ރާއްޖެއިން ބޭރަށް ރައުދު ފުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ފުލުހުން ރާއްޖެއިން ބޭރަށް ރައުދު ފުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ފުލުހުން

އޭޕްރިލް 18، ގައި ހ. މިޓާޒް ގޭ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާއާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ރައުދު އަހުމަދު ޒިލާލް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ހަވީރު މީޑިއަތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ރައުދު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ނުވާ ކަމަށާއި އޭނާ ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމި އެބައޮތް ކަމަށް ފުލުހުން ބުންޏެވެ.
"ރައުދު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް، ރައުދު ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމި އެބައޮތް،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.
ރައުދު އާއި އޭނާގެ އާއިލާގެ ބައެއް މެންބަރުން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ބުނެ ފޮޓޯއެއް ދައުރުކުރަމުން ދަނީ ސޯޝަލްމީޑިއާގަ އެވެ. އެކަމާ ގުޅިގެން ރައުދުގެ ގާތް ބައެއް މީހުންނަށް އަދަދު އިން ގުޅުމުން ވެސް ރައުދު ރާއްޖޭގައި ހުރިކަން ކަށަވަރު ކޮށްދިނެވެ،
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ދެ ފަހަރަކު ހައްޔަރުކޮށްގެން ގެންގުޅުމަށްފަހު ރައުދު ދޫކޮށްލީ މެއި 27، ގަ އެވެ. އޭނާގެ މައްޗަށް މިހާރު ދައުލަތުން ވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ.
އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ އެއް މަހާއި ހަ ދުވަހުގެ ހުކުމެކެވެ. މިހާތަނަށް ރައުދު ވަނީ ބަންދުގައި 34 ދުވަސް ހޭދަކޮށްފަ އެވެ. އެހެންކަމުން، އޭނާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް ބަންދުގައި ހޭދަކުރަންޖެހޭނީ ދެ ދުވަހެވެ.
ރައުދުގެ މައްޗަށް ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ފުލުހުންނާއި ހެކިންގެ ބަޔާނުގެ އިތުރުން ފޮޓޯ ރިޕޯޓާއި ސީން އޮފް ކްރައިމްސް އޮފިސާސް ރިޕޯޓު އަދި އިތުރު ބައެއް ހެކި ގަރީނާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ