އިމިގްރޭޝަންގެ 50 ވަޒީފާއަށް ބޮޑު ތަރުހީބެއް، 876 މީހުން ކުރިމަތިލި!

އިމިގްރޭޝަނުން 50 އޮފިސާ ޓްރެއިނީސް ހޯދަން މިއަދު ކުރިއަށްގެންދިޔަ ވޯކް-އިން އިންޓަވިއުގައި 876 މީހުން ބައިވެރިވި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. ވޯކް-އިން އިންޓަވިއުއަކީ ކުރިއާލާ ފޯމު ހުށަހެޅުމެއް ނެތި، ވަޒީފާ ހުށަހަޅާ ތަނަކުން ބުނާ ގަޑިއެއްގައި އިންޓަވިއު ކުރާ ތަނަކަށް ގޮސް ވަގުތުން ކުރާ އިންޓަވިއުއެވެ. މިފަދަ އިންޓަވިއުތަކަކީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވެސް މީގެ ކުރިން ކުރާ އިންޓަވިއުތަކެކެވެ. އިމިގްރޭޝަނުން މި އިންޓަވިއު ފެށީ މިއަދު ހެނދުނު 9:00ގައި ގަލޮޅު ސްކޫލުގައެވެ. އިންޓަވިއު ފެށުމާއެކު އެ ސްކޫލް ކައިރީ ދުވާރުމަތީގައި، މުޅި މަގުގައި މީހުން ވަނީ ކިޔޫ ހަދައިފައެވެ. އިންޓަވިއުގެ ކިއު ބަންދުކުރީ ހަވީރު 05:00ގައެވެ. އިމިގްރޭޝަންގެ ވޯކް-އިން އިންޓަވިއުއަށް ކިޔޫ ހަދައިފައި: މި އިންޓަވިއުގައި 876 މީހުން ބައިވެރިވި -- ފޮޓޯ/ އިމިގްރޭޝަން އެ އިންޓަވިއުގެ އެންމެ ފުރަތަމަ މަރުހަލާގައި ޝަރުތު ހަމަވާ މީހުން ދެނެގަނެއެވެ. އަދި ޝަރުތު ހަމަވާ މީހުންނަށް ޓޯކެން ނަންބަރެއް ދޭއިރު، އެ ނަންބަރު ސްކޫލުންނާއި އިމިގްރޭޝަންގެ ވެބްސައިޓުން ވެސް ފެންނަން ހުންނާނެއެވެ. "ސަން"އަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކިއު ބަންދުކުރުމަށް ފަހު، ޝަރުތު ހަމަވާ މީހުން ދެނެގަނެ ނިމިފައި ވާކަމަށެވެ. މި މީހުންނާ އިންޓަވިއު ކުރުން އަދިވެސް ގަލޮޅު ސްކޫލުގައި ކުރިއަށް ދެއެވެ. އިންޓަވިއުގައި ޝަރުތު ހަމަވީ މީހުންގެ އަދަދު އެނގޭނީ، އިންޓަވިއު ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ. މި އިންޓަވިއުތައް ފުރަތަމަ ކުރިއަށް ގެންދިޔައީ ގަލޮޅު ސްކޫލްގެ ޖުމްލަ ހަ ކްލާސްރޫމެއްގައި ހަ ޕެނަލަކުންނެވެ. ނަމަވެސް، ޝަތުރު ހަމަވާ މީހުން ބެލުމަށް ފަހު، އިތުރު ތިން އިންޓަވިއު ޕެނަލް ވަނީ އިތުރުކޮށްފައެވެ. އިމިގްރޭޝަންގެ ވޯކް-އިން އިންޓަވިއުއަށް ކިޔޫ ހަދައިފައި: މި އިންޓަވިއުގައި 876 މީހުން ބައިވެރިވި -- ފޮޓޯ/ އިމިގްރޭޝަން "މި ބަލަނީ މިރޭ 09:00އަށް އިންޓަވިއު ނިންމާލެވޭނެ ކަމަށް" އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެ އިންޓަވިއުއަށް ދާއިރު ގެންދަން ޖެހެނީ ފުރިހަމަކޮށްފައިވާ ޖޮބް އެޕްލިކޭޝަން ފޯމާއި ސީވީއާއި އައިޑީ ކާޑުގެ ކޮޕީއާއި ތައުލީމީ ސެޓްފިކެޓްތަކެވެ. މި މަގާމަށް މުސާރައަށް 6،500 ރުފިޔާ ލިބޭއިރު ސާވިސް އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1،500 ރުފިޔާއެވެ. އަދި ބޭސިކް ތަމްރީނު ފުރިހަމަ ކުރުމުން، ސްޕެޝަލް ސާވިސް އެލެވެންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ލިބޭނެއެވެ. އިމިގްރޭޝަނަކީ ޕާސްޕޯޓްގެ ޚިދުމަތް ދިނުމުގެ އިތުރުން ރާއްޖެއަށް އެތެރެވާ މީހުންނާއި ބޭރުވާ މީހުންގެ ކަންކަން ބަލަހައްޓާ އިދާރާއެވެ. މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ވެސް އިމިގްރޭޝަނުގެ ޒިންމާއެކެވެ. ކިތަންމެ ރަނގަޅު އުސޫލުތަކެއްގެ ތެރެއިން ހިންގަމުން އައި ނަމަވެސް އިމިގްރޭޝަނަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރީންސުރެ ކުރެވޭ އިދާރާއެކެވެ. ޚާއްސަކޮށް ބިދޭސީންނަށް ކޯޓާ ދޫކުރުމާއި ބިދޭސީން ބެލެހެއްޓުމުގެ ކަންކަމުގައި ނާޖާއިޒު ފައިދާ އެތަނުގެ ބައެއް މުވައްޒަފުން ނަގާ ކަމަށް ތުހުމަތު ކުރެވެއެވެ. ރާއްޖޭގައި 2022 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީ 515,132އަށް އަރާއިރު، މަސައްކަތު އުމުރުގެ އާބާދީ، އެއީ 15 އަހަރުން މަތީގެ އާބާދީއަކީ 411،219 އެވެ. އެ ތަފާސްހިސާބުން ދައްކާ ގޮތުގައި މަސައްކަތް ލިބިފައިނުވާ އާބާދީއަކީ 9،244 (ތިން ޕަސެންޓް)އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ