’ރަށު އެކްސްޕޯ‘ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް

ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ބާއްވާ ހާއްސަ "ރަށު އެކްސްޕޯ"ގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވީ ވަރަށް ގިނަ ރައްޔިތުންނާ ގުޅޭ މިފަދަ އެކްސްޕޯއެއްގައި ބީއެމްއެލް އަށް ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.  
"ވަރަށް ގިނަ ރައްޔިތުންނާ ގުޅޭ މިފަދަ އެކްސްޕޯއެއްގައި ބީއެމްއެލް އަށް ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. މިއީ ވިޔަފާރިތަކާ އާއްމުން ގުޅުވާލަދޭނެ މުހިއްމު އެކްސްޕޯއަކަށް ވެގެންދާނޭކަށް އުއްމީދުކުރަން"، އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ދަ ޓްރެވަލް ގާއިޒްގެ ޑިރެކްޓަރު ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ ރަށު އެކްސްޕޯގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖެހިގެން ދިއުމަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެ ބޭންކު ދޭ އަހަމިއްޔަތުކަން ހާމަވާކަމެއް ކަމަށެވެ.
"ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭންކިންގ ޚިދުމަތް ދޭ ކުންފުނިން މި އިވެންޓުގައި ބައިވެރިވިކަމީ މި އެކްސްޕޯ އަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް. އަދި މިއީ ފަތުރުވެރި ދާއިރާގައި އުފެދިގެން އަންނަ ކުންފުނިތަކާއި ރަށްރަށުގެ ތަރައްގީއަށް ބީއެމްއެލްއިން އިސްކަންދޭކަމުގެ ހެއްކެއް"، އޭނާ ވިދާޅުވިއެވެ.
"ރަށު އެކްސްޕޯ" ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ. މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގިނަ ސްޓޯލް ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ