އިއްލެގެ ލޯބިން ޝޫޓިން ނިމުމާ ގާތަށް
ރާއްޖޭގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ "އައިފިލްމްސް"ގެ ދަށުން ނެރޭ ފުރަތަމަ ލޯބީގެ ފިލްމު "ލޯބިން..؟"ގެ ޝޫޓިންގެ ބޮޑު ބައެއްގެ މަސައްކަތް ނިންމާލައިފިއެވެ. މި އަހަރު ތެރޭގައި ދެއްކުމަށް އަމާޒު ކަނޑައަޅާފައިވާ މި ފިލްމުގެ ޕްރޮޑަކްޝަނުން ހާމަކޮށްފައިވާ ގޮތުގައި ފިލްމުގެ ޝޫޓިންގެ މިހާރު ވަނީ 95 ޕަސެންޓް ނިމިފައެވެ. އަދި, ކުރިއަށް އޮތީ ޝޫޓިންގެ ވަރަށް ކުޑަ ބައެއް ކަމަށް ވެސް ވަނީ ޕްރޮޑަކްޝަނުން ހާމަކޮށްފައެވެ. އިއްލެގެ އާ ޕްރޮޖެކްޓުގެ ޝޫޓިން މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. އެއަށް ފަހު ފިލްމާ ގުޅޭ އާ މައުލޫމާތުތައް ދަނީ ހިއްސާ ކުރަމުންނެވެ. އަލަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމު ރިލީޒް ކުރާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ޕްރޮޑަކްޝަނުން ބުނަނީ ފިލްމު ވަރަށް އަވަހަށް ސިނަމާއަށް ނެރޭނެ ކަމަށެވެ. އައިފިލްމްސްގެ ލޯބިން ފިލްމުގެ ކާސްޓުގައި ހިމެނެނީ ނުޒުހަތު ޝުއައިބާއި އިފްނާޒް ފިރާގުގެ އިތުރުން ތާތި އިބްރާހީމާއި އަހްމަދު ޝާކިރު އަދި އަހުމަދު ޝާރިފެވެ. އަލަށް ނެރޭ ފިލްމުގައި އިއްލެއާއެކު މަސައްކަތް ކުރާނީ އިފްނާޒްއެވެ. އިފްނާޒަކީ އިއްލެގެ ގިނަ މަސައްކަތްތަކުގައި އޭނާއާއެކު މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން އިއްލެގެ އެންމެ ފުރަތަމަ ފިލްމު "ބަވަތި"ގެ ސަޕޯޓިން ލީޑުގެ ރޯލުންވެސް ފެނިގެން ގޮސްފައިވަނީ އިފްނާޒްއެވެ. އޭގެ އިތުރުން އިތުރު ޕްރޮޖެކްޓުތަކުގައި އިއްލެއާއެކު އެސިސްޓަންޓު ޑިރެކްޓަރެއްގެ ގޮތުގައި އިފްނާޒް ވަނީ މަސައްކަތް ކޮށްފައެވެ. ދިވެހީންގެ ތެރޭގައި އިއްލެ މަގުބޫލު ވެގެން ގޮސްފައިވަނީ ތަފާތު އެކި ކަހަލަ ތުރިލާ ފިލްމުތަކާ އެކުގައެވެ. ބޮޑެތި ޓްވިސްޓުތައް ހިމެނޭ، އަދި ނަފްސާނީ ބަލިތަކާއި އިޖުތިމާއީ މައްސަލަތައް ގުޅުވާލައިގެން ތައްޔާރުކުރާ ތަފާތު ފިލްމުތަކާއެކު އިއްލެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ