ރައްޔިތުންގެ މަޖިލީހުގެ މެންބަރ މީކާއީލް ނަސީމް ވިދާޅުވާހެން ކުއްލި މައްސަލަ ބޭރުކޮށް، ވާހަކައަށް ހުރަސްއެޅިއަސް ހަގީގަތް އޮޅުވައެއް ނުލެވޭނެއެވެ. ރިޕޯޓު ނުކޮށް 3 ގަޑިއިރުވަންދެން މަރަށް ޔުމްނު ދޫކޮށްލާފައި ނުބާއްވާކަމަކަށް ނުވާނެއެވެ. ތުހުމަތު ކުރެވޭ ބައެއް މީހުންގެ ވަނަވަރު ސިއްރުނުކުރާ ކަމަކަށް ނުވާނެއެވެ.
މިނިސްޓަރ އަމީނަށް ނިސްބަތްވާ ގެއެއްގައި ޑްރަގް ޕާޓީ ނުކުރާ ކަމަކަށް ނުވާނެއެވެ. ޕާޓީގެ ބައިވެރިންގެ ތެރޭގައި ރައީސް އޮފީހުގެ ސިޔާސީ ވެރިންތަކެއް ނުހިމެނޭ ކަމަކަށް ނުވާނެއެވެ. ޔުމްނާ ރައުދުވެސް ބައިވެރިވި އެ ޑްރަގް ޕާޓީ ކުރި މީހުންގެ ސާމްޕަލް 72 ގަޑިއިރު ވީ އިރުވެސް ނެނގި ކަމަކަށް ނުވާނެއެވެ.
ޔުމްނާއި ރައުދު ޕާޓީއަށް ފަހު ވަދެގެން އުޅުނު ގެއަކީ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ތަނެއް ކަމަށް ފުލުހުން ބުނި ނަމަވެސް އެގޭގެ ބަޔަކާ އެ މީހުނާ ގާތްކަމާއި ގުޅުން ނެތްކަމަކަށް ނުވާނެއެވެ. އަނެއްކޮޅުން ޑްރަގް ޕާޓީކުރިގެ ބަލާ ފާސްކުރީ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން ނޫން ކަމަކަށް ނުވާނެއެވެ. މިނިސްޓަރ އަމީނަށް ނިސްބަތްވާގެ ފާސްކުރަމުން ދިޔަ ވަގުތުވެސް އަމީނު ފުލުހުންނަށް ގުޅައިގެން ނުފޫޒު ފޯރުވަން ނޫޅޭ ކަމަކަށް ވެސް ނުވާނެއެވެ.
ޒުވާންކަމުގެ ޖަޒްބާތުގައި ޒުވާނުން ކުރާކަން ކަމަކީ މާބޮޑު މައްސަލައެއް ނޫންކަމަށް ޔުމްނު މައްސަލައާއި ގުޅިގެން އެންމެ ފުރަތަމަ ރައީސް މުއިއްޒު ނުބުނާ ކަމަކަށްވެސް ނުވާނެއެވެ. ރައީސް މުއިއްޒުގެ އަންހެންދަރި ޔާސްމީން ސޯޝަލް މީޑިއާގައި ޑްރަގް ޕާޓީކުރި ޒުވާނުން ދިފާއުކޮށް ވާހަކަ ނުދައްކާ ކަމަކަށް ނުވާނެއެވެ.
ޔުމްނު މައްސަލަ ގައުމީ ބޮޑުމައްސަލައަކަށް ބަދަލުވެ ސަރުކާރު ހޫނު ފެނަށް ވެއްޓުނީ ބޮޑުންގެ މަސްލަހަތު އިސްކޮށް ކަންތައްތަކެއް މަތީފެންވަރެއްގައި ފޮރުވަން އުޅުމުން ނޫންކަމަކަށް ނުވާނެއެވެ. ބިރަކާ ނުލާ ޑްރަގްޕާޓީ ބާއްވާ މަޖާކޮށް ހެދުމުގައި ރައީސް މުއިއްޒުގެ އަރިހުގައި މަސައްކަތްކުރާ އެތައްބަޔަކު ޝާމިލް ނުވާ ކަމަކަށްވެސް ނުވާނެއެވެ.
ޔުމްނަށް ލިބުނު އަނިޔާއަށް ފަރުވާ ދިނުމުގައިވެސް އިހުމާލުތަކެއް ނުވާކަމަކަށް ނުވާނެއެވެ. ޕްރެޝަރ ބޮޑުވެގެން ޔުމްނު މެލޭސިޔާއަށް ބޭހަށް ފޮނުވުމުގައި ޓިކެޓާއި މާލީ އެހީތެރިކަމެއް އެންސްޕާއިން ދިނުމުން އެކަމާ މޭނުބައިކޮށްގެން މުއިއްޒުގެ އައުވާނުން ނޫޅޭ ކަމަކަށްވެސް ނުވާނެއެވެ.
އަނެއްކޮޅު މުޅި މައްސަލަ ރައުދު ބޮލަށް ކަނޑާލާ މުއިއްޒުގެ ސިޔާސީ އައުވާނުންކޮޅު ސަލާމަތް ކުރުމަށް ޕޮލިސް ސާރވިސްގެ އިތުބާރު ކަނޑުވާ ނުލާ ކަމަކަށްވެސް ނުވާނެއެވެ. ރިޔާސީ ކޮމިޝަން ހަދައިގެން މަތިއޮމާންކޮށް ދަވާދުލާ އޮއްބާލަން ޑރ. މުނައްވަރު ލައްވާ ކުރުވަން ތިޔައުޅޭ ކަމަކުންވެސް ބަރަހަނާވެ އިތުރަށް މުއިއްޒު ބޭޒާރުވުން ނޫންކަމެއް ނުވާނެއެވެ.
ހުރަސް އަޅައިގެން ހަގީގަތް އޮޅުވައެއް ނުލެވޭނެ: މީކާއީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ