މުންކަރާތްތައް އާންމު ވަނީ ހަރުދަނާ ލީޑާޝިޕެއް ނެތީމަ: އުމަރު

މުންކަރާތްތައް އާންމުވެފައި ވަނީ ހަރުދަނާ ލީޑާޝިޕެއް ނެތުމުން ކަމަށާއި އިސްލާމީ ޝަރީއަތް ގާއިމް ކުރުމުން އަނިޔާވެރި މަރުތައް މުޅިން ހެން ނިމުމަކަށް އަންނާނެ ކަމަށް އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.އުމުރުން 23 އަހަރުގެ އަންހެނެއްގެ ކަރާއި އަތްފައި ބުރިކޮށް އަނިޔާވެރި ގޮތަކަށް ގަތުލުކޮށްފައި ވަނިކޮށް ފެނުނު ހާދިސާ ކުށްވެރި ކުރައްވާ  އުމަރު ވިދާޅުވީ އިސްލާމީ ޝަރީއަތް ގާއިމުކުރަންޖެހެނީ މީހުން މެރުން ފަދަ ކުށްތަކަށް ޖެހިލުމެއް ނެތި އަރައިގަތުން ހުއްޓުވުމަށް ކަމަށެވެ."ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އިސްލާމީ ޝަރީއަތުގައި ހިފަންކެރޭ ވެރިކަމެއް އިރާދަކުރެއްވިއްޔާ ދިވެހިން އަދި ދެކޭނެ. އެ ދުވަހަކުން މީހުން މެރުމާ، ޑްރަގާ، ވައްކަމާ، ފޭރުމާ، ރޭޕް ފަދަ ކުށްތައް މުޅިންހެން ހުއްޓިގެންދާނެ. އަމާން، އުފާވެރި ޤައުމެއް ދެކޭނެ." އިސްލާމީ ޝަރީއަތުގައިވާ ހުކުމްތައް ތަންފީޒު ކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދަވާ އުމަރު ވިދާޅުވި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒުކުރަން ނިންމާ އެކަން ކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލާ ގެޒެޓް ކުރި އެވެ. އަދި ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރަން ފެށުމަށްޓަކައި ބޭނުންވާ ހާއްސަ ތަނެއްވެސް މާފުށި ޖަލުގައި ހަދަން ފެށި އެވެ. އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ އުމަރު ނަސީރު އެވެ.މަރުގެ ހުކުމް ތަންފީޒު ކުރަން ރައީސް ޔާމީންގެ ސަރުކާރުން ނިންމި ނަމަވެސް ވެރިކަން ނިމިގެން ދިޔައިރު އެކަން ކުރައްވާފައެއް ނުވެ އެވެ. އެކަމަކު ޝަރުއީ ހުރިހާ މަރުހަލާއެއް ނިމި މަރުގެ ހުކުމް ތަންފީޒުކުރަން ޖެހިފައި ތިބި ބައެއް މީހުން އޭރުވެސް ޖަލުގައި ތިއްބެވެ.މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ދޭހަވާ ގޮތަށް މިސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފަ އެވެ.ޝިއާގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ އަލީ ޝާހިލް، 23، ނަމަކަށް ކިޔާ މީހަކު ރޭ ހައްޔަރުކޮށްފައެވެ.ހ. ޝީރީންވިލާގެ އެޕާޓްމެންޓެއްގެ ތެރޭގައި ކަރާއި އަތާއި ފައި ބުރިކޮށް، މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއުގެ މަރުގެ މައްސަލާގައި ޝާހިލް ހައްޔަރުކުރީ އެގެއިންނެވެ.ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އަޑުއެހުމުގަ އެވެ. އެ އަޑުއެހުން ސިއްރުކުރީ ފުލުހުން އެދިގެންނެވެ.ޝާހިލް ރޭ ހައްޔަރުކޮށް، ގެންދިޔައީ ވެސް ހެޒްމެތު ސޫޓް ލައްވައިގެންނެވެ. ބެލެވޭ ގޮތުގައި އެއީ އޭނާގެ ގައިގައި ލޭ ހުރުމުން ހެކި ރައްކާތެރި ކުރުމަށެވެ.މަޝްހޫރު ސްކޭޓަރު ޝާހިލް އާއި ޝިއާއު އެކުގައި އުޅުނު އެޕާޓްމެންޓް ތެރެއިން ހަޅޭކާއި ޒުވާބުގެ އަޑު އާންމުންނަށް ކުރިން އިވިފައިވެ އެވެ. އެހެން ނަމަވެސް މަރާލި ސަބަބާއި މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ