ރަސްފަންނު މޫދުން ކަޅުތެޔޮ ނަގައި ސާފުކޮށްފި، މިހާރު އެރެވޭނެ

ރަސްފަންނު މޫދަށް ކަޅު ތެޔޮ އަޅާފައިވާ ސަރަހައްދު ސާފުކޮށް، އާންމު ހާލަތަކަށް ގެނެސްފިއެވެ. އެކަން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ ފުލުހުން މިއަދު ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަނީ، ރަސްފަންނު މޫދަށް ކަޅު ތެޔޮ އަޅާފައިވާ މައްސަލައެއް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. އެހެންވެ، އެ ސަރަހައްދަށް މޫދަށް ނޭރެން ފުލުހުން ވަނީ އެދިފައެވެ. ނަމަވެސް، އެ ތަނަށް ކަޅުތެޔޮ އެޅިފައިވާ ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ. ރަސްފަންނަށް ކަޅު ތެޔޮ އަޅާފައި އޮތް ސަރަހައްދު ސާފުކޮށްފައި ---- ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ ދެންމެ ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ސަރަހައްދު ސާފުކޮށް އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ތެރޭގައި ވެސް މާލޭ ފަޅުތެރެއަށް ކަޅު ތެޔޮ ހަމެއް އޮއްސާލި މައްސަލައެއް ފެންމަތިވެ، ސިޓީ ކައުންސިލުން އެ މައްސަލަ ބެލިއެވެ. އޭގެކުރިން 2023 ވަނަ އަހަރު އެމްޕީއެލް ސަރަހައްދާއި ރަސްމީ ފާލަން ސަރަހައްދަށް ގިނަ އަދަދެއްގެ ކަޅު ތެޔޮ އެޅި މައްސަލައެއް ވެސް ވަނީ ފުލުހުން ބަލާފައެވެ. އެފަހަރު ފަޅުތެރެ ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ޖުމުލަ 15 ފީފާގެ ކަޅު ތެޔޮ ނަގައިފައިވާއިރު، އެއީ 1،000 ލީޓަރުގެ ތެލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ