އިސްރާއީލުން ޣައްޒާއަށް ވެއްދުމުގެ ފުރުސަތު ދިނީ ސައިސަމުސަލެއްހާ ކާބޯތަކެތި: އދ.
އދ. މަޖިލިސް (24 މެއި 2025): ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމަށްޓަކައި ގާތްގަނޑަކަށް ދެމަހާއި ބައިވަންދެން އެ ސަރަހައްދަށް ކާބޯތަކެތި ވެއްދުން މަނާކޮށްފައި ބޭއްވުމަށްފަހު ދުނިޔޭގެ ފިއްތުންތަކާ ގުޅިގެން ކާބޯތަކެތީގެ ކުޑަމިންވަރެއް ޣައްޒާއަށް ވެއްދުމުގެ ފުރުސަތު އިސްރާއީލުން ދިންނަމަވެސް އެއީ ގަބޫލު ކުރެވޭނެކަމެއް ނޫންކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވެއްޖެއެވެ. ނިއު ޔޯކްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ގުތެރޭޝް ވިދާޅުވީ މިއީ ޣައްޒާގެ ދެމިލިޔަނަށް ވުރެ ގިނަ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗަށް ބަލާއިރު "ސައިސަމުސަލެއްހާ" މިންވަރު ކަމުގައެވެ. ޣައްޒާގެ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ދަނީ ބަނޑަށް މަރުވަމުންނެވެ. އަނެއް ބަޔަކުވަނީ ބަނޑަށް މަރުވުމުގެ މަގުމަތީގައެވެ. އިއްޔެވެސް ޣައްޒާއިން 37 މީހަކު ބަނޑަށް މަރުވިކަން އދ. ގެ "އޮންރުވާ" ޖަމާއަތުން ރިޕޯޓްކޮށްފައިވެއެވެ. ހައިހޫނުކަން ބޮޑުވެ ހަރަކާތް ނުކުރެވޭ ހާލަތުގައި (ބަނޑަށް މަރުވުމުގެ މަގުމަތީގައި) ޣައްޒާގެ އެތައް ހާސް ބަޔަކު އެބަތިބިކަމަށް "އޮންރުވާ" ބުނެއެވެ. އިސްރާއީލުވަނީ "އޮންރުވާ"ގެ މުވައްޒަފުންގެ ތެރެއިން ވެސް 300އަށް ވުރެ ގިނަ މީހުން ޣައްޒާގައި މަރާލާފައެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިގޮތުގައި ޣައްޒާއަށް ވައްދާ ކާބޯތަކެތީގެ ޝިޕްމަންޓްތައް އދ.ގެ އުސޫލުތަކާއި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް އިސްރާއީލު ސިފައިން ލައްވައި ބެހުމަށް އިސްރާއީލު ކުރާ ކަންކަމުގެ ތެރެއަށް އދ. ނުވަންނާނެއެވެ. އިސްރާއީލުގެ ސިފައިން މެދުވެރިކޮށް ޣައްޒާގައި ކާބޯތަކެތި ބެހުމަކީ އިންސާފުގެ ކަންފުޅެއް ވެސް ހިމެނޭނެކަމެއް ނޫންކަމަށް ގުތެރޭޝް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޣައްޒާގެ ރައްޔިތުން އިސްރާއީލުގެ އިސްތިއުމާރުގެ ދަށުގައި ތަޙައްމަލު ކުރަމުން ގެންދަނީ އިންސާނީ ތާރީޚު މިފަހަކަށް އައިސް ދެކެފައި ނުވާފަދަ ލާއިންސާނީ އަނިޔާވެރި ކަންތައްތަކެކެވެ. މިއީ ދުލާއި ގަލަމުން ސިފަކުރެވޭ ވަރަށްވުރެ މާ އަނިޔާވެރި އަމަލުތަކެއް ކަމަށާއި ބޮން އަޅައިގެންނާއި ހައިހޫނުކަމުގައި ޖައްސައިގެންނާއި ބޭސްފަރުވާއިން މަހުރޫމް ކޮށްގެން ޣައްޒާގައި އާންމުން މަރަމުން ގެންދާކަން ގުތެރޭޝް ފާހަގަ ކުރެއްވިއެވެ. ދުނިޔޭގެ ފިއްތުންތަކާ ގުޅިގެން އިސްރާއީލުން އިއްޔެ ޣައްޒާއަށް ވެއްދުމުގެ ފުރުސަތު ދީފައިވަނީ އެންމެ 90 ލޮރީގެ ކާބޯތަކެއްޗެވެ. މިއީ ގާތްގަނޑަކަށް ފަނަރަ ނޫނީ ވިއްސަކަށް ހާސް މީހުންނަށް އެއްދުވަހު ބޭނުންވާ މިންވަރުގެ ކާއެތިކޮޅެކެވެ. ޣައްޒާގައި ހައިހޫނުކަން ތަހައްމަލުކުރާ މީހުންގެ އަދަދު އެއްމިލިޔަނަށް ވުރެ އިތުރެވެ. އަނެއްކޮޅުން އިއްޔެވެސް އިސްރާއީލުން ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައި 50 އަށް ވުރެ ގިނަމީހުން ޝަހީދުކޮށް 100 އަށް ވުރެގިނަ މީހުން ޒަޚަމްކޮށްލާފައިވެއެވެ. އިންސާނީ ހައްގުތަކުގެ ނަމުގައި އަޑުގަދަކުރާ އެމެރިކާއި ޔޫރަޕްގެ "ޑިމޮކްރެޓިކް" ގައުމުތައް އިސްރާއީލުގެ މިޖަރީމާތަކަށް ވަނީ ބީރު ކަންފަތަކާއި ކަނު ލޮލެއް ދީފައެވެ. މިއީ ކޮށްގެންވާނެކަމެއް ނޫންކަމަށް ބުނެ އިސްރާއީލަށް ފާޑުކިޔާލުން ފިޔަވައި އެނޫން އެއްވެސް ކަމެއް ހުޅަނގުގެ ދެފުށްދެގޮތް ގައުމުތަކުގެ ސަރުކާރުތަކުން ނުކުރެއެވެ. އިސްރާއީލަކީ މިޒަމާނުގެ ނާޒީ ޖަރުމަނުކަމާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަކީ މިޒަމާނުގެ ހިޓްލަރުކަމަށް ޔޫރަޕްގެ ބައެއް އާންމުން މިހާރު ސިފަކުރެއެވެ. މިޒަމާނުގެ ނާޒީ ނިޒާމުތައް ކަމަށްވާ އިސްރާއީލުގެ ޖަރީމާތައް ހުއްޓުވޭފަދަ ހަރުކަށި ފިޔަވަޅުތައް އިސްރާއީލާ ދެކޮޅަށް އެޅުމަކީ އެމެރިކާއާއި ޔޫރަޕް ބޭނުންނަމަ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ. އެމެރިކާއާއި ޔޫރަޕްގެ އާންމުންގެ ގިނަ ބަޔަކު ޣައްޒާގެ ދިފާއުގައި ނުކުމެ މުޒާހަރާތައް ކެނޑިނޭޅި ކުރެއެވެ. ނަމަވެސް ޔަހޫދީން މަހުޖަނުންނާއި ޔަހޫދީ ކުންފުނިތަކާއި ޔަހޫދީ ލޮބީތަކުގެ ބާރާއި ނުފޫޒުގެ ދަށުގައިވާ އެމެރިކާއާއި ޔޫރަޕްގެ ސިޔާސީ ވެރިންނާއި ސަރުކާރުތަކުން އިންސާނީ ހައްގުތަކުގެ ނަމުގައި ގެންގުޅެނީ މުނާފިގު ގޮތްގަނޑެކެވެ. މަތިމަތިން އިސްރާއީލު ކުށްވެރިކޮށްލާފައި އަޑިއަޑިން އިސްރާއީލަށް ވާގިވެރިވާ މުނާފިގު ގޮތްގަނޑެވެ. މިއީ ހުޅަނގުގެ ދެފުށްދެގޮތްކަން އަބަދުވެސް އޮންނަ ގޮތްކަމާއި ހުޅަނގުގެ ލީޑަރުންނަކީ އެއްއިރެއްގައިވެސް ބަހާއި އަމަލު ދިމާވާ ބައެއްނޫންކަން މުހައްލިލުން ފާހަގަ ކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ