"ރީޑް ޖަޕާން ޕްރޮޖެކްޓް"ގެ ދަށުން ޖަޕާނުން ކުޅުދުއްފުށީ ލައިބްރަރީއަށް 178 ފޮތް ހަދިޔާކޮށްފި

ޖަޕާނުން ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ރާއްޖޭގެ މިހާރުގެ ހާލަތު ދެނެގަތުމަށް އެހީވުމުގެ ގޮތުން 178 ފޮތް ހަދިޔާކޮށްފިއެވެ. ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖަޕާނުގެ ސަފީރު އިޝިގާމީ ރުމިކޯ ވަނީ ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް 178 ފޮތް ހަދިޔާކުރައްވާފައެވެ. ޖަޕާނު އެމްބަސީއިން ވަނީ އެ ފޮތްތައް ހަދިޔާކޮށްފައި ވަނީ "ރީޑް ޖަޕާން ޕްރޮޖެކްޓް"ގެ ދަށުން ކަަމަށް ބުނެފައެވެ. އެ ޕްރޮޖެކްޓަކީ 2008 ވަނަ އަހަރު ނިޕޮން ފައުންޑޭޝަންއިން ފަށާފައިވާ މަޝްރޫޢެކެވެ. އެ މަޝްރޫޢުގެ މަގުޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކިޔުންތެރިންނަށް މިހާރުގެ ޖަޕާނުގެ ސައްޙަ މަންޒަރެއް ފޯރުކޮށްދިނުން ކަމަށެވެ. އެ ފޮތްތައް ހޮވާފައިވަނީ ބައިނަލްއަގުވާމީ މާހިރުންގެ ޕެނަލަކުން ކަމަށް ޖަޕާން އެމްބަސީން ވަނީ ބުނެފައެވެ. "ރީޑް ޖަޕާން ޕްރޮޖެކްޓް"ގެ ދަށުން ޖަޕާނުން ކުޅުދުއްފުށީ ލައިބްރަރީއަށް 178 ފޮތް ހަދިޔާކުރުން -- ފޮޓޯ/ ޖަޕާން އެމްބަސީ އެމްބަސީން ވަނީ އެ ފޮތްތަކުގައި ޖަޕާނާ ގުޅޭ މައިގަނޑު ފަސް ދާއިރާއެއް ހިމެނޭ ކަމަށް ބުނެފައެވެ. އޭގެތެރޭގައި ހިމެނެނީ: 1. ސިޔާސަތާއި ބައިނަލްއަގުވާމީ ގުޅުންތައް2. އިގުތިޞާދާއި ވިޔަފާރި3. މުޖުތަމަޢުއާއި ސަގާފަތް4. އަދަބިއްޔާތު5. ފަންނުވެރިކަމާއި ތާރީޚު ނިޕޮން ފައުންޑޭޝަނުން މި މަޝްރޫޢުގެ ދަށުން 2010 ވަނަ އަހަރު ވަނީ ދިވެހިރާއްޖޭގެ ގައުމީ ކުތުބުޚާނާއަށާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަނަށް ފޮތް ހަދިޔާކޮށްފައެވެ. އަދި 2017 ވަނަ އަހަރު ހިރިޔާ ސްކޫލަށް ފޮތް ހަދިޔާކޮށްފައި ވާއިރު 2018 ވަނަ އަހަރު ސިވިލް ސަވިސް ޓްރެއިނިން އިންސްޓިޓިއުޓަށް އަދި 2023 ވަނަ އަހަރު މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީއަށް ވަނީ ފޮތް ހަދިޔާކޮށްފައެވެ. ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް އެ ފޮތްތައް ހަދިޔާކުރުމުން، ޒުވާނުންނާއި ދަރިވަރުންގެ މެދުގައި ޖަޕާނާ ދޭތެރޭ ޝައުގުވެރިކަން އުފެދި މިހާރުގެ ޖަޕާނާ ބެހޭގޮތުން އިތުރަށް ދެނެގަތުމުގެ ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރާކަމަށް ޖަޕާނު އެމްބަސީއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ