ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ބާއްވަން ސްޓޯމް އިވެންޓްސް ގުޅިއްޖެ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ބީޓުބީ މީޑިއާ ގްރޫޕް، ހޮޓެލިއާ މޯލްޑިވްސް އިން ދޭ 'ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025' ހަފްލާ އިންތިޒާމްކުރުމަށް ތިންކު މޯލްޑިވްސްގެ ދަށުން ހިންގާ ސްޓޯމް އިވެންޓްސްއާ އެކު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - 'ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025' ބާއްވަނީ އަންނަ މަހު 14ގައި ބާސެލޯ ނަސަންދުރަ މާލެ ހޮޓަލުގަ އެވެ.
ތަފްސީލް - ތިންކް މޯލްޑިވްސްއަކީ ސްޓޯމް އިވެންޓްސް އަދި ޕްރިންޓްވާކްސް ހިމެނޭ ކުންފުނިތަކެއްގެ ގްރޫޕެކެވެ.
ބޮޑެތި އިވެންޓްތަކާއި އުފެއްދުންތެރި ކެމްޕޭންތައް ހިންގުމުގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެޑްވަޓައިޒިން އޭޖެންސީ އަކީ ތިންކް މޯލްޑިވްސް އެވެ. ސްޓޯމް އިވެންޓްސް ހިންގަނީ ތިންކް މޯލްޑިވްސްގެ ދަށުންނެވެ.
"ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގެ އޯގަނައިޒިން ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް. މިއީ ރާއްޖޭގެ އެންމެ މުހިންމު އެއް ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކުރުމުގެ ރަސްމިއްޔާތެއް. އެ ފަރާތްތަކުގެ ހުނަރުވެރިކަން ފާހަގަކުރުމަށް މަގުފަހިކޮށްދިނުމުގައި އެހީތެރިވެދެވޭތީ އުފާކުރަން،" ތިންކް މޯލްޑިވްސްގެ ސީއީއޯ އަދީލް އިސްމާއިލް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި މަގުބޫލު ހޮސްޕިޓަލިޓީ މަޖައްލާ ކަމަށްވާ ހޮޓެލިއާ މޯލްޑިވްސްއިން ދޭ މި އަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު 1 ޖެނުއަރީން 10 ފެބްރުއަރީއަށް ހަމަވިއިރު، 450އަށް ވުރެ ގިނަ ފަރާތުގެ ހުށަހެޅުން ލިބިފައިވެ އެވެ.
މި ހުށަހެޅުންތައް ވަނީ 6 މެންބަރުންގެ ފަނޑިޔާރުންގެ ޕެނަލަކުން ވަޒަންކޮށް މާކްސް ދީފަ އެވެ.
އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅަނީ ފަނޑިޔާރުންގެ މާކްސްގެ %60 އާއި 25 މާޗުން 25 އޭޕްރީލްގެ ނިޔަލަށް ކުރިއަށްގެންދިޔަ އާންމު ވޯޓުގެ %40 ހިމެނޭ ގޮތަށެވެ.
ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)ގެ ޓައިޓަލް ސްޕޮންސަޝިޕްގެ ދަށުން ބާއްވާ މިއަހަރުގެ އެވޯޑަށް އަލަށް ހަތަރު ކެޓަގަރީއެއް އިތުރުކޮށްފައިވެ އެވެ. އެގޮތުން، ވޯޓަސްޕޯޓްސް ޕާސަނަލިޓީ އޮފް ދަ އިޔާ، ޑައިވިން ޕާސަނަލިޓީ އޮފް ދަ އިޔާ، އެއާޕޯޓް ރެޕްރެޒެންޓެޓިވް އޮފް ދަ އިޔާ އަދި ރިސޯޓް މެނޭޖާ އޮފް ދަ އިޔާގެ އެވޯޑު ހިމެނެ އެވެ.
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގެ ސްޕޮންސަރުންނާއި ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ:
ޓައިޓަލް ސްޕޮންސަރު: ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)
ޑިޖިޓަލް ޕާޓްނަރު: ދިރާގު
ބޭންކިން ޕާޓްނަރު: ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
ގޯލްޑް ސްޕޮންސަރު: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)
ބެވަރޭޖް ޕާޓްނަރު: މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިޔުސީ)
އެސޯސިއޭޓް ސްޕޮންސަރުން: އެލިއާ އިންވެސްޓްމަންޓްސް އަދި މެޓަލްސައިންސް
އޯގަނައިޒިން ޕާޓްނަރު: ސްޓޯމް އިވެންޓްސް/ތިންކް މޯލްޑިވްސް
މީޑިއާ ޕާޓްނަރު: މޯލްޑިވްސް ޓީވީ
ސަޕޯޓިން ޕާޓްނަރުން: މޯލްޑިވްސް އިންސައިޑާ، އޫފީ އަދި ލައިޓްސްއައުޓް ސްޓޫޑިއޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ