ޓޫއޮފްއަސްގެ ބޮޑު ޝޯއެއް 23 މޭގައި

އިންޑިއާގެ 'ބެޓަލް އޮފް ދަ ބޭންޑްސް' ޓީވީ ޝޯގައި ބައިވެރިވެ ތިންވަނަ ހޯދި ދިވެހި ބޭންޑް ޓޫއޮފްއަސް މި މަހުގެ 23ގައި އޮލިމްޕަހުގައި ޝޯއެއް ދިނުމަށް ނިންމައިފި އެވެ.
ޓޫއޮފްއަސް 'ބެޓަލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް'ގައި ބައިވެރިވެގެން ހޯދި ކާމިޔާބީ ފާހަގަކުރާ މި ޝޯގައި ދިވެހި ފަންނާނުންގެ އިތުރުން އިންޑިއާގެ ބައެއް ފަންނާނުން ވެސް ބައިވެރިވާނެ އެވެ. ޓޫއޮފްއަސްއަށް ސްޓޭޖް ހުޅުވައިދޭނީ ވެސް ބޮލީވުޑްގެ މި ފަންނާނުންނެވެ.
އޮލިމްޕަހުގައި ރޭގަނޑު 8 އިން 12 އަށް ކުރިއަށްގެންދާ މި ޝޯގައި މިއުޒިކް ހުށަހަޅައިދޭން ހަމަޖެހިފައިވާ އިންޑިއާގެ ފަންނާނުންނަކީ:
ޝްރައްދާ ޕަންޑިތު
ޝްރުޓީ ޕަތަކް
ރާޖާ ހަސަން
ޝިވޯހަމް
ޓޫއޮފްއަސްގެ އިތުރުން މި ޝޯގައި ޕާފޯމް ކުރުމަށް ހަމަޖެހިފައިވާ ދިވެހި ފަންްނާނުންނަކީ ދިވެހި ބޮޑުބެރު ކުޅޭ ހަރުބީގެ މަމްދޫހު އާއި މުހައްމަދު މައިސާން (ބޮކިޓޯސް) އެވެ.
ޝޯ ހޯސްޓް ކުރާނީ އިންޑިއާގެ ފަންނާނެއް ކަމަށްވާ ކެޓާން ސިންގު އެވެ.
ޓޫއޮފްއަސް އިން ބުނިގޮތުގައި 435 މީހުންގެ  ޖާގަ އޮންނަ އޮލިމްޕަހުގައި މި ޝޯއަށް ތިން ކެޓަގަރީއެއްގެ ޓިކެޓް ވިއްކުމަށް ވަނީ ހަމަޖެހިފައި އެވެ. ވީއައިޕީ ޓިކެޓުގައި ފަންނާނުންނާ ސަލާން ގަލާންކޮށްލުމުގެ ފުރުސަތު އޮންނާނެ އެވެ.
އޭގެ އިތުރުން ވިއްކާނީ 'ފްރަންޓް ރޯ ޕްރީމިއަމް' އަދި 'ޖެނެރަލް އެޑްމިޝަން' ޓިކެޓްތަކެވެ.
ޓޫއޮފްއަސް އިން ބުނީ މި ޝޯގެ ޓިކެޓް ވިއްކާ ލިންކްތައް ސޯޝަލް މީޑީއާ މެދުވެރިކޮށް ދާދި އަވަހަށް ހާމަ ކުރާނެ ކަމަށެވެ.
އިންޑިއާގެ ޓީވީ ޝޯގައި ދެއްކި ހުނަރާ އެކު އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާ ޓޫއޮފްއަސް އިން އަންނަނީ ކުރިއަށް އޮތް ބޮޑު އީދުގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް ރަށްރަށުގައި ޝޯ ދިނުމަށް ވެސް ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ