23 އަހަރުންދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް މިފަހަރު ވެސް ކާމިޔާބުކުރީ ޕާކް އެސްސީ

"އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025" ގެ ފައިނަލުގައި އަންގާރަ ދުވަހުގެ ރޭ ޕާކް ބޯއީސް އާއި އެންމެ ފަހުގެ ޗެންޕިއަން ޕާކް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕާކް ސްޕޯޓްސް ކުލަބުން މުބާރާތުގެ ތަށި ޖެހިޖެހިގެން ދެވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
މުބާރާތުގެ ފައިނަލުން ޕާކް ބޯއީސް ޖާގަ ހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ޕީކޭ އެކަޑެމީ ބަލިކުރުމަށްފަހު އެވެ. އަދި ޕާކް ސްޕޯޓްސް ކުލަބު މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި 4-1 ގެ ނަތީޖާއަކުން ޓީއެފްޕީ ބަލިކުރުމަށްފަހުއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ވަރަށް ކުރީކޮޅު ޕާކް ސްޕޯޓްސް ކުލަބުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިސާމް އެވެ.
Advertisement
މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ޝަނާން ރަޝާދު ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ޕާކް ބޯއީސްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި މުޅިން ހުސްކޮށްހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-0 ގެ ނަތީޖާއަކުން ޕާކް ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޕާކް ސްޕޯޓްސް ކުލަބުން ވަރުގަދަކޮށް ފެށިއިރު، ފަހުހާފުގެ 24 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ޝަނާން ރަޝާދު އެވެ
ޕާކް ސްޕޯޓްސް ކުލަބުން ދެލަނޑުގެ ލީޑެއް ހޯދުމާއެކު ޕާކް ބޯއީސް އިން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިހާފުގައި އެޓީމުން ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުންނުކުރެވި މެޗު ނިމެންދަނިކޮށް ޕާކް ސްޕޯޓްސް ކުލަބުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްފައެެވެ.
މިލަނޑަކީ އެޓީމުގެ ޝަނާން ޕާކް ބޯއީސްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޕާކް ބޯއީސްގެ ނާއިލް ފައިގައިޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ޕާކް ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕާކް ސްޕޯޓްސް ކުލަބުގެ ގޯލުކީޕަރު ފައްޔާޒު ފަޔާޒު އެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޕޯޓްސް ކްލަބް ބަފާނާގެ މުހައްމަދު ރިފާއު ހަސަން އެވެ. އަދި ފެއާޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ ކްލަބް ގަލަކްޓިކޯސްގެ އަހުމަދު ރާހިލް ރަޝީދު އެވެ. އަދި ފެއާޕްލޭ ޓީމަކީ ޕީކޭ އެކަޑެމީ ހޮވުނުއިރު އެންމެ މޮޅު ކޯޗަކީ ޕީކޭ އެކަޑެމީގެ ކޯޗް އަހުމަދު ވިސާލް އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އިބްރާހިމް ޝައުފު މުހައްމަދު (ޕާކް ބޯއީސް)، ޝަނާން ރަޝާދު (ޕާކް ސްޕޯޓްސް ކުލަބު)، އަހުމަދު އަފްލާޒް (ޓީއެފްޕީ)، ފައްޔާޒު ފަޔާޒް (ޕާކް ސްޕޯޓްސް ކުލަބު) އަދި މުހައްމަދު ޝާއިން (ޕާކް ސްޕޯޓްސް ކުލަބު) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޝަނާން ރަޝާދު (ޕާކް ސްޕޯޓްސް ކުލަބު) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ