މަސައްކަތް ފަށައި ނުނިމިހުރި ސްކޫލް ޢިމާރާތްތަކުގެ މަސައްކަތް މިއަންނަ އަހަރު ފަށާނެ: ރައީސް މުއިއްޒު

މަސައްކަތް ފަށައި ނުނިމިހުރި ސްކޫލް ޢިމާރާތްތަކުގެ މަސައްކަތް މިއަންނަ އަހަރު ފަށާނެ ކަމަށް ރަައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ އިއްޔެ ހަވީރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާ ކުރާ ސްކޫލް ޢިމާރާތުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ތަޢުލީމީ ނިޒާމަށް ބަލާއިރުގައި، މުޅި ރާއްޖޭގައި އެއްކޮޅުން އަނެއްކޮޅަށް ބަލައިލިއިރުގައި، ފަށާފައި ނުނިމިފައި ހުރި ވަރަށް ގިނަ ސްކޫލް އިމާރާތްތައް ހުރި ކަމަށެވެ.
Advertisement
“މަލްޓި ޕަރޕަސް ހޯލްތަކާއި މިފަދަ ތަންތަން އެބަހުރި، ބަޖެޓް މިހާރު ވަނީ ފާސްވެފައި، އަދި ތަންފީޒު ކުރުމުގެ މަރުޙަލާގެ ތެރެއަށް އަޅުގަނޑުމެންނަށް މި ދެވެނީ، މިގޮތަށް ހުއްޓިފައި ހުރި ގިނަ އިމާރާތްތަކެއްގެ މަސައްކަތް، މި އަންނަ އަހަރު ފެށިގެން ދާއިރުގައި، ބާރުމިނުގައި އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ” 
ރައީސް ޑރ މުޙައްމަދު މުޢިއްޒު
ހަމަމިއާއިއެކު މެނިފެސްޓޯގައި ހިމަނާފައިވާ ކެމްޕެއިންގައި ވީ ވަޢުދުތަކާ އެއްގޮތަށް، އަދި އޭގެ އިތުރަށްވެސް، ތަޢުލީމީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އަޅަންޖެހޭ އެކި ކަހަލަ ސްކޫލް އިމާރާތްތަކާއި، އެކި ކަހަލަ މަލްޓި ޕަރޕަސް ހޯލުތަކާއި، އެކިއެކި ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތް، ވަރަށްބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާނެ ކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
“ފެސިލިޓީގެ ގޮތުން މިހާތަނަށް ޢަމަލީގޮތުން ޤާއިމު ކުރެވިފައިވާ އެންމެ ރަނގަޅު ފެންވަރުގެ، ތަޢުލީމީ ނިޒާމަށް ބޭނުންވާ ފެންވަރުގެ ކަންކަން، އަޅުގަނޑުމެންގެ މި ބަޖެޓުގެ ތެރެއިން އަދި ކުރިއަށް ހުރި އަހަރުތަކުގެ ބަޖެޓުގެ ތެރެއިން އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ” 
ރައީސް ޑރ މުޙައްމަދު މުއިއްޒު
އިއްޔެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިންގާ އެޅުނު ސްކޫލަކީ 54 ކްލާސްރޫމާއި، ހޯލަކާއި ސުކޫލުތަކުގައި ހިމެނޭ އެހެނިހެން ވަސީލަތްތަކުގެ އިތުރުން ކުޅިވަރު ކުޅޭނެ ޓާފު ދަނޑެއް ހިމެނޭ ސްކޫލެކެވެ.
ގާތްގަނޑަކަށް 1700 ކުދިންގެ ޖާގައިގެ މި ސުކޫލު އިމާރާތް ކުރަނީ ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން އާރު.ސީ.ސީއާއި ހަވާލުކޮށްގެން ނެވެ.
ސުކޫލުގެ ޢަމަލީ މަސައްކަތް ޖެނުއަރީ މަސްތެރޭ ފެށުމަށް ހަމަޖެހިފައިވާއިރު، މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 18 މަސް ދުވަސް ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ