ބޭރު ގައުމެއްގައި ކިޔެވިޔަސް ދީނުގެ ހަމަތައް ދޫކޮށްނުލާތި: ރައީސް
ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ކިޔެވިޔަސް އިސްލާމީ އުސޫލުތައް ދޫކޮށްނުލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނަސޭހަތްތެރިވެވަޑައިގެންފި އެވެ.އެމަނިކުފާނު މިހެން ވިދާޅުވީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.ރައީސް ވިދާޅުވީ ބޭރު ގައުމަކަށް އައިސް އުޅުނު ނަމަވެސް އަމިއްލަ އައިޑެންޓިޓީގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.އެގޮތުން ބައެއް ކިޔަވާ ކުދިންނަށް ބޭރު ގައުމުތަކުގައި އުޅޭއިރު އެ ގައުމެއްގެ މުޖުތަމައުއެއްގެ ތެރޭގައި އޮންނަ ޓްރެންޑްތަކާ އެއްގޮތަށް އުޅެވި، ދީނުގެ ހަމަތައް ދޫކޮށްލެވޭ ގޮތްވާ ކަމަށް ރައީސް ވިދާޅުވި އެވެ."އެހެންވިޔަ ނުދެއްވާށޭ. އަބަދުވެސް ހަނދާން ބަހައްޓައްޗޭ އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ތިބި ބައެއްކަން. އެކަން ފުރިހަމައަށް ހަނދާނުގައި ބަހައްޓައިގެން އަމަލުކުރަމުން ދައްޗޭ. އޭރުން ދެން ހުރި ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް. ބަރާބަރަށް ނަމާދު ކުރުމާއި ދެން ހުރި ހުރިހާ ކަމެއް ވެސް ކުރަމުންދާށޭ،" ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ، ބޭރު ގައުމުތަކަށް ގޮސް ކިޔަވަނީ އަމިއްލަ ނަފުސާއި މައިންބަފައިންނަށް ހިތްހަމަޖެހުން ހޯދައިދޭން ކަމަށާއި ގައުމަށް ރީތި ނަން ހޯދައިދޭން ކަމަށެވެ.ރައީސް މުއިއްޒު ވަނީ ބޭރު ގައުމުތަކުގައި އުޅޭއިރު އެންމެން އެއްބައިވަންތަކަމާއި އެކުވެރިކަމާ އެކު އުޅުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.އެ މަނިކުފާނު ވިދާޅުވި ގޮތުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ހުރި ކަންބޮޑުވުންތަކަށް ވެސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކޮންމެ ގައުމެއްގައި ދިވެއްސަކު އުޅުނަސް ރާއްޖޭގައި އުޅޭ ދިވެހިންނާ އެއްވަރަށް ހައްގުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.މެލޭޝިއާއަކީ މިހާރު ރާއްޖެއިން ބޭރުގައި އެންމެ ބޮޑު ދިވެހި އާބާދީ އޮތް ގައުމެވެ. އެހެންކަމުން އެ ހުރިހާ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ބޭއްވުމަށާއި، އެހެން ނޫންނަމަ ނިކަމެތިކަން އަންނާނެކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ