ވިލިމާލޭގެ ކަރަންޓު އަޕްގްރޭޑުކުރަން ސްޓެލްކޯއާ އެކު އެއްބަސްވުމެއް

ވިލިމާލެއަށް ކަރަންޓުދިނުމުގެ މިހާރުގެ ހާލަތު ދެނެގަނެ، ނިޒާމު އަޕްގްރޭޑްކޮށް މަރާމާތުކުރަން އެކްޝަން ޕްލޭނެއް އެކުލަވައިލަން ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީއާ އެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއީ ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހިމެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީނެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. މި އެއްބަސްވުމުގެ މަގުސަދަކީ، މިހާރު ވިލިމާލޭގައި އިތުރުވަމުންދާ ޑިމާންޑާއި އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި ބޭނުންކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރަން ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމެވެ. އަދި، ކުރިއަށް އޮތް ތަނުގައި ޑިމާންޑު އިތުރުވާނެ މިންވަރު ދަނެގަނެ، މި ނިޒާމުގެ އެކި މަރާމާތުތަކަށާއި އަޕްގޮރޭޑް ކުރުމަށް ބޭނުންވާ މަަޝްރޫއެއް އެކުލަވާލައި ތަންފީޒުކުރާނެގޮތުގެ އެކްޝަން ޕްލޭނެއް ވެސް އެކަށައަޅަން ޖެހޭނެއެވެ. މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ ޒިންމާތަކުގެ ތެރޭގައި ވިލިމާލޭގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ކަރަންޓް ޑިމާންޑް ސްޓަޑީއެއް ހެދުމާއި، ވިލިމާލޭގެ އިންފްރާސްޓްރަކްޗާގެ ހާލަތު ދިރާސާކުރުން ހިމެނެވެ. މި ދިރާސާތަކުގެ އަލީގައި އިންފްރާސްޓްރަކްޗާގެ ކެޕޭސިޓީ އިތުރުކުރަން ޖެހޭ މިންވަރު ކަނޑައަޅައި، މަރާމާތު ކުރުމާއި އަޕްގްރޭޑްކުރުމަށް ބޭނުންވާ އިންވެސްޓްމެންޓްގެ އަދަދު ކަނޑައަޅައި، މަޝްރޫއެއް އެކުލަވާލައި ތަންފީޒުކުުރާނެ ގޮތުގެ ޕްލޭނެއް ހުށަހަޅަން ޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ