މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅު ތެޔޮ ޖަހައިފި

މިހާރު އެމްޑީޕީން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގައި އިސްކޮށް އުޅޭ އެމްޑީޕީގެ އެކްޓިވިސްޓުން ކަމަށްވާ މަރިޔަމް ޒުބައިރު (މަންދި) އާއި އިތުރު މީހެއްގެ ގަޔަށް ރޭ ބަޔަކު ކަޅުތެޔޮ ޖަހައިފި އެވެ. 
ވީ ކިހިނެއް؟ - މަރިޔަމް ޒުބައިރު ބުނި ގޮތުގައި މާސްކް އަޅައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ސައިކަލެއްގެ އައިސް އޭނާގެ ގަޔަށް ޖަޅު ތެޔޮ ޖެހީ ރޭގެ މުޒާހަރާ ނިންމާލުމަށް ފަހު ޗާންދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގެއިން ނުކުމެގެން ގެއަށް ދަނިކޮށެވެ. އެގޮތުން:
އެ ހަމަލާދިނީ ކަލާފާނުހިނގުމުގައި ހުންނަ، ވުޑްބެރީ ރެސްޓޯރަންޓް ކުރިމަތިން ކަމަށް ވެސް އޭނާ ބުނި 
މަރިޔަމް ޒުބައިރާ އެކު ދިޔަ ހުސައިން ލަމްއާން ކިޔާ އެމްޑީޕީގެ އެކްޓިވިސްޓެއް ގަޔަށް ވެސް އެ މީހުން ކަޅުތެޔޮ ޖެހި 
ތަފްސީލް - އެ ހަމަލާ ފުލުހަށް ރިޕޯޓް ކުރުމަށް ފަހު މަރިޔަމް ޒުބައިރު މީޑިއާތަކަށް ބުނީ މިއީ ވަކި ބަޔަކު ފޮނުވައިގެން ވަކި ބައެއްގެ ނުފޫޒުން އޭނާއަށް ބަޔަކު ދިން ހަމަލާއެއް ކަމަށެވެ. އަދި މިފަދަ ހަމަލާއެއް މިދިނީ ރައީސް އާއި ރައީސްގެ އަނބިކަނބަލުން އޭނާއާ ޒާތީވެ ކޯޓަށް ދަމަމުން ދާ ދަނޑިވަޅެއްގައިކަން ވެސް އޭޭނާ ފާހަގަކުރި އެވެ.  
"އެހެން ވީމާ މި ބޭފުޅުންގެ އަތެއް މީގައި ނުވާނެއެކޭ އަޅުގަނޑަށް ދަންނަވާކަށް ނޭނގޭ. އަޅުގަނޑު ގަބޫލެއް ނުކުރާނަން، މިގޮތަށް އަޅުގަނޑުމެންނަށް ހަމަލާދޭން. އެހެން ވީމާ އަޅުގަނޑުމެންނަށް ފުލުހުންގެ ފަރާތުން ވެސް ހިމާޔަތާއި ރައްކާތެރިކަން ވެސް ފުލުހުންގެ ފަރާތުން ލިބެން ޖެހޭ،" މަރިޔަމް ޒުބައިރު ބުންޏެވެ. 
އޭނާ އަދި ބުނީ ފުލުހުން ރަނގަޅަށް ތަހުގީގުކޮށްފި ނަމަ އޭނާއަށް ހަމަލާދިން މީހުން ވަރަށް ފަސޭހައިން ހޯދޭނޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ. ސަބަބަކީ އޭނާ ބުނީ އެ ހަމަލާ ދިން ސަރަހައްދުގައި ފުލުހުންގެ ކެމެރާތައް ހުރުމެވެ. 
އެނގުން މުހިންމު - މަރިޔަމް ޒުބައިރަށް ހަމަލާއެއް އަމާޒުވީ އިރު ރައީސްގެ ދަރިކަލަކު ވޭޕް ބޭނުންކުރުމާ ވިދިގެން ވޭޕް ރާއްޖޭގައި މަނާކުރި ކަމަށް ބުނެ އޭނާ ދެއްކި ވާހަކަތަކަކާ ގުޅިގެން ފުލުހަށް ހާޒިރުވާން ވަނީ ދެ ފަހަރެއްގެ މަތިން މަރިޔަމް ޒުބައިރަށް ޗިޓް ފޮނުވައިފަ އެވެ. މީގެ އިތުރަށް:
ރައީސްގެ އަނބިކަނބަލުން ވަނީ އެ ވާހަކަތަކާ ގުޅިގެން މަރިޔަމް ޒުބައިރު އާއި އެމްޑީޕީގެ އިސް ބައެއް ވެރިންގެ މައްޗަށް މަދަނީ ދައުވާކުރާނެ ކަމަށް ވެސް ބުނެފައި
އެމްޑީޕީގެ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެ ހަރަކާތުގައި އިސްކޮށް އުޅޭ އެތައް ބަޔަކު ފުލުސް އޮފީހަށް ގެންދަނީ ހާޒިރުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ