މީރާއިން ޓޫރިޒަމް ދާއިރާގެ މީހުންނަށް ހާއްސަ ޕްރޮގްރާމެއް މާފުށީގައި ފަށައިފި

ޓޫރިޒަމް ދާއިރާގައި ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށް ކ. މާފުށީގައި ޚާއްސަ ޕްރޮގްރާމެއް މީރާއިން ފަށައިފިއެވެ.
މީރާއިން ބުނީ، ޓޫރިޒަމް ދާއިރާގައި ވިޔަފާރި ހަރަކާތްތައް ހިންގާ ފަރާތްތަކުން ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައި ހުރި މައްސަލަތައް ދެނެގަތުމަށާއި އެކަންކަން ހައްލުކުރުމަށް އެހީތެރިވެދިނުމަށް މި ޕްރޮގްރާމެއްގެ ދަށުން މާފުށީގައި ހިންގާ ގެސްޓްހައުސްތައް އިންސްޕެކްޓްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމުށެވެ.
އަދި މި ހަރަކާތުގައި މާފުށީގައި ހިންގާ ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް، މައުލޫމާތާއި އެހީތެރިކަން ފޯރުވައި ދިނުމުގެ އިތުރުން، އޮޑިޓް ކުރުމަށް ކަނޑައެޅިފައިވާ ފަރާތްތައް އޮޑިޓްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެއެވެ.
މީގެއިތުރުން ޓެކުހަށް މަކަރުހެދުމުގެ ތުހުމަތުގައި މީރާއިން ތަހުގީގުކުރާ ބައެއް ފަރާތްތައް ބަލައިފާސްކުރުމަށްވެސް ހަމަޖެހިފައިވާކަމުގައި މީރާއިން މައުލޫމާތު ދެއެވެ.
ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މިފަދަ ޕްރޮގްރާމްތައް އިތުރު ރަށްރަށުގައި ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށާއި، އަލަށް ހުޅުވާ ރިސޯޓްތަކާއި، މަލްޓިނޭޝަނަލް ކުންފުނިތަކާއެކު ޓޫރިޒަމް ދާއިރާގައި ހިންގާ މުއާމަލާތްތަކާގުޅޭ ގޮތުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުންދާކަމަށް ވެސް މީރާއިން ބުނެއެވެ.
އަދި ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޤާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް ފުރިހަމަކުރާ މިންވަރު ބަލައި، ޓެކުހާގުޅޭ އިލްތިޒާމުތައް ގަވާއިދުން ފުރިހަމަ ކުރަމުން ނުދާ ފަރާތްތަކާމެދު މީރާއިން ފިޔަވަޅު އަޅަމުންދާނެ ކަމަށް މީރާއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ