67 ދުނބުރި އިންޖީނުގެ ޒަމާނީ އިންޖީނުގެތަކަށް: ރައްޔިތުންނަށް ބޮޑު ލުޔެއް

މ.ވޭވަށު 29 އަހަރުވީ ބާ އިންޖީނުގެ ނިއްވާލާ އައު އިންޖީނުގޭގެ ޚިދުމަތްދޭން ރަސްމީކޮށް ފަށައިފިއެވެ. ވޭވަށު އައު އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މީގެ ކުރިން ވޭވަށުގައި ބޭނުންކުރި އިންޖީނުގެއަކީ ގުދަނެއްގޮތަށް ހަދާފައިވާ އާދައިގެ ކުޑަ ތަނެކެވެ. އިންޖީނުގެ އޮފީސް ހިންގަމުން އައީ ކުއްޔަށް ހިފާފައިހުރި އިމާރާތެއްގައެވެ. ކުރިން 1700 އަކަފޫޓުގައި ހުރި ބާ އިންޖީނުގެގޭ ބަދަލުގައި އަލަށް ޢިމާރާތްކުރި އައު އިންޖީނުގެއަކީ 22،000 އަކަފޫޓުގެ ޖާގަ ތަނަވަސް އިންޖީނުގެއެކެވެ. އައު އިންޖީނުގެއާއެކު ފެނަކައިން ވަނީ މުޅި ރަށުގެ ކޭބަލް ނެޓްވޯކްވެސް އަޕްގްރޭޑްކޮށްފައެވެ.
5 ކިލޯވޯޓުގެ އިންޖީނަކުން ފެށުނު ކަރަންޓުގެ ޚިދުމަތް ތަރައްޤީވުމަށް ގިނަ ޒަމާންތަކެއް ފާއިތުވުމަށްފަހު މިހާރު އަންނަނީ 400 ކިލޯ ވޯޓުގެ ކެޕޭސިޓީން ޚިދުމަތްދެމުންނެވެ. ވޭވަށު އައު އިންޖީނުގެއަކީ ދައުލަތުން 10 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރި ޒަމާނީ އިންޖީނުގެއެކެވެ.
ވޭވަށު ފެނަކަ އައު އިންޖީނުގެ ހުުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދު މުޙައްމަދު ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރައްޔިތުން ބޮޑު ތަކުލީފެއް އުފުލަމުން އައި 67 އިންޖީނުގެ ހުރިކަމަށެވެ. ވުމާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅަކަށްވީ 5 އަހަރުތެރޭ މީހުން ދިރިއުޅޭ ސަރަހައްދުން ދުރަށް އެ އިންޖީނުގެތައް ގެންދިއުންކަމަށާއި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެށި މަސައްކަތުން އެ ހުރިހާ އިންޖީނުގެ މިހާރު މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި ތަރައްޤީކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
"ރާއްޖޭގެ އެކި ރަށްތަކުގައި މި ޚިދުމަތް ދެމުން އަންނައިރު، އަޅުގަނޑުމެންގެ މިސަރުކާރުން ހަވާލުވީއިރު ޖުމްލަ 8 ޕްރޮޖެކްޓް ހިންގަމުން އައި ކުންފުނިން އޭގެ ތެރެއއިން 5 ޕްރޮޖެކްޓް ނިންމީ މިސަރުކާރުން. މިއަދު ތަކުރާރުކޮށް އެކަމެއް ކުރީ ކަމަށް ބުނާއިރު، މިއަދުގެ ރައީސްއަކީ ކޮންމެ ހަފްތާއަކު ލޮލުގެ ރެޓިނާ ސްކޭނަށް ވަޑައިގަންނަވާ ބޭފުޅަކަށް ނުވާތީ ރައްޔިތުންގެ ފައިސާއިން އައު ޚިދުމަތް ޤާއިމްވެގެން މިދަނީ." ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދު ވިދާޅުވިއެވެ.
އާބާދީގައި 300އެއްހާ މީހުން ދިރިއުޅޭ ވޭވަށު ރައްޔިތުންނަށް ޒަމާނުއްސުރެ ކަރަންޓު ކެނޑެމުގެ މައްސަލަ ދިމާވަމުން އައިނަމަވެސް އައު އިންޖީނުގެއާއެކު ރަށުގެ ރައްޔިތުންނަށް ވަނީ ކަރަންޓް ނުކެނޑޭނެކަމުގެ ޔަޤީންކަން ލިބިގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ