އަޅުގަނޑުގެ ވެރިކަމުގައި ކުށް ނުކުރާ މީހަކު ޖަލަށްލާފައެއް ނުވާނެ: މައުމޫން

އެ މަނިކުފާނުގެ ވެރިކަމުގައި ކުށް ނުކުރާ މީހަކު ޖަލަށްލާފައި ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫންގެ 30 އަހަރުވީ ވެރިކަމުގައި ޖަލުތަކުގައި އެތައް ބަޔަކަށް އަނިޔާދިން ކަމަށް ތުހުމަތުކުރާ މައްސަލައިގައި ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ, އަނިޔާއަކީ ގާނޫނާ ގަވާއިދާ ހިލާފަށް އަދަބު ދިނުން ނުވަތަ އުދަނގޫ ޖެއްސުން ކަމަށެވެ.
ނަމަވެސް ގާނޫނުގައި ބުނާ ގޮތުން މީހަކު ޝަރީއަތަށް ހުށަހަޅައިގެން މީހަކު ޖަލަށްލާން ނުވަތަ އަރުވާލަން ހުކުމް ކުރީމާ އެއީ އަނިޔާއެއް ނޫން ކަމަށާއި އެއީ އަދުލުއިންސާފު ކަމަށެވެ.
“ކުށެއް ނުކުރާ މީހަކު ޖަލަށްލައިފިއްޔާ އެއީ އަނިޔާއެއް. ނުވަތަ އަރުވާލައިފިއްޔާ އެއީ އަނިޔާއެއް. އެކަމަކު ބައްލަވާ އެކި ކޭސްތައް ވަކިވަކިން. ކާކަށްތޯ ހުރީ އަޅުގަނޑުގެ އިރުގަވެސް ކުށް ނުކޮށް ހުރި ކާކުތޯ ޖަލަށްލީ. ކުށް ނުކޮށް ހުރި ކާކުތޯ އަރުވާލީ. ނުހުންނާނެ. ހަމަ ގަވާއިދުން ގޮސްފައި ހުންނާނީ,” މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ, ރާއްޖެ ތެރެއަށް މީހުން އަރުވާލަން ފެށީ އެ މަނިކުފާނުގެ ސަރުކާރުން ނޫން ކަމަށާއި އެއީ ޒަމާނުންސުރެ ރާއްޖޭގައި ކުރަމުން އައި ކަމެއް ކަމަށެވެ.
އަދި އަދަބު ދޭން ބަލައި އިރު, އެއީ ޖަލަށްލުމަށްވުރެ ލުއި އަދި ރަނގަޅު ގޮތެއް ކަމަށާއި ރާއްޖޭގައި ކުށްކުރާ އެންމެން ޖަލަށް ލައިފިއްޔާ އެންމެ ޖަލަކުން ދެޖަލަކު ނުފުދޭނެ ކަމަށާއި އެކަމަށް ބައިވަރު ހަަރަދުތަކެއްވެސް ހިނގާނެ ކަމަށް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ, އަރުވާލި ބައެއް މީހުންގެ ފަރާތުން ރަށްރަށުގެ ރައްޔިތުންނަށް ލިބުނީ އަނިޔާއާއި ގެއްލުން އެކަނި ނޫން ކަމަށާއި އަރުވާލި ބައެއް މީހުންގެ ފަރާތުން އެ ރަށްރަށުގައި ހޭލުންތެރިކަން އިތުރުކޮށް, މީހުންނަށް ކިޔަވައިދީފައިވެސް އެބަހުރި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ