ރޯދަމަހަށް މާވަށުގައި ފައިސާގެ އިނާމު ލިބޭ ކުޑަކުދިންގެ ނަމާދު ޕްރޮގްރާމެއް

އަގުހުރި ފައިސާގެ އިނާމާއެކު ލ. މާވަށު ކައުންސިލުން ރޯދަ މަހު ރަށުގެ ކުޑަކުދީންނަށް ޚާއްސަ ނަމާދު ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމައިފިއެވެ. މާވަށު ކައުންސިލުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މި ޕްރޮގްރާމަކީ ރަމަޟާން މަހުގެ, ފުރަތަމަ ފަތިސް ނަމާދު ވަގުތުން ފެށިގެން 40 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި ފަރުޟު ފަސް ނަމާދުގެ ޖަމާއަތަށް ހާޒިރުވެ މުޅި މުއްދަތުގައި ހުރިހާ ނަމާދެއް ފުރިހަމަކުރާ ކުދީންގެ ތެރެއިން އެއްވަނައަށް ހޮވޭ ކުއްޖަކަށް 5000 ރުފިޔާ ދޭނެކަމަށް ވަނީ ބުނެފައެވެ. ދެވަނައަށް ނަސީބުވެރިއަކަށް 3000 ރުފިޔާ އަދި ތިން ވަނަ ނަސީބުވެރިއަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށް ވަނީ ބުނެފައެވެ. ވަނަތަކަށް ހޮވޭ ކުދީންގެ އިތުރުން މި ޕްރޮގްރާމު ފުރިހަމަކުރާ ކޮންމެ ކުއްޖަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. ކައުންސިލުން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ކުދީން މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރީން ކައުންސިލް އިދާރާގައި ނަންނޯޓު ކުރުމަށް އެދިފައެވެ. އަދި ޕްރޮގްރާމު ހިންގާނެ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް ޕްރޮގްރާމުގައި ބައިވެރިވާ ކުދީންގެ ބެލެނެވެރީންނާއިއެކު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ބައްދަލުވުމުގެ ތާރީޚު ފަހުން އަންގާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. ޕްރޮގްރާމާ ބެހޭ ގޮތުން "ސަން"އަށް މައުލޫމާތު ދެމުން މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ ވިދާޅުވީ މި ޕްރޮގްރާމަކީ ސްކޫލު ކުދީންނަށް ޚާއްސަކޮށްގެން ކައުންސިލުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމުގެ މަގްސަދަކީ ރޯދަމަހަށް ކުޅިވަރު ހަރަކާތްތަކުން ދުރުވެ ދީނީ ކަންކަމަށް ލޯބިކުރުވުން ކަމަށް ވެސް ވިދާޅުވިއެވެ. އިމާމާ ހަށަންބަންނައިރު އިމާމާއާއެކު ހަށަން ބަންނަ ކުދީން މީގައި މި ޝާމިލުވަނީ. އެހެންވީމަ އެއީ ލައްކަ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ. އެހެންވީމަ ނިންމާފައި އެއްޗެއް ނުލިބިއްޖެނަމަ އެ ކުދީން ދެރަވަނެތާ. މައިގަނޑު ގޮތެއްގައި މި ޕްރޮގްރާމަކީ ކުދީންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް. ޕްރޮގްރާމް ނިންމާ ކޮންމެ ކުއްޖަކަށް ވެސް ލިބޭނެ އެންމެ މަދުވެގެން ވެސް 500 ރުފިޔާ. މާވަރު ކައުންސިލް ރައީސް އަހްމަދު މޫސާ ކައުންސިލް ރައީސް ވިދާޅުވީ ސްކޫލު ކުދީންނަށް އަމާޒުކޮށްގެން މި ޕްރޮގްރާމް ހިންގުމުގެ މަގްސަދަކީ އެ ކުދީންގެ ހިތްތަކުގައި ނަމާދަށް އޮތް ޝައުގުވެރިކަން އިތުރުކުރުން ކަމަށެވެ. ރޯދަމަހަށް ޚާއްސަކޮށްގެން ކައުންސިލްތަކުން ދީނީ ޕްރޮގްރާމުތައް ކުރިއަށްގެންދެއެވެ. މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މާޗް މަހުގެ ފުރަތަމަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ