ފަލަސްޠީނުގެ 183 މީހުން މިނިވަންކޮށްފި، ހަތް މީހުންނަށް ފަރުވާ ދިނުމަށް ހަސްފަތާލަށް

ޒަޔަނިސްޓު އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށް ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ އެތަކެއް ހާސް ރައްޔިތުންގެ ތެރެއިން 183 މީހުން މިނިވަން ކޮށްފިއެވެ. އެ މީހުން މިނިވަން ކޮށްގެން ހުޅަނގު އައްސޭރީގެ ރާމަاللهއާއި ޣައްޒާއަށް ގެންދަން ފަށާފައި ވަނީ ރެޑް ކްރޮސްގެ ބެލުމުގެ ދަށުންނެވެ. މިނިވަން ކޮށްފައިވާ މީހުންނަށް މަރުޙަބާ ކިޔުމަށް އެތަކެއް ސަތޭކަ ހާސް ބަޔަކު ވަނީ ރާމަاللهގެ މަގުތައް ޖަމާވެފައެވެ. އަދި، އެ މީހުންނަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
މިނިވަން ކޮށްފައިވާ މީހުންނަށް ޔަހޫދީން ވަނީ ލާއިންސާނީ އަނިޔާ ދީފައެވެ. ފަލަސްޠީނުގެ އިދާރާތަކުން ބުނީ، އޭގެ ތެރެއިން ހަތް މީހެއްގެ ޞިއްޙީ ހާލަތު ދަށްވެ، ފަރުވާ ދިނުމަށް ހަސްފަތާލުގައި އެޑްމިޓު ކުރަން ޖެހިފައިވާ ކަމުގައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބުނީ، އެ މީހުންގެ ޞިއްޙީ ހާލަތު ދެރަވެފައި ވަނީ، އެ މީހުން ޝަހީދު ކޮށްލުމުގެ ނިޔަތުގައި ޔަހޫދީން ދީފައިވާ ލާއިންސާނީ އަނިޔާތަކާ ގުޅިގެން ކަމުގައެވެ.
"މިނިވަން ކޮށްފައިވާ މީހުންގެ ތެރެއިން ހަތް މީހަކު ވަގުތުން ހަސްފަތާލަށް ގެންގޮސް ފަރުވާ ދޭން ފަށަން ޖެހުމުން ދޭހަވަނީ ޔަހޫދީންގެ ޖަލުތަކުގައި އެ މީހުންނަށް ގަސްދުގައި ދެމުން ދިޔަ އަނިޔާތަކާއި ޖައްސަމުން ގޮސްފައިވާ އަނިޔާވެރި ޙާލަތު،" ޔަހޫދީންގެ އަމަލުތައް ކުށްވެރިކޮށް ޙަމާސް ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެ މީހުން ލާއިންސާނީ އަނިޔާތަކަށް ހުށަހަޅާފައި ވަނީ ޔަހޫދީންގެ ހައްދުފަހަނަ އެޅި ސިޔާސަތުތަކުގެ ދަށުން ކަމުުގައި ވެސް ޙަމާސުން ބުންޏެވެ.
"ފާއިތުވި އަހަރެއްހާ ދުވަސް އޮފެރް ޖަލުގައި އަޅުގަނޑުމެން ހޭދަ ކޮށްފައި ވަނީ އަނިޔާވެރި ދުވަސްތަކެއް. އެ މީހުން [ޔަހޫދީ ސިފައިން] އަޅުގަނޑުމެންނަށް ނުފެންނަ ގޮތަށް ލޮލުގައި ފޮތި ބަނުމަށް ފަހު އަޅުގަނޑުމެންގެ ހަށިގަނޑުގައި ތަޅައި އަނިޔާ ކުރި. އެއްވެސް ޞިއްޙީ ފަރުވާއެއް ފޯރުކޮށް ނުދޭ. ފިނިމޫސުމުގައި އަންނައުނެއް ނުދޭ. އެއީ ވަރަށް އަނިޔާވެރި ހާލަތެއް،" ޔަހޫދީންގެ ޖަލަކުން މިނިވަން ކޮށްފައިވާ ޙުސައިން އަލްޙާއްޖު ޙަސަން ކިޔައިދިނެވެ. އޭނާއަކީ ފަލަސްޠީނުގެ ޞިއްޙީ ވުޒާރާގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިއެކެވެ.
ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 183 މީހުން މިނިވަން ކޮށްފައި މި ވަނީ، ޙަމާސުން ރަހީނު ކޮށްފައި ތިބި ޔަހޫދީންގެ ތެރެއިން ތިން އަސީރުން މިނިވަން ކުރުމާ ގުޅިގެން، އެ މީހުންގެ ބަދަލުގައެވެ. ޙަމާސުން އިސްރާއީލުގެ ބައިގަނޑެއް ރަހީނު ކޮށްފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ދީފައިވާ ޖިހާދީ ޙަމަލާގައެވެ. އެ ދުވަހު 250އެއްހާ މީހުން ރަހީނުކޮށްގެން ޣައްޒާއަށް ގެެންދިޔައެވެ.
ޙަމާސްގެ ޖިހާދީ ޙަަމަލާއާ ގުޅިގެން ޔަހޫދީން ވަނީ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ލާއިންސާނީ ޤަތުލުޢާންމެއް ހިންގަން ފަށާފައެވެ. އެ ޢުދުވާންތައް މެދުކަނޑައިލާފައި ވަނީ ޖަނަވަރީ 19ވަނަ ދުވަހު ޙަމަސާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. ޔަހޫދީންގެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700 އުފުލިފައިވާ ކަމަަށާއި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 111,000ށް އަރާ ކަމުގައި ޣައްޒާގެ މީޑިޔާ އޮފީހުން ހާމަކުރިއެވެ.
ޔަހޫދީންގެ ތިން އަސީރުންގެ ބަދަލުގައި މިނިވަން ކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރޭގައި 2023 އޮކްޓޫބަރު 7ށްގެ ފަހު ޣައްޒާއިން ހައްޔަރު ކޮށްފައިވާ 111 މީހުން ހިމެނެއެވެ. މީގެ އިތުރުން، އުމުރު ދުވަހަށް ޖަލަށް ލާފައިވާ ހަތް މީހުންނާއި، ދިގު ޙުކުމްތަކެއް އިއްވާފައިވާ ޣައްޒާގެ 20 ރައްޔިތުންނާއި ހުޅަނގު އައްސޭރީގެ 42 މީހުންގެ އިތުރުން ޤުދުސްގެ ތިން މީހުން ހިމެނެއެވެ.
މިއީ، ޔަހޫދީންގެ ޢުދުވާންތައް މެދުކަނޑައިލުމަށް ފަހު ޙަމަސާއި ޔަހޫދީންނާ ދެމެދު އަސީރުން ބަދަލު ކޮށްފައިވާ ފަސްވަނަ ފަހަރެވެ. ޔަހޫދީ ތިން އަސީރުން މިނިވަން ކުރުމަށް ޙަމާސުން އެއްބަސްވެފައި ވަނީ، ޔަހޫދީންގެ އަމަލުތަކާ ގުޅިގެން އެ ކަމާ ދެކޮޅު ހެދުމަށް ފަހުއެވެ. ޙަމާސުން ބުނީ، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސްއަޅައި، ޔަހޫދީން އެއްބަސްވުމާ ޚިލާފުވަމުންދާ ކަމުގައެވެ. ޣައްޒާއަށް އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އަޅަމުންދާ ސާމާނުގެ ތެރޭގައި ފޭލިގެއާއި ވަގުތީ ހިޔާ ބިނާ ކުރުމަށް ބޭނުން ކުރާ ސާމާނު ހިމެނެއެވެ.
އަސީރުން ބަދަލު ކުރުމުގެ ފަސްވަނަ ދުވަހު މިނިވަން ކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން އެންމެ ފުރަތަމަ ރާމަاللهއަށް ގެންގޮސްފައި ވަނީ 42 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެނުންނެވެ. އަދި، ޣައްޒާއަށް 27 މީހުން ގެންގޮސްފައިވެއެވެ. މިއަދު މިނިވަން ކޮށްފައިވާ މީހުންގެ ތެރޭގައި މީގެ 21 އަހަރު ކުރިން ޖަލަށް ލާފައިވާ ޙަމާސްގެ މެންބަރެއް ކަމުގައިވާ އިޔާދު އަބޫ ޝަޚްދަމާއި ހުޅަނގު އައްސޭރީގެ އަލް-ބީރާގެ މޭޔަރުގެ މަޤާމު ފުރުއްވާފައިވާ ޖަމާލް އަލް-ޠަވީލް ހިމެނެއެވެ. ޠަވީލް ވެސް ޖަލަށް ލާފައި ވަނީ މީގެ ދެ ދަހަރެއްހާ ދުވަސް ކުރިންނެވެ.
ޣައްޒާގައި ހިންގަމުން ދިޔަ ލާއިންސާނީ ޤަތުލުޢާންމު މެދުކަނޑައިލުމަށް ފަހު، ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ ހުޅަނގު އައްސޭރިއަށް އަރައި، އެ ސަހަރުގައި ދިރިއުޅޭ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޖަރީމާތަކެއް ހިންގަން ފަށާފައެވެ. ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ސަރުކާރުން ބުނީ، ޔަހޫދީ ފައުޖުގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ރާމަاللهގެ ހުޅަނގުއުތުރުން އޮތް ދަޔިރް ނިޟާމަށް ކަމުގައެވެ. މީގެ އިތުރުން ޤަލްޤީލިއްޔާއަށް އަރައި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ވަނީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު އަސީރުން ބަދަލު ކުރުމަށް ކުރަމުންދާ މަސަައްކަތުގެ ދަށުން، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރެއިން 18 މީހަކު ވަނީ މިނިވަން ކޮށްފައެވެ. އަދި، ޔަހޫދީންގެ ޖަލުތަކުގައި ތިބި މީހުންގެ ތެރެއިން 550އެއްހާ މީހުން ވަނީ ދޫކޮށްލާފައެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ޙަމާސުން 300 އަސީރުން، އަދި ޔަހޫދީންގެ ޖަލުތަކުގައި އަނިޔާ ދެމުންދާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 2,000އެއްހާ މީހުން މިނިވަން ކުރާން ޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ