މިއަދުން ފެށިގެން ޕާޓީތަކަށް މީހުން ވެއްދޭނީ އީފާސް މެދުވެރިކޮށް

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް ވަގު ފޯމު ފުރައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާ މައްސަލަތައް އިތުރުވެފައިވަނިކޮށް އީސީގެ އޮންލައިން ޕޯޓަލެއްގެ ތެރެއިން އީފާސް ބޭނުންކޮށްގެން ނޫން ގޮތަކަށް ޕާޓީތަކަށް މެންބަރުން ނުވެއްދޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ.ވަގު މެމްބާޝިޕް ފޯމު ހުށަހަޅައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަ މިދިޔަ ޖެނުއަރީ ތެރޭގައި ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަ ބޮޑުވީ ސަރުކާރު ހިންގާ ޕީއެންސީން ގިނަ ބަޔަކަށް ނޭނގި އެ ޕާޓީއަށް ވައްދާފައިވާ ކަމަށް ބުނާތީ އެވެ.ވަގު ފޯމުތައް ފުރައިގެން އާންމުން ޕީއެންސީއަށް ވެއްދި މައްސަލައިގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މީގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރަކާއި ފުލުހުންނާއި ސިފައިންގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ މެންބަރުންތަކެއްވެސް ވަގު ފޯމުތައް ފުރައިގެން ޕީއެންސީއަށް ވައްދާފައިވެ އެވެ.ޕާޓީތަކުގެ ގަވާއިދަށް މިގެނައި އިސްލާހާ އެކު ޕާޓީއަށް މީހުން ވެއްދުމަށް އިތުރު ފޯމެއް ބޭނުމެއް ނުވާނެ އެވެ.އީފާސް މެދުވެރިކޮށް "ސިމެދަ" ޕޯޓަލްއިން ޕާޓީއަކަށް މީހަކު ވެއްދުމުން އެ މީހާ ޕާޓީގެ ދަފުތަރުގައި ހިމެނުމުގެ ކުރިން ޝަކުވާއެއް އޮތްތޯ ބެލުމަށް އީސީއިން އިއުލާނުކުރަން ވެސް އަލަށް ގެނައި އިސްލާހާއެކު މަޖުބޫރުވާނެ އެވެ.އޮންލައިންކޮށް ހުށަހަޅާ ފޯމުތައް ޕާޓީތަކުން 10 އަހަރުގެ މުއްދަތަކަށް ބެލެހެއްޓުމަށް ވެސް ގަވާއިދުގެ ދަށުން ވަނީ މަޖުބޫރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ