ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެފި

ފައިސާއާ ގުޅޭ މަކަރާ ހީލަތުގެ މައްސަލައަކާ ގުޅިގެން އިންޑިއާގެ އެކްޓަރު ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފިއެވެ. އިންޑިއާގެ ލޫދިއާނާ ކޯޓުން ބަލަމުން އަންނަ މި މައްސަލައާ ގުޅިގެން ނެރުނު އަމުރުގައި ބުނެފައި ވަނީ މި މަހުގެ 10ވަނަ ދުވަހު ސޯނޫ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށެވެ. ބޮލީވުޑްގެ އިތުރުން ސައުތު ސިނަމާގެ ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ އެކްޓަރާ ދެކޮޅަށް ކޯޓު އަމުރެއް ނެރެފައި ވަނީ އެތައް ފަހަރެއްގަ މަތިން ކޯޓަށް ހާޒިރުވުމަށް އެންގުމުން އެކަމަށް އިޖާބަ ނުދިނުމުގެ ސަބަބުންނެވެ. މި މައްސަލައާ ގުޅިގެން ސޯނޫ އިންސްޓަގްރާމްގައި ނެރުނު ސްޓޭޓްމަންޓްގައި ބުނެފައި ވަނީ، ކޯޓަށް ހާޒިރު ކުރުމަށް އަންގާފައި ވަނީ އޭނާއާ އެއްވެސް ގުޅުމެއް ހުރި މައްސަލައެއްގައި ނޫން ކަމަށާއި އޭނާގެ ގާނޫނީ ޓީމުން ކަމާ ބެހޭ ފަރާތަށް އެކަން މާކުރިން އަންގާފައިވާނެ ކަމަށެވެ. ސޯނޫ ސޫދު ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރުމާ ގުޅިގެން އެކްޓަރު ނެރުނު ސްޓޭޓްމަންޓް-- ފޮޓޯ/ ފޭސްބުކް މިފަދަ ގޮތަކަށް ސޯނޫގެ ނަން ބޭނުންކޮށްގެން މި މައްސަލަ ހުށަހެޅި ފަރާތުން ބޭނުން ވަނީ މީޑިއާގެ ސަމާލުކަން ހޯދުން ކަމަށާއި އެކަން ބަލައިނުގަނެވޭނެ ކަމަށް ސޯނޫ ވަނީ ބުނެފައެވެ. އެފަރާތްތަކާ ދެކޮޅަށް މައްސަލަ ހުށަހަޅާނެ ކަމަށާއި އެކަން ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ފިލްމީ ތަރިންނަކީ އެފަދަ މީހުންނަށް ބްރޭންޑް އެމްބެސަޑަރުންގެ ގޮތުގައި މަސައްކަތްކުރާ ބައެއް ނޫން ކަމަށާއި ފެބްރުއަރީ 10ގައި މިކަމާ ގުޅިގެން ސޯނޫއާ މި މައްސަލައާ އެއްވެސް ގުޅުމެއް ނެތްކަމުގެ ފުރިހަމަ ސްޓޭޓްމަންޓްއެއް ނެރޭނެ ކަމަށް ވެސް އެކްޓަރު ވަނީ ބުނެފައެވެ. ސޯނޫ ކޯޓަށް ހާޒިރު ކުރުމަށް އަމުރު ނެރެފައި ވަނީ މޯހިތު ޝުކްލާ ކިޔާ މީހަކު ހުށަހެޅި 10 ލައްކަ ރުޕީސްގެ ފްރޯޑް ކޭސް އަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ