"ތިމާވެށި" ބޯޓު އަނެއްކާ ވެސް ބޮޑު މަރާމާތަކަށް "ތިމާވެށި" ބޯޓު އަނެއްކާ ވެސް ބޮޑު މަރާމާތަކަށް

ތިމާވެށި މޮނީޓާ ކުރުމުގެ ބޭނުމުގައި މީގެ ދެ އަހަރު ކުރިން ރާއްޖެ ގެނައި "ތިމާވެށި" ބޯޓު އަނެއްކާ ވެސް މަރާމާތުތަކެއް ކުރަންޖެހިއްޖެ އެވެ.
އިންޑިއާގެ ކުންފުންޏަކުން ހެދި ތިމާވެށި ބޯޓު ގަތީ ވޯލްޑް ބޭންކުގެ އެހީގަ އެވެ. އެ ބޯޓު ރާއްޖެ ގެނެސް އިފުތިތާހު ކުރީ މެއި، 2023، ގަ އެވެ. ބޯޓު ގެނައި ފަހުން މިހާރު ވެސް ދެ ފަހަރަކަށް މަރާމާތުކޮށްފި އެވެ.
ތިމާވެށި ބޯޓު މަރާމާތު ކުރަން އެންވަރަމަންޓް މިނިސްޓްރީ އިން އަނެއްކާ ވެސް އިއުލާނު ކުރީ މިދިޔަ ހަފުތާގަ އެވެ. މިފަހަރު ބޯޓަށް ވަރަށް ބޮޑު މަރާމާތެއް ކުރަންޖެހެ އެވެ. ބެލެވޭ ގޮތުގައި މިފަހަރު ކުރަންޖެހޭ މަރާމާތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުވާނެ އެވެ. މަރާމާތު ކުރުމުގެ އިތުރުން، ބޯޓުގައި މިފަހަރު އިތުރު ސިސްޓަމްތަކެއް ވެސް ހަރު ކުރުން ހިމެނެ އެވެ.
ތިމާވެށި ބޯޓުގެ މަރާމާތް
އިންޑިއާއިން ރާއްޖެއަސް ބޯޓު ފުރުވާލުމުގެ ކުރިން ބޭއްވި ހަފުލާގައި ކޮންސަލްޓަންޓު ޔާސިރު (ވ).
ތިމާވެށި ބޯޓު ގެނެސް މައްސަލަ ނުޖެހި އެ ބޯޓު ދުއްވުނީ މަދު ދުވަސްކޮޅެކެވެ. އެ ބޯޓު ނުދުއްވައި ވަރަށް ގިނަ ދުވަހު ބާއްވާފައި އޮތެވެ. ބޯޓު ގެނައި އިރު ވެސް އޭގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަވެފަ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި، ފުލުހުންގެ މެރިން ޑިޕާޓްމަންޓުން ވަނީ މީގެ ކުރިން ބޯޓުގެ އިވެލުއޭޝަނެއް ހަދައިފަ އެވެ. ބޯޓުގައި ހަރުކޮށްފައި ހުރި ބައެއް ސިސްޓަމްތަކަކީ ވަރަށް ބާ ސާމާނުކަން އެ އިވެލުއޭޝަނުން ހާމަވި އެވެ. އެކަމަކު އެ ސިސްޓަމްތައް ހަރުކޮށްފައި ހުރީ އާ ތަކެތީގެ ގޮތުގަ އެވެ.
އެކަމަކު ތިމާވެށި ބޯޓު ރާއްޖެ ގެނެސްފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޓީމަކުން އިންޑިއާއަށް ގޮސް ބެލުމަށްފަހެވެ. އޭގެ ތެރޭގައި އެ ޕްރޮޖެކްޓުގެ ކޮންސަލްޓަންޓު އިބްރާހިމް ޔާސިރު ވެސް ހިމެނެ އެވެ.
އެ ބޯޓު ގެނެސްފައި ވަނީ އެންވަރަމެންޓު ޕްރޮޓެކްޝަން އެޖެންސީއާ ހަވާލު ކުރުމަށެވެ. ނަމަވެސް ބޯޓުގެ މައްސަލަތައް ގިނަކަމުން މިހާތަނަށް ވެސް އީޕީއޭ އިން އެ ބޯޓާ ހަވާލުވެފައެއް ނުވެ އެވެ.
ތިމާވެށި ބޯޓު ބަނދެފައި ވަނީ ވިޖާއީ މެރިން ޝިޕްޔާޑުންނެވެ. އެއީ އިންޑިއާގެ ގޯއާގައި އޮޕަރޭޓު ކުރާ ކުންފުންޏެކެވެ. އެ ކުންފުނިން މީގެ ކުރިން ބުނެފައި ވަނީ އެ ބޯޓަކީ އިންޑިއާގައި ހެދި އެންމެ ފުރަތަމަ ކަޓަމަރާން ސްޓައިލުގެ ބޯޓު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ