އެޕިސޯޑް 27
އިއްޔެގެ ބަޔާ ގުޅޭ
"އަހަރެންނަކީ ޖިންނިއެއް،" ޝިފާޒް ކޮޅަށް ތެދުވަމުން ބުންޏެވެ. އަދި ދެ ލޯ މަރާލި އެވެ.
"އާނ. މަށަކީ ފުރޭތައެއް،" ހެމުންހެމުން ޔަޒްދާ ބުންޏެވެ. އަދި ފަހަތުން އައިސް ޝިފާޒްގެ ގައިގައި ބައްދާލި އެވެ. އެ ވަގުތު ޝިފާޒް ފަހަތަށް އެނބުރުނެވެ. އަދި ޔަޒްދާ ދުރަށް ޖައްސާލި އެވެ. މަރާފައިވާ ދެ ލޯ ހުޅުވާލި އެވެ. އެ ދެ ލޮލުގައި ހުރީ ހުދު ކުލަ އެވެ. ކަޅިއެއް ނެތެވެ. ޔަޒްދާ ފަހަތަށް ޖެހެމުން ގޮސް ނުވެއްޓުނީ ކިރިޔާ އެވެ. ބިރުން ހުރި ޔަޒްދާއަށް ހަދާލާނެ ގޮތެއް ވެސް ނުވިސްނުނެވެ.
"އަހަރެން ދެކެ ބިރު ނުގަނެބަލަ. އަހަރެން ޔަޒޫއަކަށް އެއްވެސް ކަމެއް ނުކުރާނަން. ތިއީ އަހަރެން އެންމެ ލޯބިވާ މީހާ. ދެން ކީއްވެ ޔަޒޫއަށް ގެއްލުމެއް ދޭންވީ؟ މިހާ ދުވަސް ވީ އިރު ވެސް އަހަރެން ޔަޒޫއަކަށް އެއްވެސް ކަމެއް ނުކުރަމެއްނު. ގެއްލުމެއް ނުވަތަ ހިތާމައެއް ނުދެމެއްނު. ޔަޒޫ އަހަރެންނަށް އިތުބާރުކޮށްބަލަ،" ޔަޒްދާއާ ގާތްވެލަމުން ޝިފާޒް ބުންޏެވެ. "އަހަރެންގެ އަސްލު ނަމަކީ އަހުމަރު."
ޔަޒްދާ ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އަނގައިން ބަސް ހުއްޓިފަ އެވެ. ހަރަކާތް ކުރަންވީ ގޮތެއް ވެސް އޭނަގެ ވިސްނުމަކަށް ނަ އެވެ. ގޮސް އެނދުގައި އިށީނެވެ. އަދި އެކި ދުވަސްތައް ވަކިވަކިން ހިޔާލަށް ގެންނަން ފެށި އެވެ. ކޮންމެ ދުވަހެއްގައި ވެސް ވަނީ އޮޅުވާލުމެވެ. މަކަރުވެރިކަމެވެ. ޔަޒްދާގެ ލޮލުން ކަރުނަ ފާއްދާލި އެވެ.
"ޔަޒޫ ޕްލީޒް ނުރޮއި،" އަހުމަރު ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން ޔަޒޫއަށް އޮޅުވާލައިގެން އުޅޭކަށް. މިހާ ދުވަހު ވެސް އަހަރެން ދޮގުހަދައިގެން އުޅުނީ ޔަޒޫގެ ލޯބި ހޯދަން. އަހަރެންނަކީ ހަގީގަތުގައި ކާކުކަން އެނގުނު ނަމަ ޔަޒޫ އަހަރެން ދެކެ އަންނާނީ ރުޅި. ގަންނާނީ ބިރު. ނޫންތަ؟"
ޔަޒްދާ ކަރުނަތައް ފޮހެލި އެވެ. އަދި އަހުމަރުއާ ކުރިމަތިލި އެވެ. އެއްވެސް އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުއްޓެވެ. އެތައް އިރަކު އެހެން ހުއްޓެވެ. އަހުމަރު އިސްޖަހާލި އެވެ. ކުށްވެރިއަކު ކުށް ގަބޫލު ކުރާ ފަދައިންނެވެ.
"އަހަރެން ކަލޭ ދެކެ ބިރެއް ނުގަނޭ،" ރުޅި އައިސް ހިތްހަމަނުޖެހިފައި ހުރެ ޔަޒްދާ ބުންޏެވެ.
"ޔަޒޫގެ ހިތްހަމަނުޖެހުމާއި ނަފުރަތު އަހަރެންނަށް ހައްގު. އެކަމަކު އަހަރެން ޔަޒޫގެ މައާފު ހޯދަން ކޮންމެ ކަމެއް ވެސް ކުރަން މި ހުރީ ތައްޔާރަށް،" އަހުމަރު ބުންޏެވެ. "އަހަރެންގެ އަސްލު ސިފައަށް އަހަރެން ބަދަލުވަންތަ؟"
"އުހުނ. ކޮންމެހެން މަށަށް ތި ސިފަ ދައްކާނެ ކަމެއް ނެތް. މަ ބޭނުމެއް ނޫން ބަލާކަށް،" ޔަޒްދާ ބުންޏެވެ. "ތިހާ ބޮޑެތި މަކަރުވެރިން ވެސް ދުނިޔޭގައި އުޅޭކަން ކުރިއަކުން ނޭނގޭ. އެކަމަކު މިހާރު އެނގިއްޖެ. އަހަރެން ލޯބިވީ އަހަރެންގެ ޝިފާޒް ދެކެ. އެ ސިފައިގައި ކަލޭ ވެސް ހުރޭ. އެކަމަކު އަހަރެން ދުވަހަކު ވެސް ކަލޭއަކަށް މައާފެއް ނުކުރާނަން."
"ތިހެން ނުބުނެބަލަ. އަހަރެން ކުރި ކަމެއް ކުރީ ޔަޒްދާގެ ލޯބި ހޯދަން. ޔަޒްދާގެ އިތުބާރާއި ޔަގީންކަން ހޯދަން. ހަގީގަތުގައި އަހަރެން ބޭނުމެއް ނޫން ޔަޒޫއަށް އޮޅުވާލައިގެން އުޅޭކަށް. އެކަމަކު އަހަރެންނަށް މަޖުބޫރުވީ،" އާދޭހާއެކު އަހުމަރު ބުންޏެވެ.
"އިންސާނުންގެ ތެރެއިން ކަލޭއަށް ފެނުނީ އަހަރެންތަ؟" ޔަޒޫ ހިތްހަމަނުޖެހިފައި ބުންޏެވެ. އަހުމަރު އެއަކަށް ޖަވާބެއް ނުދިނެވެ.
"ބުނެބަލަ. ކީއްކުރަން އަހަރެންގެ ދިރިއުޅުން ތި ހަލާކު ކޮށްލީ؟" ޔަޒްދާ ހިތުގައި ޖެހުނެވެ.
"އަހަރެން ބޭނުމެއް ނޫން ތި ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ވެއްޓޭކަށް، އެކަމަކު މިއަދު އަހަރެންނާ ހެދި ޔަޒޫ ރޯން ތި ޖެހުނީ. ދެން އަހަރެން ނުބުނާނަން މައާފު ކުރާށެކޭ. އަހަރެންނަށް މައާފު ހައްގެއް ނޫން. އެކަމަކު ބުނަން. އަހަރެން ޔަޒޫ ދެކެ ވަރަށް ވަރަށް ލޯބިވޭ. ޔަޒޫއަށް އެއްވެސް ގެއްލުމެއް އަހަރެން ނުދޭނަން. އަހަރެންގެ ފަރާތުން ޔަޒޫއަށް ލިބޭނީ ހިތްހަމަޖެހުމާއި އުފާ،" އަހުމަރު ބުންޏެވެ.
ޔަޒްދާ ވިސްނާލި އެވެ. އަހުމަރު އެ ބުނީ ތެދެކެވެ. އޭނާގެ ފަރާތުން ޔަޒޫއަށް ލިބުނީ ލޯތްބެވެ. އޯގާތެރިކަމެވެ. އެކަމަކު އެއީ ބޮޑު އޮޅުވާލުމެކެވެ. ޔަޒްދާ ދުވަހަކު ވެސް އެކަމެއް ހަނދާނެއް ނުނެތޭނެ އެވެ. އޭނާ ބަނޑުގައި އަތް ޖައްސާލި އެވެ. އަދި ހިތާހިތުން ބުންޏެވެ. ދަރިފުޅަށް އެއްވެސް ކަމެއް ވިޔަ ނުދޭނަމެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ ޔަޒްދާ އާއި އަހުމަރުގެ ދަރިއެކެވެ. އަހުމަރު ބޭނުންވާނީ ކޮން ގޮތެއް ކަމެއް ނޭނގެ އެވެ.
"ތިއީ އަހަރެންގެ ވެސް ދަރިއެއް،" އަހުމަރު ބުންޏެވެ.
"ނޫން. މިއީ އަހަރެންގެ އެކަނި ދަރިއެއް. ކަލޭގެ ވަސް ވެސް މި ދަރިފުޅާ ޖެހުނަ ނުދޭނަން. އަހަރެން ކުރިމަތިން ދާން އުޅޭ،" ޔަޒްދާ ކޮންމެ އެއްޗެއް ކިޔަސް އޭނާ ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފަ އެވެ. ނަމަވެސް ބިރެއް ނުގަނެ އެވެ. ހިތުގައި އޮތީ އެންމެ ކަމެކެވެ. ދަރިފުޅަށް ވާނީ ކިހިނެއްބާވަ އެވެ؟
ޖިންނިންނަކީ ބާރު ގަދަ ބައެކެވެ. މަކަރު ގަދަ ބައެކެވެ. އޮޅުވާލުމާއި ދޮގުހެދުމަކީ އެ ސޮރުމެންގެ ކަށީގައި ހަރުލާފައި ހުންނަ ކަންކަމެވެ. ތެދެއް ހަދާނީ މަދު ފަހަރަކު އެވެ. އިންސާނުންގެ ސިކުނޑިއާ ކުޅެ ވަސްވާސް ދިނުމަކީ އެ ސޮރުމެން ކުރާ ހިތުން ކުރާ ކަންކަމެވެ. ޖިންނި ޝައިތާނުންގެ ތެރޭގައި ވެސް އުސޫލުތައް ގާއިމުވެފައި ހުރެ އެވެ. އެކަމަކު އެއީ ވަކި ހަމަތަކެއްގެ މަތިންނެވެ. އުސޫލަކާ ހިލާފު ވެއްޖެ ނަމަ އެހެން ޖިންނިން އެކުވެގެން އެ ޖިންނިއަކަށް އަދަބު ވެސް ދެ އެވެ. މާރިދުންނާއި އިފުރީތުންގެ ތެރޭގައި ވެސް މި ކަން އޮންނަނީ މިހެންނެވެ.
"އަހަރެން ބޭނުމެއް ނޫން ޔަޒޫ ރުޅިއަރުވާކަށް. އަދި މިހާރު އަމުދުން ޔަޒޫ ހިތްހަމަނުޖެހޭ ކަހަލަ އެއްވެސް ކަމެއް ކުރާކަށް،" އަހުމަރު ބުންޏެވެ.
"އެހެން ވެއްޖިއްޔާ އަހަރެން ކުރިމަތިން ދުރަށް ދޭ."
"އެންމެ ރަނގަޅު. އަހަރެން ހިނގައިދާނަން. އެކަމަކު އަހަރެން އަދި އެނބުރި އަންނާނަން. ބަނޑުގައި ތިވާ ދަރިފުޅު ގާތަށް އަހަރެން އަންނާނަން،" އަހުމަރު ބުންޏެވެ. އެހެން ބުނެފައި ފާރު ތެރެއަށް ފޭދިގެން ދިޔަ އެވެ. އެ މަންޒަރު ބަލަން ޔަޒްދާ ހުއްޓެވެ. ދެރަވެފަ އެވެ. ރުޅިއައިސްފަ އެވެ.
އެ ވަގުތު ޔަޒްދާއަށް ރޯން ފެށުނެވެ. ގިސްލެވެން ފެށި އެވެ. ހަޔާތުގައި މިހާ ބޮޑު ކަމެއް ދިމާ ވެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. ކޮންމެ ގޮތެއް ވިޔަސް މިއީ އިމްތިހާނެކެވެ. ޔަޒްދާ ޖެހޭނީ އިމްތިހާނުން ފާސްވާށެވެ. ކެތްތެރިވާށެވެ. ދެން ދާނެ ގޮތެއް ވިސްނުމަކަށް ނަ އެވެ. މި ވާހަކަތައް ހިއްސާ ކުރާނީ ވެސް ކާކާ ހެއްޔެވެ؟ ހަޔާތުގެ ބައިވެރިޔާ ޔަޒްދާއާ ވަކިވެ ދިޔަތާ ކިތަންމެ ދުވަހެކެވެ. އެއީ ކޮންމެ ކަމެއްގައި ޔަޒްދާއާ އެންމެ ގާތުގައި ހުންނަ އެކުވެރިއެކެވެ. މަދަދުގާރެކެވެ. ޔަޒްދާ ބޮލުގައި ރިއްސަން ފެށި އެވެ. އެ ވަގުތު ދަރިފުޅު ތޮޅިލި އެވެ. ޔަޒްދާ ބަނޑުގައި އަތް ކާއްތާލި އެވެ. ދަރިފުޅުގެ ތޮޅުން އިތުރު ވެގެން ދިޔަ އެވެ. ޔަޒްދާ ދެ ލޯ މަރާލި އެވެ. ބޭނުންވަނީ ހުރިހާ ހިޔާލުތަކާއި ވިސްނުންތަކާ ދުރަށް ދާށެވެ. ހިނދުކޮޅަކަށް ނަމަވެސް އެ ކަންކަމާ ދުރުވެލުމަކީީ ސިކުނޑިއަށް ކޮށްފައިވާ ބުރަ، ބޮޑު އަސަރު ލުއިވެގެން ދާނެ ކަމެކެވެ. ޔަޒްދާ އެ ވަގުތު އެންމެ ހަނދާންވަމުން ދިޔައީ ޝިފާޒް މަތިންނެވެ.
ބުޝްރީ ދިޔައީ ނަސީފް ހޯދާށެވެ. އެ ގެއަށް ދިޔަ އިރު ގަޑިން ރޭގަނޑު ހަތެއް ޖަހަނީ އެވެ. ނަސީފަށް ގޮވާގޮވާ އޭނައެއް ނުނިކުތެވެ. ނުކުތީ ޒުވާން ފުރައިގެ އަންހެންކުއްޖެކެވެ. އޭނާ ބުނާ ގޮތުން ނަމަ ނަސީފް ފުރައިގެން ނަސީފްގެ ރަށަށް ހިނގައްޖެ އެވެ. ބުޝްރީ އެ ގެއިން ނުކުތެވެ. އަދި ނަސީފަށް ގުޅި އެވެ. ފޯނު އޮތީ ނިއްވާލާފަ އެވެ. ޗޮކެއް ކަނޑާލާފައި ސައިކަލަށް އެރި އެވެ. ބުޝްރީ ދިން ލާރިގަނޑު ހިފައިގެން ފިލީ އެވެ. ބުޝްރީއަށް ވިސްނުނީ އެހެންނެވެ. އޭނާ ކޮށްދޭން ބުނި އެއްވެސް ކަމެއް ނުކޮށްދެ އެވެ. ބުޝްރީ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އެ ކަހަލަ ކަމެއް ނަސީފް ކޮށްފާނެ ކަމަށް ބުޝްރީއަށް ގަބޫލު ކުރަން ހުރީ އުނދަގޫ ވެފަ އެވެ. އެކަމަކު މިއަދު ހަގީގަތް ފެނިއްޖެ އެވެ. ދެން ހަދާނީ ކިހިނެއް ކަމެއް ވިސްނުމަކަށް ނަ އެވެ. ސައިކަލަށް އަރާފައި ވެސް ދާނެ ވަކި ދިމާލެއް ނޭނގުނެވެ. އަނެއްކާވެސް ނަސީފަށް ގުޅި އެވެ. ދެނީ އެއް ޖަވާބެކެވެ. ފޫހިވެފައި ހުރެ ފޯނު ޖީބަށް ލި އެވެ. އަދި ސައިކަލަށް އަރައިގެން ދުއްވާލި އެވެ. ސައިކަލުގެ ދުވެލި މަޑުކޮށްލީ ޔަޒްދާމެންގޭ ދޮރުމައްޗަށެވެ. ބުޝްރީ އެތެރެއަށް ވަނެވެ. އޭރު ކޮންމެވެސް ކަހަލަ އަޑެއް ކޮޓަރި ތެރެއިން އިވެމުން ދިޔަ އެވެ. ހީވަނީ އަންހެނަކު ރޯ އަޑު ހެންނެވެ. އެކަމަކު ޔަޒްދާގެ އަޑަށް ވުރެ އެ އަޑު މާ ތޫނެވެ. ބުޝްރީ ހުރީ ބިރުންނެވެ. ފެންނާނީ ކޮން ކަހަލަ މަންޒަރެއް ކަން ނޭނގިފަ އެވެ. ދެ ހިޔާލުގައި ހުރެފައި ކޮޓަރީގެ ދޮރު ހުޅުވާލި އެވެ.
-ނުނިމޭ-
ވާހަކަ: ގަބުރުސްތާނު - ހަތާވީސްވަނަ ބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ