ބޭނުން ނުވާ މީހަކު ވެރިކަމަށް ނުގެންނަން ވެސް ޒުވާނުން ވޯޓުލާން ނުކުންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން މަޖިލިހުން ކުރިއަށްގެންދިޔަ "ޔޫތު ޕްރެކްޓިސް ޕާލިމަންޓް"ގެ ނިންމުމުގެ ރަސްމިއްޔާތުގައި އީވާ މިރޭ ވިދާޅުވީ، ވޯޓުލާން ޝަރުތު ހަމަވާ ނަމަ ވޯޓުލާން ނުކުންނަން ޖެހޭ ކަމަށެވެ.
އީވާ ވިދާޅުވީ، ވޯޓުލާނެ ރަނގަޅު މީހެއް ނެތުމުން ބައެއް ޒުވާނުން ވޯޓު ނުލާނެ ކަމަށް ބުނަމުންދާ ކަމަށާއި ނަމަވެސް އެއީ ވޯޓު ނުލާ ހުންނަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"އެންމެ ބޭނުންވާ ގޮތް ފަހަރެއްގައި ނުވެދާނެ. އެކަމަކު އެންމެ ބޭނުން ނުވާ ގޮތް އެނގެއެއްނު؟ އެންމެ ބޭނުން ނުވާ ގޮތާ ދުރަށް ދާން ވެސް ވޯޓު ލާން ވާނެ. އެހެންވީމާ އެންމެ ބޭނުންވާ (މީހާއަށް) ނުލެވެންޏާ، އެންމެ ބޭނުންވާ (މީހާ) ނުގެންނަން ނަމަވެސް ބައިވެރިވާން ވާނެ." އީވާ ވިދާޅުވިއެވެ.
އީވާ އިތުރަށް ވިދާޅުވީ، ޒުވާނުން ސިޔާސީ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް އުޅޭ އެހެން އިރެއް ނުފެންނަ ކަމަށެވެ. އަދި ޒުވާނުން ސިޔާސީ ކަންކަމަށް ޝައުގެއް ނެތް ކަމަށްބުނެ ދައްކަމުންދާ ވާހަކަތައް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ބޭނުން ނުވާ މީހަކު ވެރިކަމަށް ނުގެންނަން ވެސް ޒުވާނުން ވޯޓުލާން ނުކުންނަން ޖެހޭ: އިވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ