އިނގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ޓޮޓެންހަމް ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައި 5-1 ގެ ނަތީޖާއަކުން މޮޅުވެ ބާކީ ހަތަރު މެޗު އޮއްވައި ލިވަޕޫލުން ލީގު ޗެންޕިއަންކަން ޔަގީންކޮށްފިއެވެ.
މިނަތިޖާއެކު ލީގުގައި ކުޅުނު 34 މެޗުން ލިބުނު 82 ޕޮއިންޓާއެކު ލިވަޕޫލް މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި ދެވަނައިގައި އޮތް އާސެނަލްއަށް 34 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، ބާކި އޮތް ހަތަރު މެޗުން މޮޅުވި ނަމަވެސް ގިނަވެގެން އެޓީމަށް ހަމަކުރެވޭނީ 79 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ޓޮޓެންހަމް ލީގުގައި ކުޅުނު 34 މެޗުން ހޯދި 37 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ16 ވަަނައިގައެވެ.
ލީގުގައި ލިވަޕޫލުން އެންމެ ފަހުން ކުޅުނު މެޗުގައި ލެސްޓާ ސިޓީ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ޓޮޓެންހަމް އެންމެ ފަހުން ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް އަތުން އެޓީމު ވަނީ 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި މިދެޓީމު އެެންމެ ފަހުން ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލް އިންނެވެ.
Advertisement
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޓޮޓެންހަމް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޑޮމެނިކް ސޮލާންކޭ އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ލިވަޕޫލްގެ ކޮލަމްބިއާ ފޯވާޑް ލުއިސް ޑިއާޒް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
ލިިވަޕޫލުން މެޗުގެ ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި މިޑްފީލްޑަރު އެލެކްސިސް މާކް އެލިސްޓާ ކާމިޔާބުކުރިއިރު، އޭގެ 10 މިނެޓުފަހުން ފޯވާޑް ކޯޑީ ގައްޕޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ފޯވާޑް މުހައްމަދު ސަލާހް ކާމިޔާބުކުރިއިރު، މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 34 މެޗުގައި އޭނާ ކާމިޔާބުކުރި 28 ވަނަ ލަނޑެވެ.
މީގެ އިތުރުން މިމެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ފަސްވަނަ ލަނޑަކީ ފަހުހާފުގެ 69 ވަނަ މިނެޓުގައި ލިވަޕޫލްގެ ހަމަލާއެއް ދިފާކުރަން އުޅުމުގެ ތެރޭގައި ޓޮޓެންހަމްގެ ކުޅުންތެެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް ލިވަޕޫލުން ލީގު ޗެންޕިއަންކަން ޔަގީންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ