ޝަރީޢަތް ކުރަންވާނީ ފްލެޓަކަށް ނޫން: މެމްބަރު ތޯރިގު

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ފާޑު ވިދާޅުވެއްޖެއެވެ.
ފަނޑިޔާރުންނަށް ލިބިދޭ ޢިނާޔަތްތަކުގެ އޮނިގަނޑު އިޞްލާޙުކުރުމަށާއި އެނޫންވެސް ބައެއް މުހިންމު އިޞްލާޙުތައް ގެނައުމަށްޓަކައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ފޮނުވާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.
ތޯރިގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ މީހުން އެދޭ ގޮތަށް ހުކުމްކޮށްދޭ ފަނޑިޔާރަކު މަޤާމް ޔަޤީންވާނެ ކަމަށް ދެކުމަކީ މޮޔަކަމެއް ކަމަށެވެ. އަދި އެކަމުގެ އިބުރަތަކަށް ސްޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުނު ބޮޑު ހުކުމާއި، އެ ފަސް ފަނޑިޔާރުންނަށް ޖެހުނު ހާލު ފުދޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ތޯރިގު ވަނީ ޝަރިޢަތް ކުރަންވާނީ އިންސާފުން ކަމަށާއި ފްލެޓަކަށް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.
ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ހުށަހެޅުއްވި އިޞްލާޙުތަކުގެ ތެރޭގައި، ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢޫތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖައްސަންވާނެ ކަމުގައި ޤާނޫނުގައި ކަނޑައެޅުން ހިމެނެއެވެ.
މީގެ އިތުރުން، ފަނޑިޔާރުންގެ ޢިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިންގ އެލަވަންސް ފަނޑިޔާރުންނަށް ލިބިދެވޭ އުސޫލު އިޞްލާޙުކޮށް، އެ ލިވިންގ އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 އިންސައްތަ އަށްވުރެ މަދުނުވާނެ ޢަދަދެއް ކަމަށް ޤާނޫނުގައި ކަނޑައެޅުން ވެސް ހިމެނެއެވެ.
މި ބިލުގައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައެޅުންވެސް ހިމެނެއެވެ.
ހަމައެހެންމެ، ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން، ޤާނޫނުން ފަނޑިޔާރުން ކުރުން ހުއްދަކުރާ އެހެން މަސައްކަތަކަށް އުޖޫރަ ބަލައިގަތުމަކީ ޤާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަ ކަމެއްކަމަށް ކަނޑައެޅުމަށް ބިލުގައި ވަނީ ހިމަނާފައެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރެއިން، މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުން ކަނޑައެޅުމުގައި ޢަމަލުކުރާ އުސޫލު އިޞްލާޙުކުމަކީވެސް ހުށަހެޅިފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ