ތެލެސީމިއާ ސެންޓަރު ބަދަލުކުރާ އޮރެންޖް ހިޔާގެ ނިންމުމުގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުން އަވަސް ކުރުމަށް ސިފައިންނާ ހަވާލުކުރި މަސައްކަތް އަމަލީގޮތުން މިއަދު ފަށައިފިއެވެ.
މި މަސައްކަތަކީ މާލޭގައި ހިދުމަތް ދެމުން އަންނަ ތެލެސީމިއާ ސެންޓަރު ވަގުތީ ގޮތުން ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކުރުން އަވަސް ކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިލެއްވުމުގެ މަތިން ގައުމީ މަސައްކަތެއްގެ ގޮތުގައި އެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށް ސިފައިންނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެ މަސައްކަތް އަމަލީގޮތުން ސިފައިން ފެށިއިރު، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވަނީ މިއަދު އެ އިމާރާތަށް ޒިޔާރަތް ކުރައްވައި، ސިފައިން ކުރަމުންދާ މަސައްކަތް ބައްލަވާލައްވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަހްމަދު އިޔާޘް އާއި އެމްއެންޑީއެފް ސާވިސް ކޯގެ ކޮމަޑާންޓް، ކާނަލް އިސްމާއިލް ނަސީރު އާއި އެމްއެންޑީއެފް ސާވިސް ކޯގެ ޔުނިޓްތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫންގެ އިރުޝާދުގެ ދަށުން މިއަދު ފެށި މި މަސައްކަތް ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ސާވިސް ކޯގެ ބެލުމުގެ ދަށުންނެވެ. އެގޮތުން އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއާސްއާ އޯވަރޯލްކޮށް މަސައްކަތް ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގައި، އެ އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތް، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސްއިން އަންނަނި ކުރަމުންނެވެ. އަދި އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރަމުން ދަނީ އެމްއެންޑީއެފް ސިގްނަލްސްގެ ޓެކްނިކަލް ސިފައިންނެވެ.
އެ އިމާރާތުގައި އަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސްގެ ޑިޒައިނިން ޓީމުން ވަނީ އަލުން އެތަން ޑިޒައިންކޮށް، ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ގެނެސް ފައެވެ.
އެމްއެންޑީއެފް އިން ބުނީ މި މަސައްކަތްތައް އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ކުރިން ނިންމާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ