ހަމާސްއިން މިއަދު މެންދުރުފަހުން އިޒްރޭލުގެ ރަހީނުން އިތުރަށް ދޫކުރުން ފަސްކުރަން ނިންމައިފި އެވެ.
ޓެލެގްރާމް މެދުވެރިކޮށް މި ނިންމުން އިއުލާނުކުރަމުން، ހަމާސްއިން ބުނެފައިވަނީ އެއީ "ހުއްޓުމުގެ އެއްބަސްވުމުގެ ޝަރުތުތަކާ އިޒްރޭލުން ޚިލާފުވުމުގެ" ސަބަބުން ކަމަށެވެ.
ހަމާސްގެ ބަޔާނުގައި ބުނެފައިވަނީ، "ގާޒާގެ އުތުރަށް ދިޔުމަށް ހުއްދަ ނުދިނުމާއި، އެކި ސަރަހައްދުތަކުގައި ބޮމާއި ބަޑީގެ ހަމަލާތައް ދިނުމާ، އަދި އެހީގެ ސަޕްލައި އާއި ގުޅޭ އެއްބަސްވުމާ" އިޒްރޭލުން ޚިލާފުވެފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އިސްރޭލުން ބުނެފައިވަނީ ހަމާސްއިން "ހުއްޓުމުގެ އެއްބަސްވުމާއި ރަހީނުން ދޫކުރުމުގެ އެއްބަސްވުމާ މުޅިން ޚިލާފުވެފައިވާ" ކަމަށެވެ.
"އަޅުގަނޑު ވާނީ އައި.ޑީ.އެފް [އިސްރޭލު މިލިޓަރީ] އަށް ގާޒާގައި ދިމާވެދާނެ ކޮންމެ ހާލަތަކަށް އެންމެ މަތީ ފެންވަރުގައި ތައްޔާރުވުމަށާއި، އާބާދީތައް ރައްކާތެރިކުރުމަށް އަންގާފައި،" އިޒްރޭލުގެ ދިފާއީ ވަޒީރު އިޒްރޭލް ކަޓްޒް އިންޒާރުދިނެވެ.
ދެން ރަހީނުން ދޫކުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ކަމަށާއި، އޭގެ ތެރޭގައި ތިން އިޒްރޭލު ރައްޔިތުން ހިމެނޭ ކަމަށް ވެއެވެ.
ނެތަންޔާހޫ މިރޭ ސަލާމަތީ ކެބިނެޓާ ބައްދަލުކުރަނީ
ރޮއިޓަރޒް ނޫސް އޭޖެންސީން އިޒްރޭލު އޮފިޝަލަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ބެންޖަމިން ނެތަންޔާހޫ ވަނީ ސަލާމަތީ ކެބިނެޓާއެކު ބާއްވާ ބައްދަލުވުން ކުރިއަށް ޖައްސާފަ އެވެ.
ހަމާސްއިން ރަހީނުން ދޫކުރުން ފަސްކުރުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު މިހާރު މި ބައްދަލުވުން ބާއްވާނީ މާދަމާގެ ބަދަލުގައި މިއަދު ކަމަށް މި ރިޕޯޓުގައި ބުނެ އެވެ.
ކުރިން ދިފާއީ ވަޒީރު އިޒްރޭލް ކަޓްޒް ބުނެފައިވަނީ، "ގާޒާގައި ދިމާވެދާނެ ކޮންމެ ހާލަތަކަށް އެންމެ މަތީ ފެންވަރުގައި ތައްޔާރުވުމަށް" އިޒްރޭލު ސިފައިންނަށް އަންގާފައިވާ ކަމަށެވެ.
އުތުރު ގާޒާގައި އިޒްރޭލުގެ ޑްރޯން ހަރަކާތްތައް އިތުރުވެއްޖެ
ގާޒާ ސިޓީ އަދި ހަނގުރާމާގައި ގެއްލުން ލިބިފައިވާ އުތުރު ސަރަހައްދުތަކުގެ މަތީގައި އިޒްރޭލުގެ ޑްރޯން ހަރަކާތްތައް އިތުރުވަމުންދާކަމަށް އެ ސަރަހައްދުގައި ތިބި ނޫސްވެރިން ރިޕޯޓުކޮށްފި އެވެ.
އިޒްރޭލު މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ގާޒާ ޑިވިޝަންގެ ހުރިހާ ސިފައިންގެ ޗުއްޓީތައް ވަނީ ވަގުތީގޮތުން ހުއްޓާލާފަ އެވެ.
ސީސްފަޔާ އެއްބަސްވުން ލަސްވުމަކީ މައްސަލައެއް: ޔޫއެން
ހަމާސްއިން އިޒްރޭލުގެ ރަހީނުން ދޫކުރުން ހުއްޓާލުމާ ގުޅިގެން ޔޫއެން ސެކްރެޓަރީ ޖެނެރަލްގެ ނައިބު ސްޕޯކްސްމަން ފަރްހާން ހައްގް ވާހަކަދައްކައިފި އެވެ.
"އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކަށް ހުރިހާ ފަރާތްތަކުން ވެސް އިހްތިރާމް ކުރުން ކަށަވަރުކުރަން ބޭނުން. އަދި އެއްބަސްވުމުގެ ހުރިހާ ކަންތައްތަކަށް ކަނޑައެޅިފައިވާ ވަގުތުތަކަށް ތަބާވުމަކީ ވަރަށް މުހިންމު ކަމެއް،" ހައްގް ބުނެފައިވެއެވެ.
"އެއްބަސްވުމުގެ އެއްވެސް ބައެއް ތަންފީޒުކުރުން ލަސްވުމަކީ މައްސަލައެއްކަން ވަރަށް ސާފު. އެއްވެސް ލަސްވުމެއް ނައިސް، ކުރިން ރާވާފައިވާ ގޮތަށް އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރެވޭކަން ކަށަވަރުކުރަން ބޭނުން."
ހަމާސްއިން އިޒްރޭލުގެ ރަހީނުން ދޫކުރުން ފަސްކުރުމުން އިޒްރޭލުން ހަނގުރާމައަށް ތައްޔާރުވަމުންދާކަމަށް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ