޕްރީމް ކޯޓުގެ ދެ ފަނޑިިޔާރުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރު ކުރި ރިޕޯޓު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމުގައި އަމަލު ކުރި ގޮތާ ގުޅިގެން މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ހިއްސާ ކުރެއްވި ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ކޮމިޓީގެ ރިޕޯޓު ތަޅުމަށް ފޮނުވަން އެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ޖުޑީޝަރީ ކޮމިޓީއާ ފިލްޒާ ހިއްސާ ކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން ކޮމިޓީގެ ނިންމުމަށް ބަދަލެއް ނުގެނެސް، ފިލްޒާގެ ކަންބޮޑުވުންތަކާ މަޖިލީޖުގެ ތަޅުމުން ގޮތެއް ނިންމަން، ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު، އަނާރާ ނައީމް އެވެ. މިގޮތަށް ފާސްކުރީ ކޮމިޓީގައި މިއަދު ބައިވެރިވެވަޑައިގެންނެވި ހަ މެންބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު، އިބްރާހިމް ނާޒިލް އެކަންޏެވެ.
ނާޒިލް ހުށަހެޅުއްވީ ފިލްޒާ ހިއްސާ ކުރެއްވި ކަންބޮޑުވުންތައް އިތުރަށް ކޮމިޓީގައި ދިރާސާ ކުރުމަށެވެ. ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ ކުރިން ފިލްޒާގެ ކަންބޮޑުވުންތަކާ ގުޅިގެން ކޮމިޓީން ގޮތެއް ކަނޑައެޅުމަށް ވެސް ނާޒިލްގެ ހުށަހެޅުމުގައި އެދިވަޑައިގެންނެވި އެވެ.
އޭނާ ވިދާޅުވީ ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ ކޮމިޓީން ދިރާސާ ކުރި ގޮތާ ގުޅިގެން ފިލްޒާ ހިއްސާ ކުރެއްވި ކަރުދާހުގައި ވަރަށް ބައިވަރު ކަންބޮޑުވުންތައް ފާހަގަކޮށްފައިވާ ކަމަށެވެ. އެ ކަރުދާހުގައި ފަސް ސަފުހާ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް މި ކޮމިޓީން އިތުރަށް ބަލަންޖެހޭ ކަމެއް އޮތިއްޔާމުން އެކަމެއް ބަލައި ރިޕޯޓަށް އަޅުގަނޑުމެންނަށް އިތުރަށް އިސްލާހުތަކެއް ގެނެވިދާނެތޯ ބަލައި، އެކަން ބަލާފައި ރިޕޯޓު އަނބުރާ ފްލޯއަށް ފޮނުވުމަކީ އަޅުގަނޑަށް ހީވަނީ މި ކޮމިޓީއަށް މިހާރުން މިހާރަށް ވެސް ކުރެވޭނެ ކަމެއްހެން، ހަމަ ލިބިގެންވާ ބާރެއް،" ނާޒިލް ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ އެދެން އެގޮތަށް އަމަލު ކޮށްދިނުމަށް، ކައުންސެލް ޖެނެރަލްގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްދިނުމަށް މި ކޮމިޓީން."
މިއަދުގެ ކޮމިޓީގައި ނާޒިލްގެ އިތުރުން ދެން ބައިވެރިވެވަޑައިގެންނެވީ ސަރުކާރަށް ތާއީދު ކުރައްވާ ޕީއެންސީގެ މެންބަރުންނެވެ. އޭގެ ތެރެއިން އެއްވެސް މެންބަރަކު ނާޒިލްގެ ހުށަހެޅުއްވުމަށް ތާއީދެއް ނުކުރައްވާތީ އެ ހުށަހެޅުމަށް ވޯޓަށް އަހާފައި ނުވެ އެވެ.
މިއަދުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ޝާހިދު ވިދާޅުވީ ފިލްޒާ ހިއްސާ ކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން ޖުޑީޝަރީ ކޮމިޓީގެ ނިންމުން ބަދަލު ކުރަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ ކަންބޮޑުވުންތައް ފިލްޒާ ހިއްސާ ކުރެއްވީ، އޭނާއަށް އޮންނަ ގާނޫނީ ޒިންމާގެ ތެރެއިން ކަމަށް ޝާހިދު ވިދާޅުވި އެވެ.
ފަނޑިޔާރުންގެ މައްސަލައިގައި ކައުންސެލް ޖެނެރަލްގެ ހުރި ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ކޮމިޓީގެ ރިޕޯޓު ތަޅުމަށް ފޮނުވައިފި ފަނޑިޔާރުންގެ މައްސަލައިގައި ކައުންސެލް ޖެނެރަލްގެ ހުރި ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ކޮމިޓީގެ ރިޕޯޓު ތަޅުމަށް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ