ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ރައީސް އޮފީސް ބުނެފިއެވެ.
ރައީސް މުއިއއޒު އެސްޓޯނިއާއަށް ވަޑައިގަތީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް މމިދިޔަ މަހުގެ 13 އިން 17 އަށެވެ. އެ ދަތުރުފުޅުގެ ހަރަދުގެ ތަފުސީލު ހާމަކުރައްވަމުން ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅަށް ޖުމްލަ 1،371،069.18 ރުފިޔާ ހަރަދުވި ކަމަށެވެ.
ރައީސްގެ ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންނާއި ޓާރްޓޫގެ މޭޔަރާއި ތައުލީމީ ދާއިރާގެ މަންދޫބުންނާއި ފާހަގަކޮށްލެވޭ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންނާ އެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވިއެވެ.
އެ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެވޭނެ ގޮތްތައް ދެނެގަތުމުގެ މައްޗަށެވެ. އެސްޓޯނިއާގެ ސަރުކާރާއި އެ ގައުމުގެ މުއައްސަސާތަކުން ވަނީ ރާއްޖެއަށް އެއްބާރުލުން ދީ، ރާއްޖެއާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދީފަ އެވެ.
ރައީސްގެ އެ ދަތުރުފުޅުގައި އެސްޓޯނިއާގެ ސަރުކާރާއެކު ތިން އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އޭގެ ތެރެއިން އެއް އެއްބަސްވުމަކީ ދިވެހި ސަރުކާރާއި އެސްޓޯނިއާގެ ސަރުކާރާ ދެމެދު މައުލޫމާތު ބަދަލުކުރުމާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ސޮއިކުރި އެއްބަސްވުމެކެވެ. ދެވަނަ އެއްބަސްވުން ހެދީ ދެ ގައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމަށެވެ. އަދި، ރާއްޖޭގެ ހޯމް މިނިސްޓްރީ އާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒްއާ ދެމެދުގައި ވެސް އެއްބަސްވުމެއްގައި ސޮއިކުރިއެވެ.
ސަރުކާރުގެ އިސްވެރިން ކުރައްވާ ދަތުރުތަކުގެ ހަރަދާއި ހާސިލްވާ ކަންކަމުގެ ތަފްސީލުތައް އެއިން ކޮންމެ ދަތުރަކަށް ފަހު ރައީސް އޮފީހުން އަންނަނީ އާންމު ކުރަމުންނެވެ.
އެސްޓޯނިއާއަށް ރައީސް ކުރެއްވި ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ