ރައީސް މުއިއްޒު ބޭނުންވަނީ ސުޕްރީމް ކޯޓު ޕެރެލައިޒްކޮށްލަން: ފައްޔާޒް ރައީސް މުއިއްޒު ބޭނުންވަނީ ސުޕްރީމް ކޯޓު ޕެރެލައިޒްކޮށްލަން: ފައްޔާޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންވެވަޑައިގަންނަވަނީ ނުފޫޒު ފޯރުވައިގެން ސުޕްރީމް ކޯޓު ޕެރެލައިޒްކޮށްލަން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ދުރުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީއިން ބުނިފަހުން، ފައްޔާޒް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ މަޖިލީހުގައި ސަރުކާރަށް ލިބިފައި އޮތް ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ސުޕްރީމް ކޯޓު ޕެެލައިޒްކޮށްލަން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ބާރުތައް މުށުތެރެއަށް ލެއްވުމަށްފަހު ރައީސް މުއިއްޒު މިހާރު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ އެ ބާރު ބޭނުންކޮށްގެން ސުޕްރީމް ކޯޓު ޕެރަލައިޒްކޮށްލުމަށް. ގާނޫނުއަސާސީގައި ބަޔާންކުރާ ތިން ބާރު ވަކިވެފައިވާ ނިޒާމު ގަޑުބަޑުކޮށް، ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ އަދުލު އިންސާފަށް ހުރަސް އެޅުމުގެ ފުރުސަތު ދިވެހިންނެއް ނުދޭނެ،" ފައްޔާޒް ވިދާޅުވެފައި އޮތެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ބޭނުން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކިކޮށް އެ މަގާމުތަކަށް ސަރުކާރަށް ވަފާތެރި ބޭފުޅުން އައްޔަން ކުރަން ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މިހާރު ރާވާފައިވާއިރު، ހުސްވާ މަގާމުތަކަށް މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފުގެ އިތުރުން، މިހާރު މި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރަމުން ގެންދާ ދެ ބޭފުޅަކު އައްޔަނުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ،" އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ފަނޑިޔާރުން ވަކި ކުރުމުގެ އިތުރުން ބައެއް އެހެން ގޮތްގޮތުން ކޯޓަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެކި ނިންމުންތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށާއި، އެހެނިހެން ގޮތް ގޮތުން ނުފޫޒު ފޯރުވުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން،" އެމްޑީޕީން ބުންޏެވެ.
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ބުނާ މާއްދާއެއް ގާނޫނުއަސާސީއަށް އިތުރު ކުރި މައްސަލަ އެ ކޯޓަށް ހުށަހަޅައި، އެ މައްސަލަ މި ހިނގާ މެއި 16، ގައި ބަލަން ތާވަލުކޮށްފައި އޮއްވަ އެވެ.
ގާނޫނުއަސާސީއަށް ބަދަލު ގެނައީ އަސާސީ އިސްލާހު ކުރަން މާއްދާތަކެއް ހުށަހެޅިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. ގެނައި ބަދަލުތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކުރި ނަމަވެސް އެ މެންބަރެއްގެ ގޮނޑި ގެއްލުން ހިމެނެ އެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ އެއީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ބާތިލު އިސްލާހުތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ