މި މަހު 20 ގެ ކުރިން ރޯދަ އެލަވަންސް ދޭން ސަރުކާރުގެ އޮފީސްތަކަށް އަންގައިފި މި މަހު 20 ގެ ކުރިން ރޯދަ އެލަވަންސް ދޭން ސަރުކާރުގެ އޮފީސްތަކަށް އަންގައިފި

އަންނަ މަހުގެ ފުރަތަމަ ދުވަހު ފެށޭ ރޯދަ މަހާ ދިމާކޮށް ގާނޫނުން ލާޒިމުކުރާ ރޯދަ އެލަވަންސް މި މަހުގެ 20 ގެ ކުރިން ދޫކުރަން އަންގާ ފިނޭންސް މިނިސްޓްރީން ސާކިއުލާއެއް ނެރެފި އެވެ.
ފިނޭންސުން ސަރުކާރުގެ އޮފީސްތަކަށް ފޮނުވާ، އާންމުކުރި ސާކިއުލާގައި ބުނީ ފެބްރުއަރީ 20، ގެ ކުރިން ގާނޫނުގައި ބުނާ ގޮތަށް ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000ރ. މަގުން ރޯދަ އެލަވަންސް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މާލީ ވަޒީރު މޫސާ ޒަމީރު ސޮއިކުރައްވާ ފޮނުއްވި ސާކިއުލާގައި އެގޮތަށް އަމަލުކުރަން ވަނީ އަންގަވާފަ އެވެ.
މީގެއިތުރުން، އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދޭން ޖެހޭނީ އަސާސީ ވަޒީފާ އަދާކުރާ އޮފީހުން ކަމާއި ސްކޮލަޝިޕް ލީވް އަދި ނޯޕޭ ލީވުގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދޭން ނުޖޭހެނެކަންވެސް ފިނޭންސްގެ ސާކިއުލާގައި ފާހަގަކޮށްފައިވެ އެވެ.
ރޯދަ އިނާޔާތް ދޭން ފެށީ 2015 ވަނަ އަހަރު ވާޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު އެވެ. އޭގެފަހުން ކޮންމެ އަހަރަކުވެސް ރޯދަ އެލަވަންސް ހަމައަށް ނުދިނުމާގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ އެވެ. އާންމު ގޮތެއްގައި ރޯދަ އެލަވަންސް ނުދެނީ އަމިއްލަ ވިޔަފާރި ކުންފުނިތަކުންނެވެ.
އެގޮތުން 2023 ވަނަ އަހަރު އެކަނިވެސް ރޯދަ އެލަވަންސް ނުދީގެން ލޭބާ އޮތޯރިޓީއަށް 65 މައްސަލައެއް ހުށަހެޅި އޭގެ ތެރެއިން 63 މައްސަލައެއް މަޝްވަރާކޮށްގެން ހައްލުކޮށް ރޯދަ އެލަވަންސް ހޯދައިދީފައިވެ އެވެ. އަދި ހައްލުކުރަން އެއްބާރުލުން ނުދިނުމުން ބައެއް ތަންތަން ޖޫރިމަނާ ފިޔަވަޅުއަޅާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ