ރައްޔިތުންގެ މުދަލަށާޢި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައި ތިބި ފަރާތްތަކަށް ދޭންޖެހޭ އަދަބު ދިނުމުގައި މި ސަރުކާރުން ވަރަށް ސާބިތުކަމާއެކު ކުރިއަށްދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ހިންގުމުގެ ދާއިރާގެ މިނިވަންކަމަށް ބަލާއިރު ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތަކީ ފާހަގަކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެގޮތުން ކޮރަޕްޝަނަކަށް އެއްވެސް ޖާގައެއް މި ސަރުކާރު ތެރޭގައި ނޯންނާނެކަން ފަހުރުވެރިކަމާއެކު ދަންނަވާ ކަމަށާއި ކޮރަޕްޝަން ހިންގަން ބޭނުންވާ ފަރާތްތަކަށް އެ މަނިކުފާނު އިސްވެ, އަދަބު ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ, ކޮރަޕްޝަންގެ ވާހަކަ ދައްކާއިރު, ގާނޫނީ ނިޒާމުގެ ތެރެއިންވެސް އިތުރަށް ވަރުގަދަކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން މީގެ ކުރީގައި ސަރުކާރުތަކުން ކޮރަޕްޝަން އިންތިހާއަށް ހިންގާފައިވާއިރު, ވަގަށް ނެގި ފައިސާ އާއި މުދާ ހޯދުމުގައި އަދިވެސް ދަތި ކަމަށް ވިދާޅުވި އެވެ.
ކުށް ކޮށްގެން ހޯދާ މުދާ, ދައުލަތަށް ނެގުމާ ގުޅޭ އުސޫލުތައް ކަނޑައަޅައިދޭ ގާނޫނީ އޮނިގަނޑެއް ގާއިމުކޮށް, މިހާރު ހިނގާ މަޖިލީހުގެ ދައުރަށް ހުށަހެޅުމަށް ނިންމާފައިވާކަން ފާހަގަކޮށް ރައީސް އިތުރަށް ވިދާޅުވީ, މި ސަރުކާރުގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް އަދި ކަނދުރާއެއް މުހިންމެއް ނޫން ކަމަށާއި ސަރުކާރަށް މުހިންމީ ރައްޔިތުންގެ ފައިސާ އާއި މުދާ ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ.
”…ރައްޔިތުންގެ މުދަލަށާއި، ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައި ތިބި ފަރާތްތަކަށް ދޭންޖެހޭ އަދަބު ދިނުމުގައި އަޅުގަނޑުމެން ވަރަށް ސާބިތުކަމާއެކީގައި ކުރިއަށްދާނީ އެއީ، ރައްޔިތުންނަށް ހަގީގަތުގައި ހަގީގީ މާނައިގައި މިނިވަންކަން ހޯދައިދޭ ކަމުގައިވަންޏާ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން,“ ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވި މީހުންނަށް ދޭންޖެހޭ އަދަބު ދޭނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ