ކަރަންޓު ކެނޑިދާނެތީ ބަހައްޓަން އުޅުނު ޓްރާންސްފޯމަރުތަކަށް ކައުންސިލުން ބިން ނުދޭ: ސްޓެލްކޯ

އާ ޓްރާންސްފޯމަރު ބަހައްޓަން ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް އެދި މާލޭ ސިޓީކައުންސިލަށް ތަކުރާރުކޮށް ސިޓީ ފޮނުވާފައިވާ ނަމަވެސް ޖަވާބެއް ނުލިބޭ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
މިއަދު ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން ސްޓެލްކޯއިން ވަނީ އެދިފައިވީ ނަމަވެސް، އެ ކައުންސިލުން އެއިން އެއްވެސް ސިޓީއަކަށް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.
އެ ތިން ސަބްސްޓޭޝަނަކީ:
- ގާކޮށި، ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަން
- މަޖީދިއްޔާ ސްކޫލު ކުރިމައްޗަށް ވާގޮތައް ހުރި ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަން
- ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަން
އެ ކުންފުނިން 2021 ވަނަ އަހަރުން ފެށިގެން އެދެމުން ދާގޮތަށް ބިން ހަމަޖައްސައިނުދީފިނަމަ މާލޭގެ ބޮޑު ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތް ކަން އަދި އެކަމުގެ ސަބަބުން އުނދަގޫތަކެއް ރައްޔިތުން ތަހައްމަލްކުރަންޖެހިދާނެ ކަން އެ ސިޓީތަކުގައި ބަޔާން ކުރި ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެ ޓްރާންސްފޯމަރުތައް އަވަސް ގޮތެއްގައި ނުބެހެއްޓިއްޖެނަމަ ލިބިދާނެ ގެއްލުންތައް ކަމަށް ސްޓެލްކޯ ސިޓީތަކުގައި ބަޔާންކުރި ގެއްލުންތައް:
- އާ ޓްރާންސްފޯމަރުތައް ނުބެހެއްޓިއްޖެ ނަމަ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކަރަންޓު ކެނޑުންފަދަ ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް
- ކުރިއަށް އޮތް ދުވަސްތަކަކީ ހޫނު މޫސުމުގެ ދުވަސްތައް ކަމުގައިވާތީ އާއި ރޯދަމަހު އެ ޓްރާންސްފޯމަރުތައް އޯވާލޯޑްވެ ކަރަންޓު ކެނޑުންފަދަ ކަންކަން ދިމާވެދާނެ
ސްޓެލްކޯއިން ބުނި ގޮތުގައި، ސިނަމާލޭ 2 ގޯތި ތެރޭގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ އޯވާލޯޑްވުމުގެ ސަބަބުން ކައިރީގައި ހުރި އެހެން ޓްރާންސްފޯމަރުތަކަށް އޭގެ ބައެއް ލޯޑް ޓްރާންސްފާ ކުރަންޖެހިފައިވާ ޓްރާންސްފޯމަރެއް ކަމަށެވެ.
އަދި މިހާރު ޓްރާންސްފޯމަރުތައް ވެސް އޯވާލޯޑުވުމާ ގާތަށް ގޮސްފައިވާ ކަމަށް ބުންޏެވެ. އެ ސަބްސްޓޭޝަނަށް ބޭނުންވާ ބިން ހޯދުމަށް މެއި 2، 2021 ގައި ސިޓީ ކައުންސިލުގައި ރަސްމީކޮށް އެދި ފޮނުވި ސިޓީއަށް ޖަވާބެއް ނުލިބުން ގުޅިގެން އިތުރު ސިޓީތަކެއް ވެސް ފޮނުވި ނަމަވެސް، އެ ސިޓީތަކަށް ވެސް ޖަވާބު ނުލިބޭ ކަމަށް ބުންޏެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި، ވިޔަފާރިވެރިންގެ މިސްކިތް ކައިރީގައި ހުންނަ ޕާކިންޒޯން ހުރި ބިމުގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ 81 ޕަސެންޓު ޔުޓިލައިޒްކުރެވިފައިވާ ޓްރާންސްފޯމަރެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެހެންވެ، އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށް އެ ސަބްސްޓޭޝަން ބޮޑު ކުރަން ބިން ހަމަޖެއްސައިދިނުން އެދި ސިޓީ ސެޕްޓެމްބަރު، 13 2021 ގައި ފޮނުވި ސިޓީއަށް ވެސް ޖަވާބެއް ނުލިބޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެ އިތުރުން، މަޖީދިއްޔާ ސްކޫލް ކުރިމަތީ ޕާކިންޒޯން ކައިރީގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރުގެ 73 ޕަސެންޓް ޔުޓިލައިޒް ކުރެވިފައިވާއިރު، އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނާއި އިންވެގެން އޮންނަ ހުސް ބިންކޮޅެއް ހަމަޖައްސައިދިނުމަށް، 23 މެއި 2021 ގައި ފޮނުވި ސިޓީއާއި އޭގެ ފަހުން ފޮނުވި ސިޓީތަކަށް ވެސް ޖަވާބު ނުލިބޭ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
"މިކަން މިހެން އޮތް އިރު އަޅުގަނޑުމެންގެ އެދުމަކީ، ރައްޔިތުންނަށް މިކުންފުނިން ދެމުންގެންދާ ހިދުމަތް އޭގެ އެންމެ ފުރިހަމަގޮތުގައި އަދި މެދު ނުކެނޑި ފޯރުވައިދިނުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވާ، ޒިންމާދާރުކަމާއެކު، މި ކުންފުންޏާއި ގުޅިގެން އެކީގައި މަސައްކަތް ކުރުން،" ސްޓެލްކޯއިން ބުންޏެވެ.
މި ބިންތައް ހަމަޖެހި މި ޓްރާންސްފޯމަރުތައް ވީއެންމެ އަވަހަކަށް ބެހެއްޓުމަށް މިކުންފުނިން ބޭނުންވާ ކަމަށާއި ޓްރާންސްފޯމަރުތަށް ބެހެއްޓުމަށް ބޭނުންވާ ބިންތަކުގެ ކުރެހުންތައް ވެސް ހިއްސާކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެކަމަށްޓަކައި ބޭނުންވާ ޓްރާންސްފޯމަރުތަކާއި، އެހެނިހެން ސާމާނު ވެސް މިހާރު ކުންފުނީގައި ހުރި ކަމަށް ބުންޏެވެ.
އެ ބިންތައް ހަމަޖައްސައިދިނަށް އެކަމުގެ ސަބަބުން އެއްވެސް ބަޔަކަށް ނުވަތަ ބައެއްގެ ބިމަކަށްވެސް ގެއްލުމެއްވެސް އަދި އަސަރެއްވެސް ނުކުރާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މަގު ކޮނުމާއި މަގުމަތީގައި އެކި މަސައްކަތްތައް ކުރުމަށް އަގު ނެގުމާ ގުޅޭ ގޮތުން އާ އުސޫލެއް ހަދައި އަގުތައް ވަރަށް ބޮޑަށް މައްޗަށް ޖެއްސުމާ ގުޅިގެން ވެސް ސިޓީ ކައުންސިލާއި ސްޓެލްކޯއާ ދެމެދު ވަނީ ދެބަސްވުން އުފެދިފަ އެވެ. އެ އުސޫލު ބާތިލްކުރަން ސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯ އިން ހައި ކޯޓަށް މައްސަލަ ވެސް ވަނީ ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ