ބޭސް ހޯދަން އުނދަގޫވެގެން 1،600އަށް ވުރެ ގިނަ ޝަކުވާ

އާސަންދަ މެދުވެރިކޮށް ބޭސް ލިބުމުގައި ހުރި ކަންބޮޑުވުންތައް ރިޕޯޓު ކުރުމަށް ހާއްސަ ހޮޓްލައިނެއް ގާއިމް ކުރި ފަހުން 1،673 ޝަކުވާ ލިބިފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އާންމުކޮށް ބޮޑެތި އަދި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އާސަންދަ މެދުވެރިކޮށް ބޭސް ގަންނަން ނުލިބުމާއި މީގެ ކުރިން އާސަންދަ އިން ލިބުނު ބޭސްތައް މިހާރު އެ ސްކީމުގެ ދަށުން ނުލިބޭކަމުގެ ޝަކުވާ އަށް ހައްލު ހޯދުމަށް ޝަކުވާތައް ހުށަހަޅާނނެ ހޮޓްލައިނެއް އާސަންދަ އިން ގާއިމް ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.
ތަފްސީލް - މިދިޔަ 5 ޑިސެމްބަރުން ފެށިގެން އޭޕްރީލްގެ ނިޔަލަށް އެ ހޮޓްލައިނަށް 1،673 ޝަކުވާ ލިބިފައިވާ ކަމަށް އާސަންދަ އިން ބުންޏެވެ.
ޝަކުވާތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް އެދުމުން ދިން ޖަވާބުގައި އާސަންދަ އިން ބުނީ:
1،457 ޝަކުވާއަށް ޖަވާބުދާރީވެފައިވޭ
ޖަވާބު ނުދެވެނީ 216 ޝަކުވާއަށް؛ އެއީ ޝަކުވާ ހުށަހެޅި މީހުންނާ ނުގުޅޭތީ
189 ޝަކުވާއަށް ހައްލު ހޯދައިދެވިފައިވޭ؛ އެއީ ބޭސް ލިބެން ހުރި ފާމަސީތަކުގެ މައުލޫމާތު ފޯރުކޮށްދީގެން
އާސަންދަ އިން ބުނީ ހައްލު ހޯދައިނުދެވޭ ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ބޭސް ނުލިބުމުގެ ޝަކުވާތަކާއި ރާއްޖެއިން ލިބެން ނެތް ބޭސްތަކާ ގުޅޭ ޝަކުވާތައް ކަމަށެވެ.
މީގެ އިތުރުން:
އަމިއްލައަށް ބޭސް ގަންނަން ޖެހޭ ހާލަތްތަކުގައި ބޭސް ގަތުމަށް ފަހު ހުށަހަޅާފައިވާ ޝަކުވާތަކަށް ވެސް ހައްލެއް ހޯދައި ނުދެވޭ؛ އެއީ ރީއިމްބާސްކޮށްދިނުމުގެ އުސޫލެއް އާސަންދަ ސްކީމުގައި ނޯންނާތީ
އެފަދަ ހާލަތްތަކުގައި ބޭސް ގަތުމުގެ ކުރިން އާސަންދައަށް ރިޕޯޓު ކުރަން ބަލިމީހުންނަށް އިރުޝާދު ދީފައިވޭ
ރާއްޖެއިން ގަންނަން ނުލިބޭ ބޭސް ފަސޭހައިން ހޯދޭނެ އިންތިޒާމުތަކުގެ މައުލޫމާތު ވެސް ހިއްސާކުރޭ
އާސަންދަ އިން ބުނީ ބޭސް ނުލިބުމުގެ މައްސަލައަށް ހައްލު ހޯދުމަށް އެސްޓީއޯ އިން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ރާއްޖޭގައި ހޯދަން އުނދަގޫ ބޭސްތަކާއި އާންމުކޮށް ބޭނުންކުރާ ބޭސްތައް ދެނެގަނެ އެ ބޭސްތައް އެތެރެކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ފާހަގަ ކުރެވޭ - އާސަންދަ ރިފޯމުގެ ތެރެއިން ގެނައި ބަދަލުތަކާ އެކު ރާއްޖެއަށް ބޭސް އެތެރެކުރާ ބައެއް ކުންފުނިތަކުން ބޭސް އެތެރެކުރުން ހުއްޓާލި ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މި މަހުގެ 3 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުރިން %1000-%2000 ފައިދާ ލާފައި ބައެއް ވިޔަފާރިވެރިން ބޭސް ވިއްކި ކަމަށާއި އާސަންދަ ރިފޯމުގެ ދަށުން ގެނައި ބަދަލުތަކާ އެކު ވިޔަފާރިތަކުން ބޭސް ގެނައުން ކުއްލިއަކަށް ހުއްޓާލީ ކަމަށެވެ.
 ރާއްޖޭގެ މާކެޓުން ބައެއް ބޭސްތައް ލިބުން ދަތިވެގެން ދިޔައީ ވިޔަފާރިތަކުން ގަސްދުގައި އެޅި އެ ފިޔަވަޅުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ހަމަ ގަސްދުގައި ގެނައުން ހުއްޓާލީ ބައެއް ބޭސް،" ރައީސް ވިދާޅުވި އެވެ.
"ހުއްޓާލީމާ ތާށިތަކެއް ދިމާވީ. އެސްޓީއޯއަށް ވަގުތުން ނުގެނެވުނީ ބޭސް އެހާ ވަރަށް."
ބޭހުގެ ދަތިކަން ނައްތާލުމަށް ބައެއް ފިޔަވަޅުތައް އަޅާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން:
އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ 10 ބޭހެއް ފިޔަވާ ހުރިހާ ބޭހެއް ގެނެސްފި
އެސްޓީއޯގެ ހުރިހާ ފިހާރައެއްގައި އެ ބޭސްތައް ހުންނާނެ
އެޕްރޫވްޑް ޑްރަގު ލިސްޓުގައި ހިމެނޭ 1،207 ބޭހުގެ ތެރެއިން 784 ބޭސް އެސްޓީއޯ އިން ލިބޭނެ
ބާކީ ބޭސްތައް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ