އާ ޓާމިނަލް ޖުލައި 26ގައި ހުޅުވާއިރަށް 200އެއްހާ އާ އިމިގްރޭޝަން އޮފިސަރުން

އިމިގްރޭޝަނަށް މިއަހަރުގެ ތެރޭ ޖުމްލަ 200އެއްހާ އާ އޮފިސަރުން ބޭނުންވާ ކަމަށާއި އެހާ ގިނަ އަދަދަކަށް މީހުން ބޭނުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓީމިނަލް ހުޅުވާތީ ހިދުމަތްތައް ފުޅާކުރަން ކަމަށް އެ ޑިޕާޓްމަންޓުން ބުނެފި އެވެ. 
ވީ ކިހިނެއް؟ - އިމިގްރޭޝަނުން އިއްޔެ ވަނީ އެ އިދާރާއަށް 50 އޮފިސަރުން ހޯދަން ބޭއްވި ވޯކިން އިންޓަވިއު ސެޝަންއެއް ގަލޮޅު މަދަރުސާގައި ބާއްވައިފަ އެވެ. އެ ވަޒީފާތަކަށް ވަންނަން ހާހަކާ ގާތްކުރާ އަދަދަށް މީހުން އިންޓަވިއުއަށް ޖަމާވި އެވެ. 
ބުނީ ކީކީ؟ - އެ ސަރަހައްެދުގައި ހުންނަވާ އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރު އަބްދުﷲ ވިޝާމް 'ދައުރު'އަށް ވިދާޅުވީ އަލަށް ނަގާ އިމިގްރޭޝަން އޮފިސަރުންނަކީ މާލޭ ސަރަހައްދުގައި މަސައްކަތް ކުރަން ނަގާ ފަރާތްތައް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:
މިއަހަރު ޖުމްލަ 200އެއްހާ އިމިގްރޭޝަން އޮފިސަރުން ބޭނުންވޭ 
"އަލަށް ހުޅުވާ އެއާޕޯޓް ޓާމިނަލްއަށް އަމާޒުކޮށް މިފަހަރު ކުދިން މި ނަގަނީ. މިއަހަރު ތެރޭ އަދި އިތުރަށް އިއުލާން ކުރަމުން ދާނެ،" ވިޝާމް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - އެނގިފައިވާ ގޮތުގައި، އެއާޕޯޓްގައި ހަދާ ޒަމާނީ ބޮޑު އާ ޓާމިނަލް މި ހުޅުވަނީ އެ ތަން ހަދަން ފެށިތާ 10 އަހަރު ފަހުންނެވެ. އެ އިމާރާތް މިހާރު ވެސް ރޭގަނޑު ދިއްލާއިރު އެއާޕޯޓުން މިހާރު ކުރަމުން ދަނީ އެ ތަން ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.
އެނގިފައިވާ ގޮތުގައި، އެއާޕޯޓުން މިހާރު ތައްޔާރު ވަނީ، ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ 26 ޖުލައިއަށް އެ ތަން ރަސްމީކޮށް ހުޅުވައި ހިދުމަތް ދެވޭތޯ އެވެ. 
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ހަރަދު ކުރާނެ
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
ފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ