71 ފުޅި ބަނގުރަލާއެކު ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި
ބަނގުރާ ވިއްކައި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ހައްޔަރުކުރި އިންޑިއާ މީހެއްގެ ބަންދުގެ މުއްދަތަށް ކޯޓުން އިތުރު 15 ދުވަސް ޖަހައިފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ދިނެޝް ކުރާމު މުރުގޭސަންއެވެ. ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ މިދުޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގެ މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރުމަށްފަހުގައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހުޅުމާލޭގެ ދިއްގާމަގުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 18 ފުޅި އޭނާގެ އަތުން ވަނީ ފެނިފައެވެ. މީގެ އިތުރުން، ތަހުގީގުގެ ތެރެއިން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި އިތުރު 53 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަންގައި ޖުމްލަ 71 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. https://sun.mv/225084 މި މައްސަލައާ ގުޅިގެން އޭނާ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދީފައިވަނީ ތިން ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން، އިއްޔެ އަލުން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފައެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ ފިލާފާނެ ކަމަށް ބެލެވޭތީ އާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ރާއްޖޭގައި ބަނގުރަލުގެ ވިޔަފާރިކުރާ ބިދޭސީންގެ އަދަދު ފަހަކަށް އައިސް އަންނަނީ އިތުރުވުމުންނެވެ. މިއީ ސަލާމަތާއި އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ކަމާބެހޭ އިދާރާތަކުން ފާހަގަކުރެއެވެ. މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މިކަން ހުއްޓުވުމަށްޓަކައި ދައުލަތުންނާއި ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަންތައް ހިންގައި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށް ބްލެކްލިސްޓް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ