މިރޭ ނެރެވުނު އެމަނިކުފާނުގެ ބައޮގްރަފީއަކީ ކުރިޔަށް އޮތް ޖީލަށް ފައިދާކުރުވަނިވި މައުލޫމާތުތަކެއް ހުރި ފޮތަކަށްވެ، އެ މައުލޫމާތުގެ ބޭނުން ހިފައި ބަޔަކަށް މަންފާ ލިބުމަކީ މިފޮތް ނެރުމުގެ މައިގަނޑު މަޤްސަދު ކަމުގައި ވިލާ ގްރޫޕްގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ބައޮގްރަފީ ރަސްމީކޮށް ނެރުމަށް މިރޭ ވިލާކޮލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ މިއަދު ހާސިލްކުރެވުނު ކާމިޔާބީއާ ހަމައަށް އެމަނިކުފާނަށް ވާސިލްވެވުނީ ވަރަށް ގިނަ ބޭފުޅުންގެ ފަރާތުން ލިބުނު ފިލާވަޅުތަކުން ކަމަށެވެ.
"އަޅުގަނޑުގެ ކުރިއެރުމުގައި އަޅުގަނޑަށް ކުރެވުނު ރަނގަޅު ކަމެއް އޮތްކަމަށްވާނަމަ އެކަންކަން އަޅުގަނޑަށް ލިބިފައިވަނީ އިބްރާހިމް ދޮންމަނިކާއި އަލްމަރުހޫމް އަޅުގަނޑުގެ ބަފައެއް ކަމަށް ޤާބޫލުކުރާ ދޮންބެއާ ހައްވާމަނިކައްތަގެ ފަރާތުން އެލިބުނު ފިލާވަޅުތަކާއި އިލްޔާސް އާއި އައްބާސްގެ ފަރާތުން." ޤާސިމް ވިދާޅުވިއެވެ.
އޭގެތެރެއިން ބައެއް ބޭފުޅުން މިއަދު ދުނިޔޭގައި ނެތްނަމަވެސް އަބަބދުވެސް އެބޭފުޅުންގެ ނަސޭހަތާއި ލިބުނު ފިލާވަޅުތައް ހަދާން ހުންނާނެ ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ. އަދި އޭރު ދިރިއުޅުއްވި ގެޔާއި އަރިހުގައި އުޅުއްވި ބޭފުޅުންގެ ސަބަބުން މިއަދު ކާމިޔާބީގެ ފޮނިމީރުކަން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެހުރިހާ ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ޤާސިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޤާސިމް އިތުރަށް ވިދާޅުވީ އެމަނިކުފާނު ސާކު ޗެޕްބަރުގެ ރައީސަކަށް ހުންނެވި ދުވަސްވަރު ވަރަށް ގިނަ ޕްރޮފެސަރުން އެމަނިކުފާނުގެ ހަޔާތްޕުޅަށް ބައޮގްރަފީ ލިޔުމަށް އެދި ރިކުއެސްޓު ކުރި ނަމަވެސް އޭރު މި މަސައްކަތަށް ބޭނުންވާ ވަގުތު ނުލިބުމާއި ގުޅިގެން އެކަން ނުކުރެއްވީ ކަމަށް ޤާސިމު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު މިއަދު ބައޮގްރަފިއެއް ލިޔަން ނިންމި ސަބަބަކީ ޑރ. ޝައުޤީ ވިދާޅުވެދެއްވައިފި. އެއީ އަޅުގަނޑު ނިމިގެންދާއިރު، އަޅުގަނޑުގެ ހަޔާތުގައި ކުރި ދަތުރުގައި ފެނުނު މަންޒަރާއި އަޑުތައް އަދި ލޮލަށް ފެނުނު ކަންތައްތަކާއި އަޑުއިވުނު ކަންތައްތަކުގެ ތެރެއިން ކޮންމެވެސް މިންވަރެއްނަމަވެސް ދޫކުރައްވަން ވާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރީ. އެއީ ފަހަށް އަންނަ ޖީލުގެ ބަޔަކަށް އޭގެން ފައިދާކުރުމުގެ ބޭނުމުގައި." ޤާސިމް ވިދާލުވިއެވެ.
ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ބައޮގްރަފީއިން ކޮންމެވެސް އެއްޗެސް ދަސްވެގެން އޭގެ ބޭނުން ހިފައި ބަޔަކަށް މަންފާއެއް ލިބުމަކީ އެދުމެއް ކަމަށެވެ. އަދި ދިރިއުޅުމުގައި ފެށުން އައި ގޮތާއި ދިމާވި ގޮންޖެހުންތައް އަދި ދިމާވި ދަތިއުދަގޫތަކުގެ އިތުރުން އެކަންތައްތައް ހައްލުކުރެއްވި ގޮތް މި ބައޮގްރަފީއިން އެނގިގެންދާނެ ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑުގެ ބައޮގްރަފީއިން ފަހުން އަންނަ ޖީލަށް މަންފާއެއް ލިބުމަކީ އެދުމެއް: ޤާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ