މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތުކޮށް ސްޓްރޯކެއް ޖެހިފައި ހުރި މީހަކު ހައްޔަރުކޮށްފައި ހަ ގަޑިއިރު ބެހެއްޓި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަން ފަށައިފި އެވެ.
"އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން އެޗްއާރުސީއެމުން ބުނީ ސްޓްރޯކް ޖެހިފައި ހުރި މީހަކު ހައްޔަރު ކޮށްފައި ހަ ގަޑިއިރު ފުލުސް އޮފީހުގައި ބޭންދި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލަމުންދާ ކަމަށެވެ.
"އެ މައްސަލަ ސަމާލުކަމަށް އައުމާއެކު ކަން ހިނގާފައިވާ ގޮތް ބަލަމުން ދަނީ،" އެޗްއާރުސީއެމްގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
.ސްޓްރޯކެއް ޖެހިފައި ހުއްޓައި ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކުރީ ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ އަލީ ޝިމާން ނަސީރު، 41، އެވެ.
އޭނާ ދުއްވި ކާރު ހުޅުމާލެ ފޭސް 1 ވެމްކޯ ބްރިޖް ކައިރިން އެ ދުވަހުގެ ހެނދުނު 10:45 ހާއިރު އެކްސިޑެންޓުވުމުން، އެތަނަށް އެޓެންޑުވި ފުލުހުން ބެލީ އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.
ނަމަވެސް އާއިލާގެ މަސައްކަތާއެކު ފުލުހުންގެ ބަންދުން އޭނާ ސަލާމަތްކޮށް ހޮސްޕިޓަލަށް ދެއްކުމުން ޝިމާނަށް ހުރީ ސްޓްރޯކެއް ޖެހިފައިކަން ވަނީ ކަށަވަރުވެފަ އެވެ.
ޝިމާންގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު ޝައްމޫން ނަސީރު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ޝިމާންއަކީ ހާޓް ޕޭޝަންޓެއްގެ އިތުރުން ޑައިބެޓިކް ޕޭޝަންޓެއް ކަމަށާއި މަސްތުގެ ހާލަތުގައި ހުރި ކަމަށް ފުލުހުން ބުނުމުން އެކަމާ ގުޅިގެން ސުވާލު ވެސް އުފެދުނު ކަމަށެވެ.
"ޝިމާންއަކީ ހާޓް ޕޭޝަންޓެއް. މީގެ ތަންކޮޅެއް ކުރިން ސްޓްރޯކެއް ޖެހިގެން ހޮޅިކޮޅު ލައްވާފައި ހުރި ކުއްޖެއް. އަދި ޑައިބެޓިކް ޕޭޝަންޓެއް،" ޝައްމޫން ބުންޏެވެ.
ފަހުން އަނެއްކާ ޝިމާން ވާހަކަ ނުދައްކާ ކަމަށް ބުނެ އަދި ޔޫރިން ދޭން ދެކޮޅު ހެދި ކަމަށް ބުނެ ފުލުހުން އާއިލާއަށް ގުޅުމުން ފުލުސް އޮފީހަށް އަނބުރާ ދިޔަ ކަމަށާއި ވާހަކަ ނުދައްކާނަމަ އެއީ ގޯހެއްކަން ތަކުރާރުކޮށް ފުލުހުން ކައިރީ ބުނެފައިވާ ކަމަށް އޭނާގެ ބޭބެ ބުންޏެވެ.
ޝައްމޫން ބުނީ ފުލުހުން ޝިމާންގެ ޔޫރިން ނެގި ކަމަށް ބުނީ ހަވީރު 4:00 ޖެހި ފަހުން ކަމަށާއި ޔޫރިން ނެގެޓިވްވެގެން ދޫކޮށްލުމާ ދޭތެރޭ ވެސް ގިނަ ވަގުތުތަކެއް ހޭދަވި ކަމަށެވެ.
ޝިމާންއަށް ސްޓްރޯކެއް ޖެހުނުކަން ހުޅުމާލެ ހޮސްޕިޓަލުން ޔަގީންކޮށްދީފައިވާކަން ކަށަވަރުކޮށްދީ ޝައްމޫން ބުނީ ސީޓީ ސްކޭނެއް ހަދާފައިވާ ކަމަށެވެ. އަދި އޭނާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ އައިޖީއެމްއެޗަށް ގެނެސް އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށް އާއިލާއިން ބުންޏެވެ.
ސްޓްރޯކެއް ޖެހުނު މީހާ މަސްތުވެގެން ހުރި ކަމަށް ތުހުމަތު ކުރި މައްސަލަ އެޗްއާރުސީއެމްއިން ބަލަނީ ސްޓްރޯކެއް ޖެހުނު މީހާ މަސްތުވެގެން ހުރި ކަމަށް ތުހުމަތު ކުރި މައްސަލަ އެޗްއާރުސީއެމްއިން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ