ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ނިންމީ މަޝްވަރާނުކޮށް، %50 ރައްޔިތުން ނުރުހޭ: ކައުންސިލް
ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލު ކުރަން ނިންމިއިރު، އެ ކަމާ ގުޅިގެން ސަރުކާރުން އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާ ކަމަށާއި، ހަނިމާދޫ ރައްޔިތުންގެ ދެބައިކުޅަ އެއްބައި ރައްޔިތުން އެ ކަމަށް ނުރުހޭ ކަމަށް އެ ރަށު ކައުންސިލުން މިރޭ ބުނެފިއެވެ. ހދ. ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން އެ ރަށު ކައުންސިލުން ސަރުކާރުގައި އެދިފައިވަނިކޮށް، އެ ރަށުގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަން ހާމަކުރީ މިއަދެވެ. https://sun.mv/202076 މި ކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން ވިދާޅުވީ، މި ކަމާ ގުޅިގެން ސަރުކާރުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށާއި، ސަރުކާރުން މިއަދު އެ ނިންމުން ނިންމިކަން އެނގުނީ މީޑިއާއިން ކަމަށެވެ. އޭނާ ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުވުމަށް އެދި މިދިޔަ އަހަރު ސިޓީއެއް ފޮނުވި ކަމަށެވެ. އެ ކަމާ ގުޅިގެން ގޮތެއް ނިންމުމަށް ހަނިމާދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވުނު ރައްޔިތުންގެ ބައްދަލުވުމަށް އައީ ވަރަށް މަދު ބައެއް ކަމަށާއި އޭގެތެރެއިން ގިނަ ބަޔަކު އެ ކަމާ ނުރުހުނު ކަމަށް އަބްދުއްސައްތާރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ގެންނަން އެ ރަށުގެ ދެބައިކުޅަ އެއްބައި މީހުން ބޭނުމެއް ނުވެއެވެ. "...ދެން ދެބައި ވެސް ގާތްގަނޑަކަށް އެއްވަރުވަނީ. 50-50، އެއްބަޔަކު ހަމަ އެއީ ރަނގަޅު ކަމެއް ކަމަށް ބަލާ. އެ ކަމު އަނެއް ބަޔަކު މި ބުނަނީ ރަނގަޅު ކަމެއް ނޫނޭ. ރަނގަޅު ކަމަށް އެ ބުނަނީ ރަށުގެ އާބާދީ ބޮޑުވި ވަރަކަށް ތަރައްގީ އިތުރުވާނެތީ" އަބްދުއްސައްތާރު ވިދާޅުވިއެވެ. ހަނިމާދޫގެ ބައެއް ރައްޔިތުން މިކަމާ ނުރުހޭ ސަބަބެއް ކަމަށް އޭނާ ފާހަގަ ކުރެއްވީ، އެ ރަށުގައި އޮންނަ އިޖްތިމާއީ އިޚްލާގީ މިންގަނޑަށް އަސަރުކޮށް އަމާންކަމަށް ނޭދެވޭ އަސަރުކޮށްފާނެތީއެވެ. ހަނިމާދޫއިން 500 ހައުސިން ޔުނިޓުދޭން ނިންމާފައިވާއިރު، ހިރިމަރަދޫ ރައްޔިތުން އެ ރަށަށް ބަދަލު ކުރުމުގެ ޕްލޭނާ މެދު ވެސް އެ ރަށުގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އެބަ އޮތެވެ. އަބްދުއްސައްތާރު ވިދާޅުވީ ހަނިމާދޫއިން ގާތްގަނޑަކަށް 500 މީހުން އެ ތަންތަނުން ބޯހިޔާވަހިކަން ހޯދުމަށް އެދޭ ކަމަށެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ނުވައެއްގައި ހިރިމަރަދޫ ކައުންސިލުން ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ބައްދަލުކޮށް، އެ ރަށުގެ ރައްޔިތުން ބޭނުންވަނީ ތުލުދުސްދުއަށް ބަދަލުވާން ކަމަށް ބުނެފައިވެއެވެ. ނަމަވެސް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުން އެދުނު ގޮތަށް، އެރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށެވެ. އެ ބަދަލާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ