ޖޮކޮވިޗް، 100 ވަނަ އޭޓީޕީ ތަށި އުފުލާލައި ތާރީހުން ޖާގަހޯދައިފި ޖޮކޮވިޗް، 100 ވަނަ އޭޓީޕީ ތަށި އުފުލާލައި ތާރީހުން ޖާގަހޯދައިފި

ޖެނީވާ، ސްވިޒަލެންޑް (މެއި 25) - ޖެނީވާ އޯޕަން ކާމިޔާބުކޮށް ކެރިއަރުގައި، 100 ވަނަ އޭޓީޕީ ޓެނިސް މުބާރާތުގެ ތަށި އުފުލާލައި ސާބިއާގެ ލެޖެންޑް، ނޮވަކް ޖޮކޮވިޗް، ޓެނިހުގެ ތާރީހުން ޖާގަ ހޯދައިފި އެވެ.
ޓެނިހުގެ ބޮޑެތި މުބާރާތައް ކަމަށްވާ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތްތަކުގެ 24 ތަށި ހަމަކޮށް ރެކޯޑެއް ގާއިމްކޮށްފައިވާ ޖޮކޮވިޗަކީ ޓެނިހުގެ އޯޕަން އިރާގައި 100 އޭޓީޕީ ސިންގަލްސް ތަށި ހާސިލްކުރާ ތިން ވަނަ ކުޅުންތެރިޔާ އެވެ.
ޖޮކޮވިޗް، 38، ގެ ކުރިން، ޓެނިހުގެ އޯޕަން އެރާގައި 100 އޭޓީޕީ ތަށި ހަމަކުރީ، ރޮޖާ ފެޑެރާ އާއި ޖިމީ ކޮނާސް އެވެ.
ފްރެންޗް އޯޕަން ޓެނިސް މުބާރާތަށް ވޯމްއަޕް ކުރަން ޖެނީވާ އޯޕަންގައި ވާދަކުރި ޖޮކޮވިޗް ވަނީ އެ މުބާރާތުގެ ފައިނަލުގައި، ހިއުބާޓް ހުކާޒް އަތުން 5-7 7-6 (7-2) 7-6 (7-2). އިން ސެޓުތައް ގޮސްގެން މޮޅުވެފަ އެވެ.
މިދިޔަ އަހަރުގެ ޖެނީވާ އޯޕަންގައި ޖޮކޮވިޗް ވަނީ ސެމީ ފައިނަލަށް ދަތުުރުކޮށްފަ އެވެ. މި ފަހަރު އެ މުބާރާތް ކާމިޔާބުކުރުމަކީ، ކުރިއަށް އޮތް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ފްރެެންޗް އޯޕަންގައި ކާމިޔާބު ހޯދަން ލިބޭ ހިތްވަރެއް ކަމަށް ޖޮކޮވިޗް ވަނީ ބުނެފަ އެވެ. އަދި، މި ވަގުތަށް ބަލާއިރު، 100 އޭޓީޕީ ތަށި ހޯދައި، ތާރީހުން ޖާގަ ހޯދުމަކީ، ކެރިއަރުގެ ވަކި ހިސާބަކުން ދެކުނު ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް ވެސް ޖޮކޮވިޗް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ