ތެޔޮ އުފައްދާ މިންވަރު މަދުކުރަން އޯޕެކުން ނިންމައިފި

ދުވާލަކު 2 މިލިއަން ފީފާ ތެޔޮ ނޮވެމްބަރު މަހުން ފެށިގެން މަދުކުރާ ގޮތަށް އޮތް އުސޫލަށް ޢަމަލު ކުރަމުން ގެންދިއުމަށް އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީސް، އޯޕެކުން ނިންމައިފިއެވެ.
އޯޕެކުން ބޭއްވި ބައްދަލުވުމުގައި މިގޮތަށް ނިންމައި ނެރުނު ބަޔާނެއްގައި ވަނީ، ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް އޮކްޓޫބަރުގައި ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް މެންބަރު ގައުމުތަކުން އެއްބަސްވެފައިވާކަމަށެވެ. އަދި މާކެޓްގެ ތަރައްގީއަށް ހައްލެއް ހޯދަން ޖެހޭ ކޮންމެ ވަގުތެއްގައި ބައްދަލު ކުރަން ތައްޔާރަށް ތިބިކަމަށްވެސް އޯޕެކްގެ ބަޔާނުގައިވެއެވެ.
އޯޕެކުން މިގޮތަށް ނިންމިއިރު، ޖީ7 ގައުމުތަކާއި، އޮސްޓްރޭލިއާއާއި ޔޫރަޕް އިއްތިހާދުވެސް ހިމެނޭ ގޮތަށް ވަނީ ރަޝިއާގެ ތެލަށް އަގެއް ކަނޑައަޅައި ކޮންޓްރޯލުކޮށްފައެވެ. އެއީ ސާފުނުކުރާ ފީފާއަކަށް 60 އެމެރިކާ ޑޮލަރެވެ.
ނޮވެމްބަރު މަހުން ފެށިގެން ދުވާލަކު ދެ މިލިއަން ފީފާގެ ތެޔޮ މަދުކުރުމަށް، އޯޕެކާއި ރަޝިއާ ހިމެނޭ، އޯޕެކް ޕްލަސްއިން އޮކްޓޫބަރު މަހު ރިޔާޟްގައި ބޭއްވި ބައްދަލުވުމުން ވަނީ ނިންމާފައެވެ. އޯޕެކް ޕްލަސްއިން އެ މިންވަރަށް ދަށްކުރި ކުރުމަކީ 2020 ވަނަ އަހަރު ކޯވިޑުގެ ބަލިމަޑުކަމަށްފަހު އެންމެ ބޮޑު ދަށްކުރުމެވެ.
އީޔޫ، ޖީ7 އަދި އޮސްޓްރޭލިއާ އިން މިދިޔަ ހުކުރު ދުވަހު ނިންމާފައި ވަނީ ކަނޑުމަގުން ރަޝިއާ އިން ޔޫރަޕަށް އެތެރެކުރާ ތެޔޮ ފީފާއެއް 60 ޑޮލަރަށް ވުރެ ބޮޑު އަގެއްގައި ނުގަތުމަށެވެ. ނަމަވެސް ރަޝިއާގެ ތެލަށް ހުޅަނގުން ވަކި އަގެއް ކަނޑައަޅައި އަގު ކޮންޓްރޯލްކުރި ނަމަވެސް ދުނިޔޭގެ މާކެޓްގައި ރަޝިއާގެ ތެލަށް އޮތް ޑިމާންޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ރަޝިއާ އިން ވަނީ ބުނެފައެވެ.
"ޖީ-7 އާއި އީޔޫގެ ހުރިހާ މެމްބަރު ގައުމުތަކުން ވެސް ނިންމީ ރަޝިއާގެ އާމްދަނީއަށް އިތުރަށް ބުރޫއަރާނެ ގޮތަށް އަދި ޔޫކްރެއިންގައި ހަނގުރާމަކުރުމުގެ ގާބިލުކަން ކުޑަކުރުމަށް" އީޔޫ ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަ ލެޔެން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.
އުރުސުލާ ވިދާޅުވީ ޖީ-7ގެ އެ ނިންމުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ އަގުތައް ހަމައަކަށް އެޅުމަށް މަގުފަހިވުމުގެ އިތުރަށް، ތެލުގެ އަގު ބޮޑުވުމާ ވިދިގެން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ގައުމުތަކަށް ލުޔެއް ލިބޭނެ ކަމަށެވެ. ރަޝިޔާ އިން ވަނީ މާކެޓާ ދެކޮޅު އަގު ކަނޑައެޅުމަށް ތާއީދުކުރާ ގައުމުތަކަށް ތެޔޮ ސަޕްލައި ނުކުރާނެ ކަމަށް މީގެ ކުރިން ވެސް ބުނެފައެވެ. ރަޝިއާ އިން ތެޔޮ ގަންނަ އެންމެ ބޮޑު ދެ ގައުމު ކަމަށްވާ ޗައިނާ އާއި އިންޑިއާ އިން ތެލުގެ ކެޕަށް އެއްބަސްވެފައެއް ނުވެއެވެ.
ހުކުރު ދުވަހު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އިންޝުއަރެންސް ކުންފުނިތަކާއި ތެޔޮ ފޮނުވަން ބޭނުންވާ އެހެނިހެން ކުންފުނިތަކަށް ރަޝިއާގެ ތެޔޮ އުފުލުމުގެ މުއާމަލާތް ކުރެވޭނީ ތެލުގެ އަގަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަގު ނުވަތަ އެއަށް ވުރެ ދަށުގައި ވިއްކާ ނަމައެވެ.
ރަޝިއާގެ ތެޔޮ ފީފާއެއް މިހާރު ވެސް ވިއްކަނީ ޑިސްކައުންޓާއެކު ގާތްގަނޑަކަށް 60 ޑޮލަރަށެވެ. މިއީ ބައިނަލްއަގުވާމީ ބެންޗްމާކް ރޭޓް، 85.42 ޑޮލަރަށް ވުރެ ދަށް އަދަދެކެވެ.
އަންނަ ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން ރަޝިޔާގެ ޕެޓްރޯލިއަމްގެ ބާވަތްތައް އެތެރެކުރުން ވެސް ހުއްޓާލަން އީޔޫ އިން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ