މިދިޔަ ފެބްރުއަރީ މަހު ގެޒެޓު ކުރި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގަވާއިދާ އެއްގޮތަށް އަމަލު ކުރަމުން ދޭތޯ ކަށަވަރު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެކުލަވާލައިފައިވާ ޓާސްކްފޯސްއަކުން އިންސްޕެކްޝަންތަކެއް ހިންގަން ފަށައިފި އެވެ.
އެ ޓާސްކްފޯސްއިން އިންސްޕެކްޝަންތައް ހިންގަން ފެށީ މިމަހުގެ 20، ގައި ކަމަށް ހެލްތު ޕްރޮޓެކްޝަނުން ބުންޏެވެ.
ފެބްރުއަރީ މަހު އާންމުކުރި ގަވާއިދުގައި ވާގޮތުން ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ގަނޑުކޮށް ނުވަތަ ވަކިވަކިން ވިއްކޭނީ 5،000ރ. ގެ ހުއްދައެއް ހޯދައިގެންނެވެ. އެ ހުއްދަ ދޫކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތު ހަމަވުމުގެ 60 ދުވަސް ކުރިން ހުއްދަ އާކުރަން ހުށަހަޅަން ޖެހެ އެވެ. ހުއްދަ އާ ކުރެވެނީ ވެސް 5،000ރ. ދެއްކުމުންނެވެ.
ދުންފަތުގެ ބާވަތްތައް އިމްޕޯޓް ކުރާ ވިޔަފާރިތަކުން 10،000ރ. ގެ ހުއްދައެއް ނަގަން ޖެހޭއިރު ދުންފަތުގެ ބާވަތްތައް ރީއެކްސްޕޯޓު ކުރާ ވިޔަފާރިތަކުން ވެސް ހުއްދަ ނެގުމަށް 10،000ރ. ދައްކަން ޖެހެ އެވެ. މި ދެ ހުއްދަ އާކުރަން ވެސް 10،000ރ. ދައްކަން ޖެހެ އެވެ.
އޭގެ އިތުރުން، ކެފޭ ރެސްޓޯރަންޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ކަނޑައަޅާ ހާއްސަ ސަރަހައްދު ނުވަތަ ސްމޯކިން ރޫމާއި އޭރިއާއަށް ވެސް ހާއްސަ ހުއްދައެއް ނަގަން ސަރުކާރުން ވަނީ މަޖުބޫރުކޮށްފަ އެވެ. އެ ހުއްދަ ލިބެނީ އަދި އާ ކުރެވޭނީ ވެސް 10،000ރ. އަށެވެ.
ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތައް ވިއްކާނަމަ ފުރަތަމަ ފަހަރު 50،000ރ. އިން އަދި ދެވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000ރ. އިން ޖޫރިމަނާ ކުރަން ގަވާއިދުގައި ވަނީ ހިމަނާފަ އެވެ. ދެވަނަ ފަހަރުން ފެށިގެން ހިލާފުވާ ކޮންމެ ފަހަރަކު ވިޔަފާރި ހުއްދަ ހަ މަސް ދުވަހަށް ހިފެހެއްޓުމަށް ވެސް ވަނީ ނިންމައިފަ އެވެ.
މި ގަވާއިދުގެ ދަށުން ފިހާރަތަކުން ހުށަހަޅަން ޖެހޭ ރިޕޯޓު ގަވާއިދާ އެއްގޮތަށް ހުށަނާޅައިފިނަމަ 5،000ރ. އިން ޖޫރިމަނާކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ރިޕޯޓާ އެކު ވިޔަފާރިތަކުގެ އޮޑިޓު ރިޕޯޓުތަކުގެ ކޮޕީއެއް ހެލްތު މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ.
އަދި، ދުންފަތުގެ ބާވަތްތައް ވިއްކާ ތަންތަނުގައި އާންމުންނަށް ފެންނާނެ ގޮތަށް ދުންފަތުގެ ބާވަތްތައް ބެހެއްޓުން ވެސް އެ ގަވާއިދުގައި ވަނީ މަނާކޮށްފަ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކާއި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އިލްތިމާސްކޮށްފަ އެވެ.
އަަދަދު އަށް އެނގިފައިވާ ގޮތުގައި އެޗްޕީއޭގެ ޓާސްކްފޯސްއިން ހިންގަމުންދާ އިންސްޕެކްޝަންތަކުގައި ގިނަ އަދަދެއްގެ ފިހާރަތައް މިހައިތަނަށް ވަނީ ޖޫރިމަނާ ކޮށްފަ އެވެ. އެއާއެކު ދުންފަތުގެ ވިޔަފާރި ކުރަމުންދިޔަ ގިނަ ތަންތަނުން މިހާރު ވަނީ ދުންފަތުގެ ބާވަތްތައް ވިއްކުން ވެސް ހުއްޓާލައިފަ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގަވާއިދާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބެލުމަށް އިންސްޕެކްޝަންތަކެއް ދުންފަތް ކޮންޓްރޯލް ކުރުމުގެ ގަވާއިދާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބެލުމަށް އިންސްޕެކްޝަންތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ